Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގަވާއިދާ ޚިލާފަށް އެއްވުންތައް ބޭއްވުން

ފުލުހުންނަށް ރިޕޯޓް ނުކުރަންޏާ ގަވާއިދާ ޚިލާފަށް ކަމެއް ހިނގިޔަސް ނުހުއްޓުވޭތަ؟

އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއް އަދިނުފެނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2021 | ބުރާސްފަތި 05:10
މާލޭގެ މަގުތައް ބަލަހައްޓައި ވެށި އަމާން ކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރޭ.

މާލޭގެ މަގުތައް ބަލަހައްޓައި ވެށި އަމާން ކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރޭ.

ރާއްޖޭގައި ކޮވިޑުގެ ހާލަތުގެ ގޯސްވެ، މިއައި ތިންވަނަ ރާޅާއެކު ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވަކި ގަޑިއެއްގައި ވެހިކަލް ނުދުއްވުމާއި ގެއިން ބޭރުގައި ވަކި ގަޑިއެއްގެ ފަހުން އުޅުން މަނާވުމުގެ އިތުރުން ކައިވެނި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، 10 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭ ގޮތަށް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މި ފިޔަވަޅުތަކާއެކު ކެނޑިނޭޅި އެންމެން ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. ފިޔަވަޅުތަކަށް ލުއި ލިބޭނީ ކޮންއިރަކުބާވައެވެ. ރާއްޖޭގެ ހާލަތު ރަނގަޅުވާނީ ކޮންއިރަކުބާވައެވެ.

ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ފިޔަވަޅުތަކަށް ލުއި ދޭނެ އިރަކަށެވެ. ކޭސްތައް މަދުނުވޭތޯ ނުވަތަ ވެކްސިނާއެކު މިބަލި ކޮންޓްރޯލް ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދައެވެ. ބަހުސް ކުރެއެވެ. އެންމެ ގިނައިން ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި ކަމާބެހޭ މީހަކާ ދިމާވެ ވާހަކަ ދައްކާލަން ލިބޭ ފުރުސަތުގައި ވެސް ކުރެވޭ ސުވާލަކީ މިއީއެވެ. ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން ސިލްސިލާ ގޮތެއްގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފިޔަވަޅުތަކަށް ލުއި ދޭނެ ވާހަކަ ދައްކާތޯ ގިނަ ބަޔަކު ތިބެނީ ކެތްމަދުވެފައެވެ.

2020 ވަނަ އަހަރު ނިމެންދިޔައިރު ކޭސްތައް މަދުވެގެން ދެވުނު ލުއިތަކާއެކު މާލެ ސިޓީގެ މަގުމަތީގައި އާއްމުން އުޅެމުންދިޔަ ގޮތުން، ކޭސްތައް އިތުރުވެދާނެކަމުގެ އިންޒާރު ތަކުރާރުކޮށް ޑޮކްޓަރުންގެ ޓީމުން ދިޔައީ ދެމުންނެވެ. އިންޒާރު ދިން ނަމަވެސް ބަޔަކު މީހުންނަށް އެ އަޑު ނީވުމުގެ ނަތީޖާއަކީ ތިން ވަނަ ރާޅާއެކު އިންތިހާއަށް ކޭސްތައް އިތުރުވެގެން ދިއުމެވެ. އައު ވޭރިއެންޓްވެސް ރާއްޖެއިން ވަނީ ފެނިފައެވެ. ކުރިއާ އަޅައިބަލާއިރު ކޭސްތައް ގިނަ ވެގެންދަނީ ޑޮކްޓަރުން ކަންބޮޑުވާ ވަރަށެވެ. ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހި، އެކްޓިވް ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވީއެވެ. ކޭސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ދީފައިވާ ލުއިތަކަށް ނިމުން ގެނެސް ހަރުކަށި ފިޔަވަޅުތަކެއް އެޅީއެވެ. މީގެ އިތުރުން ކޭސްތައް ދަށްނުވާނަމަ ލޮކްޑައުނަކަށް ދާންޖެހިދާނެކަމުގެ އިޝާރާތެއް ވެސް އެޗްއީއޯސީން ދީފައިވެއެވެ.

