ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 14:58
ހުކުރު ދުވަހު އެމްޑީޕީން ބޭއްވުމަށް ރޭވި ޖަޒީރާ ދުވުމުގައި ބައިވެރިވުމަށް ދިޔަ މީހުން ސްޓޭޑިއަމް ސަރަހައްދަށް ވަނަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރަނީ
ހުކުރު ދުވަހު އެމްޑީޕީން ބޭއްވުމަށް ރޭވި ޖަޒީރާ ދުވުމުގައި ބައިވެރިވުމަށް ދިޔަ މީހުން ސްޓޭޑިއަމް ސަރަހައްދަށް ވަނަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރަނީ
އަޝްވާ ފަހީމް
ސިޔާސީ ހަރަކާތްތައް
ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު
އެއްވެ އުޅުމުގެ ގާނޫނާއި ގަވާއިދު ގާނޫނު އަސާސީއާ ހިލާފު
ސިޔާސީ ހަރަކާތް ހިންގުން ނުހުއްޓުވޭނެ
ފުލުހުން ސިޔާސީ ވެފައިވާ ކަމަށް ކުރާ ތުހްމަތު ބޮޑު

ހުކުރު ދުވަހަކީ ފާހަގަކޮށްލެވޭ ދުވަހެކެވެ. އެންމެ ބޮޑު ތިން ޕާޓީން ވެސް ސިޔާސީ ހަރަކާތްތައް ބޭއްވި އެވެ. "ޖަޒީރާ ދުވުން" ނަމުގައި، އެކުވެނި ޓްރެކްގައި ދުވުމެއް ބޭއްވުމަށް އެމްޑީޕީން ރޭވިއިރު، ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ޓީމުން ބޭއްވީ "ގޯއްޗަށް" ހިނގުމެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުން ތިބީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އެ ޕާޓީގެ ކޮންގްރެސްގަ އެވެ. ތިން ގޮތަކަށް ބޭއްވި ތިން ހަރަކާތެކެވެ. ނަމަވެސް އެންމެ ބޮޑު ތަފާތަކީ، ހަމައެކަނި ފުލުހުން  އެމްޑީޕީގެ ހަރަކާތަށް ހުރަސް އެޅުމެވެ.

މިއީ އިއުލާނުކުރުމަށް ފަހު ބޭއްވި ސުލުހަވެރި ސިޔާސީ ހަރަކާތެވެ. ނަމަވެސް އެމްޑީޕީގެ "ޖަޒީރާ ދުވުން" ފެށުމުގެ މާކުރިން ފުލުހުން އެކުވެނި ދަނޑު ބަންދުކުރި އެވެ. އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަހައްދުން ދުރުކޮށް، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ޕާޓީގެ އިސް ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ވެސް ހައްޔަރުކުރި އެވެ.

މި ދުވުމަށް ވަޑައިގެންނެވި އަދި ފުލުހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފުލުހުން އަމަލުކުރީ އެއްވެސް ގާނޫނަކާއި އުސޫލަކާ އެއްގޮތަަކަށް ނޫން ކަމަށެވެ. ދުވަން ދިޔަ މީހުން ހައްޔަރުކުރީ ކީއްވެގެންކަން ނާންގާއިރު، ދޫކޮށްލީ ކޮން ސަބަބެއް އޮވެގެން ނުވަތަ ނެތިގެން ކަމެއް ވެސް ފުލުހުން ނުބުނާ ކަމަށް، ގާނޫނީ ވަކީލު އިމްތިޔާޒު ވިދާޅުވި އެވެ. ނަމަވެސް، ހައްޔަރުކުރި މީހުން ދޫކޮށްލުމުގެ ކުރިން ލިޔުމެއްގައި ސޮޮއިކުރުވަން ފުލުހުން އުޅުނު ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ. އެ ލިޔުމުގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް ކަމަށް ލިޔެފައި އޮތީ ހުއްދަ ނުނަގައި ސިޔާސީ ހަރަކާތް ހިންގަން އުޅުން ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"ސިޔާސީ ހަރަކާތް ހިންގުމަށް ފުލުހުންގެ ހުއްދައެއް ނަގަން ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތާއި "އެއްވުން"