އިންޒާރު ލިބުނަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާމެދު ހިތްހަމަ ނުޖެހި އަދި އެކަމުގެ އުނދަގޫ ތަހައްމަލު ކުރާ އެތައް ބަޔަކު މި މާލޭގައި ދިރިއުޅޭނެއެވެ. ފެބްރުއަރީ 3ވީ ބުދަ ދުވަހުން ފެށިގެން ރޭގަނޑު 11:00ން ފަތިހު 4:30ގައި ކާފިއު ހިންގަން ވަނީ ފަށާފައެވެ. ފެބްރުއަރީ މަހުގެ 12ވީ ހުކުރު ދުވަހުގެ ހަވީރު 6:00ން ހެނދުނު 6:00ށް ހުއްދަ ދީފައިވާ ޚާއްސަ އުޅަނދުތައް ފިޔަވައި އާއްމުންނަށް އެއްވެސް ކަހަލަ ވެހިކަލްއެއް ދުއްވުން މަނާވީއެވެ. ހަމަޔަގީނުން ވެސް މި ފިޔަވަޅުތަކާއެކު ދަތިވާނެ އެތައް ބަޔަކު ތިބޭނެއެވެ. ޚާއްސަ ގޮތެއްގައި އެކިއެކި ވިޔަފާރިތަކުގައި އުޅޭ މީހުންނާއި، އެގަޑިތަކުގައި ޑިއުޓީއަށް ދާ މީހުންނެވެ.

މީގެ އިތުރުން ފެބްރުއަރީ އެއްވަނަ ދުވަހު ''ދިފާއު'' ގެ ނަމުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށައި ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު، ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ވެސް އެކަމާ ސުވާލު އުފައްދާ ކަމެކެވެ. ވެކްސިނާކު ލުއި ލިބޭނެކަމުގެ އުންމީދުގައި ހަމަޔަގީނުން ވެސް ގިނަ ބަޔަކު ތިބޭނެއެވެ. ނަމަވެސް އުންމީދު ކުރި ގޮތާއި ޚިލާފަށް ފިޔަވަޅުތައް ހަރުކަށި ކުރަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެނޫން ގޮތެއް ނެތިގެން ކަމަށް އެޗްއީއޯސީން ބުނެއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރަމުންދިޔަ ނަމަވެސް ގައިޑްލައިންތަކާއި ޚިލާފަށް ބައެއް މީހުން ޕާޓީތަކާއި ހަފްލާތައް ބާއްވައެވެ. މުޒާހަރާތަކާއި އެއްވުންތައް ވެސް ހަމަ ބާއްވަނީއެވެ. ޕާޓީތައް ބޭއްވުމަށް މާލެސިޓީގެ ރެސްޓޯރަންޓުތަކާއި ގޭގޭގެ ޓެރެސް ވެސް ކުއްޔަށް ދޫކުރަނީއެވެ. މި ހުރިހާ ކަމެއްވެސް މިކުރަނީ އެއް ބޭނުމެއްގައެވެ. ފައިސާގެ ބޭނުމުގައެވެ. ރައްޔިތުންގެ ފުރާނަ އަތްމައްޗަށް ލައިގެން ލިބޭ ފައިސާއަކުން ވާނީ ކޮންފައިދާއެއްތޯއެވެ؟ ކައިވެނި ޕާޓީތަކާއި ހަފްލާތަކަކީ އެންމެ ގިނައިން މީހުން އެއްވެ އެއްތަނަކަށް ޖަމާވުމަށްޓަކައި ހުޅުވިގެންދާ ދޮރެވެ. މި ދޮރުގެ ތެރެއިން ވައިރަސް ޖެހިފައި ހުރި މީހަކު ވަނަސް އަދި ނުވަނަސް އެނގޭނެ އެއްވެސް ގޮތެއް އޮންނަނީއެއް ނޫނެވެ. މާލޭގައި ދާދިފަހުން އެންމެ ގަދައަކަށް ދެކެވުނު ވާހަކައަކީ ކައިވެނި ޕާޓީއަކަށް ދިޔަ މީހަކު ޕޮޒިޓިވްވި ވާހަކައެވެ. މިއާއެކު މި ކައިވެނި ކްލާސްޓަރގެ ތެރެއިން 300ށް ވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި، އޭގެތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއީވެސް ވަގުތީ އުފަލަކަށްޓަކައި ވިސްނާނުލައި ކަންކަން ކުރުމުގެ ހިތި ނަތީޖާއެވެ. މިހާރުވެސް ބައެއް މީހުންނަށް މިއަޑު ނީވޭ ކަހަލައެވެ. ކައިވެނި ޕާޓީތަކާއި އެއްވުންތައް ނުބާއްވާށޭ ބުންޏަސް އަޑު ނީވެއެވެ. ޑޮކްޓަރުން ތަކުރާރުކޮށް ގޮވަމުން މިދާ ވާހަކަތައް އެއް ކަންފަތުން ވައްދާފައި އަނެއް ކަންފަތުން ނެރެނީއެވެ. ފިޔަވަޅުތައް މިއަޅަނީ ރައްޔިތުންގެ ރައްކަލަށްޓަކައެވެ. އެހެންމީހުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ އުފާތައް ގުރުބާން ކުރަންޖެހޭ ފަހަރުވެސް އާދެއެވެ. މިއަދު މިއޮތީ އެހާލަތެވެ. އެހެންނަމަވެސް އަދިވެސް މުޖުތަމައުން ފެނިގެންދަނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އަމަލުކުރާތަނެވެ. އެންގުންތަކާ ޚިލާފުވާން ވިޔަފާރިތަކުންނާއި އާއިލާތަކުން ވެސް ހިތްވަރު ދެނީއެވެ.