ހުކުރު ދުވަހު ސިޔާސީ ތިން ޕާޓީން ވެސް ބޭއްވީ ސިޔާސީ ހަރަކާތެވެ. އެއްވެއުޅުމުގެ ގަވާއިދުގެ ދަށަށް އެ ހަރަކާތްތައް ފައްތާނަމަ، ފައްތަންޖެހެނީ ހަމައެކަނި އެންމެ ޕާޓީއެއްގެ ހަރަކާތެއް ނޫނެވެ. އެމްޑީޕީގެ ޖަޒީރާ ދުވުމަކީ އެއްވެ އުޅުމުގެ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭނަމަ، ޖޭޕީގެ ކޮންގްރެސް އަކީ ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ގޯއްޗަށް ދިއުން، ފުލުހުން ހިތަށް އަރައިފި ނަމަ ފައްތާލާނެ އެވެ. [މިފަހަރު ސަލާމަތްވިކަން ނަސީބެކެވެ.] ތިން ޕާޓީގެ ހަރަކާތްތަކަށް ނަޒަރު ހިންގާލާއިރު، ވެސްޓްޕާކް ރެސްޓޯރެންޓް ހިންގި ބިމުގައި ހަދާފައިވާ ޕީޕީއެމްގެ އޮފީހުން މިނިސްޓަރުންނާއި އެ ޕާޓީގެ މެމްބަރުންނާއި އެކްޓިވިސްޓުން ނުކުމެ ފުރަތަމަ ޖަމާވީ މަގުމައްޗަށެވެ. ބައެއް ސަރަހައްދުތަކުގެ މަގުމައްޗަށް ޖަމާވެ، ހަރަކާތްތައް ހިންގައި، ފޮޓޯ ނެގިއެވެ. ރައީސް ޔާމީންގެ ކެމްޕޭން ޓީމުގެ މަސައްކަތް ފެށީ، ސަރުކާރުގެ ކުންފުންޏެއްކަމުގައިވާ އެޗްޑީސީން އަލަށް ހަދައި އަދި ނުހުޅުވާ ހުރި ޕްރީ ސްކޫލުގަ އެވެ. މި ފުރުސަތު އެހެން ޕާޓީއަކަށް ލިބޭނެތޯ އެވެ؟ މާލޭގެ ބައެއް އަވަށްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގައި ވެސް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ބޭއްވި އެވެ.

ކެންގަރޫ ހިންގާ އައިލެންޑަރސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ދަށުން ހިންގާ ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ހިންގުމަށް ހުއްދައެއް ނުދެ އެވެ. ޕީޕީއެމްއިން އިއްޔެ ކެންގަރޫ ކިޑްސްގައި ސިޔާސީ ހަރަކާތް ހިންގުމަށް ހުއްދަ ދީފައި ނެތް ކަމަށާއި، ކެންގަރޫ ކިޑްސް ދޫކޮށްފައި ހުރީ އަމިއްލަ ފަރުދަކަށް ކަމަށް ބުންޏެވެ. މި ކަންކަން މިގޮތަށް ފާހަގަކޮށްލީ ކަން ހިންގާފައިވާ ގޮތް ހާމަކޮށްލުމަށެވެ. ސުލުހަވެރިކޮށް ހިންގާ ނަމަ މި ޒާތުގެ ކަންކަމަކީ ފުލުހުން ހުއްޓުވަންޖެހޭ ކަމެއް ނޫނެވެ.

ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި  ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާއިރު، އެއްވެ އުޅުމުގެ ގާނޫނު އަދި ގަވާއިދު ވެސް އޮތީ މި މާއްދާއާ ފުށުއަރައެވެ. މި ފުށުއެރުން ފުލުހުންނަށް އަދި މިހާރުގެ ސަރުކާރަށް ނުފެނެ އެވެ.

" ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާނެ، އެއްވެ އުޅެވޭނެ ކަމަށް. އެކަން ފުުލުހުންނަށް ފެނުމަށް ދެ ލޯ ވަނީ ކަނުވެފައި. [އެމްޑީޕީން] ބާއްވަން އުޅުނީ ޖޮގިންއެއް. ޖޮގުކުރުން އެއީ މަނާކަމެއްތޯ؟ ފުލުުންގެ އަތުން ހުއްދަ ހޯދަންޖެހޭތޯ؟ މިކަހަލަ އިވެންޓެއް ބޭއްވުމަށް،" އެމްޑީޕީގެ ޖަޒީރާ ދުވުމަށް އިޝާރަތް ކުރައްވައި އިމްތިޔާޒު ވިދާޅުވި އެވެ.

އެ ދުވުން ހުއްޓުވުމަކީ ފުލުހުން ފުރައްސާރަކުރުން ކަމަށް ވެސް އިމްތިޔާޒު ގަބޫލުކުރައްވަ އެވެ.

ޖަވާބު ނުދެވުނު ސުވާލުތައް
 

އެމްޑީޕީގެ ހަރަކާތް ކުރިއަށް ގެންދަން ފުރުސަތު ނުދީ، ރައީސް ޔާމީންގެ ކެމްޕޭން ޓީމުތައް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނަށް ވައިބަރ އިން ގުޅައިގެން ފޯން ނުނެގުމުން، ސުވާލުތައް ފޮނުވީމެވެ.

ސުވާލު1 :ސުވާލެއް ކޮށްލަން ބޭނުން ވަނީ، ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމާއި ހުއްދަ ދިނުމާއި އެ ހަރަކާތްތައް ހިންގުމަށް އޮންނަ ސަރަހައްދު ބަންދުކުރުމުގައި ބަލަނީ ކޮން އުސޫލަކަށްތޯ؟

ސުވާލު2 :އެމްޑީޕީން ބާއްވަން އުޅުނު "ޖަޒީރާ ރަވުމަށް ފުލުހުން ހުރަސް އެޅީ ކީއްވެތޯ؟ އަދި މިއަދު ހަވީރު ޕީޕީއެމް އިން ބޭއްވި [ގޯއްޗަށް" ހަރަކާތް ކުރިއަށް ގެންދެވުނީ ކީއްވެތޯ؟

މި ދެ ސުވާލާ ގުޅިގެން ޝިފާނު ވިދާޅުވީ، "ހުއްދަ ނަގައިގެން ބާއްވާ އެއްވެސް ސިޔާސީ ހަރަކާތެއް ފުލުހުން ނުހުއްޓުވާނެ، ސިޔާސީ ހަރަކާތްތައް ބޭއްވޭނީ އެކަމަކުގައި އަމަލު ކުރަންވީ ގޮތް ވަރަށް ސާފުކޮށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާނެ" ކަމަށެވެ.

މި ޖަވާބާ ގުޅިގެން އިތުރަށް ކުރި ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް އެ ޖަވާބުން ވެސް އިތުރު ސުވާލުތައް އުފެދޭނެ އެވެ.

ސުވާލު 3: ޕީޕީއެމް އިން ބޭއްވީ ގޭގެއަށް ހިނގުން، އެމްޑީޕީން ބާއްވަން އުޅުނީ ދުވުމެއް. މި ހުންނަނީ ސިޔާސީ ހަރަކާތް. އެއްވެ އުޅުމުގެ ގާނޫނާއި ކޮން ގުޅުމެއްތޯ މި ކަހަލަ ކަންކަމާ އޮތީ؟

ސުވާލު 4: ޕީޕީއެމްގެ ގޭގެއަށް ހިންގުން ބޭއްވީ ފުލުހުންގެ ހުއްދަ ހޯދައިގެންތޯ؟

ޕީޕީއެމްގެ ދުވުން ބޭއްވުމަށް ހުރަސް އެޅިއިރު، ހައްޔަރުކުރި މީހުން ހައްޔަރުކުރީ ކޮން ކަމެއްގަ [ތުހްމަތެއްގައި] ތޯ؟ އަދި ދޫކޮށްލީ ކީއްވެތޯ؟

މި ސުވާލުތަކަށް ޝިފާނު ފުރިހަމައަށް ޖަވާބު ދެއްވާނެ ކަމަށް ގަބޫލްކުރަމެވެ.

ހަމަހަމަ ކަމެއް ނެތް

ފުލުހުންގެ ހިދުމަތަކީ ސަރުކާރުން ބޭނުންވާ ސިޔާސީ މަންފާ ހޯދައިދޭންޖެހޭ މުއައްސަސާއެއް ނޫނެވެ. މުޅި މުވައްސަސާގެ އަމާޒާއި މަސައްކަތް ބިނާވަންޖެހޭނީ ގާނޫނު އަސާސީ ފުރިހަމައަށް ތަންފީޒުކުރުމާއި، ތަފާތުކުރުމެއް ނެތުމާއި، ރައްޔިތުންގެ އިތުބާރުގެ މައްޗަށެވެ. ނަމަވެސް ފުލުހުން ގާނޫނު ތަންފީޒުކުރަނީ ނުވަތަ އަމަލުކުރަމުން ދަނީ ތަފާތު ކުރުމެއް ނެތިތޯ ސުވާލު އުފެދެނީ، ތަފާތު ކުރުން ގެންގުޅޭ ކަމަށް އެތައް ބަޔަކު ގަބޫލުކުރާތީ އެވެ.

"ގާނޫނު ތަންފީޒުކުރުމުގެ ހަމަހަމަކަން ދައްކަންޖެހޭ، އަދި ގާނޫނުގައި އޮތަސް، ތިން ޕާޓީގެ ހަރަކާތް ބޭއްވިއިރު ހުއްޓުވާނީ ކޮން ޕާޓީއެއްގެ ހަރަކާތެއް ކަމެއް ކަނޑަމިއަޅަނީ ފުލުހުން. އޭގެން ދޭހަކޮށް ދެނީ ސަރުކާރުން އަންގައިގެން ކުރާ ކަމެއްކަން،" ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ފުލުހުން ބޭނުންވާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި ހުއްޓުވާއިރު، މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރެވެ. ކެމްޕޭނުތައް ވަނީ ފަށައިފަ އެވެ. އެއްވެ އުޅުމުގެ ގާނޫނުގެ ދަށަށް ފައްތައި، ސިޔާސީ ހަރަކާތްތަކަށް ހުއްދަ ނަގަންޖެހޭ ކަމަށް ފުލުހުން ގަބޫލުކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިފަދަ ކަންކަމުން "ފުލުހުންގެ ނިޔަތާއި ތެދުވެރިކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ" ކަމަށް ހަމީދު ވިދާޅުވި އެވެ.

"ގޮތެއް ފޮތެއް އުސޫލެއް ނެތި" ހިތަށް އެރުމުން ސިޔާސީ ހަރަކާތްތައް ހުއްޓުވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބު އިންސާފުވެރިއެއް ނުވާނެ އެވެ. މިފަދަ ކަންބޮޑުވުންތައް ހުރިއިރު، ސުވާލަށް ޖަވާބު ނުދިނުމަކީ ކަންބޮޑުވުން އިތުރުކޮށްދޭ ކަމެކެވެ. ފުލުހުންގެ ތަސައްވަރު ގޯސްވެ، އިތުބާރު ގެއްލިގެންދާނެ އެވެ. 

- ކޮމެންޓް