މިކަމުގެ ހެއްކެއްގެ ގޮތުގައި ދާދިފަހުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ބޭއްވި ދެ ކައިވެނި ޕާޓީ ވެސް ފުދެއެވެ. ފުލުހުން ވަނީ އެ ދެ ޕާޓީ ވެސް ހުއްޓުވާފައެވެ. މީގެ އިތުރުން ފިލްމީ ތަރިއަކާއި ސިޔާސީ ބޭފުޅެއްގެ ކައިވެނި ޕާޓީގެ ޕޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެކަމަަށް ފިޔަވަޅު އަޅާފައި ނުވާތީ ގިނަ ބަޔައެއްގެ ފާޑު ކިޔުން ވެސް އަމާޒުވިއެވެ. މި މައްސަލައާ ގުޅިގެން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވެފައިވަނީ ގަވައިދާ ޚިލާފަށް ކުރިއަށްގެންދާ ކައިވެނި ޕާޓީތައް ހުއްޓުވަނީ އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން ކަމަށެވެ.

ތެދެކެވެ. ގަވާއިދާ ޚިލާފަށް ކަމެއް ހިނގާނަމަ އެކަން ރިޕޯޓު ވެސް ކުރަންވީއެވެ. އެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްދޭންވީއެވެ. ނަމަވެސް އެފަދަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ މައްސަލައެއް ބެލުމުގައި ފުލުހުންގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުގެ ދައުރެއް ވެސް އޮންނާނެއެވެ. މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން އެޗްޕީއޭ އިން މަނާކޮށްފައިވާއިރު، މިހާރަށް ވުރެ ބޮޑަށް މިކަން މޮނިޓަރ ކުރަން އެބަ ޖެހެއެވެ. ގަވާއިދާ ޚިލާފަށް ޕާކު ކުރުމުން ސްޓިކަރ ޖެހުމާއި، ދަތްދޮޅީގައި މާސްކު އޮތިއްޔާ ޖޫރިމަނާ ކުރުން އޮވެއެވެ. ލައިސަންސް ނެތި ވެހިކަލް ދުއްވުމުން ޖޫރިމަނާއާއެކު ވެހިކަލް ވެސް ހިފަހައްޓަނީ މީހަކު ރިޕޯޓުކޮށްގެނެއް ނޫނެއެވެ. ފުލުހުން އެކަން ކުރަނީ އެމީހުންގެ ޒިންމާއަކަށްވާތީއެވެ. މިހާތަނަށް ވެސް ތަންފީޒު ކުރަން ބޭނުންވި ކޮންމެ ކަމެއް ފުލުހުން ވެސް އެހެން މުއައްސަސާތަކުން ވެސް ނުކުމެ އޮތީ ތަންފީޒުކޮށްފައެވެ. ހަރުކަށި އަދަބުދީގެން ވެސް ހުއްޓުވިއެވެ.

އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކު އުދަނގުލުގައި ދިރިއުޅެމުންދާއިރު، އެއްބަޔަކު ކައިވެނި ކުރުން ލަސްކުރީއެވެ. ޕާޓީތައް ނުބާއްވާ ކެންސަލް ކުރީއެވެ. ހާލަތު ރަނގަޅުވަންދެން މަޑުކޮށްލި މީހުން މަދެއްނުވާނެއެވެ. މިފަދަ މީހުންނަށް ވުމަށް ހުރިހާ އެންމެން ވެސް ގަދަ އަޅައި މަސައްކަތްކޮށް ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. ވެކްސިނާއެކު ރަނގަޅު ނަތީޖާއެއް ފެންނާނީ އޭރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

އަނިޔާކުރާ ފުލުހުންނަށްވެސް ޖިނާއީ މިންގަނޑުން ދައުވާ ކުރަން ޖެހޭ!!

06 ޖުލައި 2019
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

20 އެޕްރީލު 2019
ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު

ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު

23 ޖޫން 2018
އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

19 މާރިޗު 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު