ކ. މާލެ
|
12 ފެބްރުއަރީ 2021 | ހުކުރު 19:55
ޕީޕީއެމް/ޕީއެންސީ މުޒާހަރާގެ ތެރެއިން
ޕީޕީއެމް/ޕީއެންސީ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅުގެ މުޒާހަރާ
ރާއްޖޭގެ ހާލަތު ނާޒުކު، އެކަމަކު އިދިކޮޅަށް މިނިވަންކަމާއެކީގައި މުޒާހަރާ ކުރެވޭ؟
 
ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި 200އާއި ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވޭ

ރާއްޖެއިން ކޮވިޑްގެ އައު ވޭރިއަންޓެއް ފެނި، ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެގެންދިޔުމާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިގެންދިޔައެވެ. އެގޮތުން ރޭގަނޑު 12:00ން، ފަތިހު 4:00ށް ކާފިއު ހިންގާ، ރޭގަނޑު 11:00 ގެ ފަހުން މަގުމަތީގައި ހިނގާފައި ނޫޅެވޭ ގޮތަށް ވަނީ ހަދާފައެވެ. މިއީ ހައްތަހާވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ވައިރަހުން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކެވެ.

މި ފިޔަވަޅުތަކާއެކުވެސް ދިވެހި ސަރުކާރަށް އެއްކަމެއް ހަނދާން ނެތުނު ކަހަލައެވެ. ޕީޕީއެމް/ފީއެންސީ ކޯލިޝަންގައި ހިމެނޭ މެމްބަރުންނަށް މިނިވަންކަމާއެކީ މުޒާހަރާ ކުރެވުމުގެ ފުރުސަތު ހުޅުވާލެވިގެންދިޔައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައިވެސް ފެނިގެންދިޔައީ މި މަންޒަރެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 100ށްވުރެން މަތީގައި އުޅޭއިރު ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ފުރަތަމަވެސް ރާއްޖެއިން އައު ވޭރިއަންޓް ފެނުމުން ޑޮކްޓަރުންނާއި ކަމާގުޅޭ މާހިރުން ދައްކަމުން މިދިޔައީ އެއްވާހަކައެކެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފިކަމުގައިވާނަމަ ރާއްޖޭގައި ވައިރަސް ހަލުވިކަމާއެކު ފެތުރިގެންދިޔުމެވެ. މި އައު ވޭރިއަންޓްގެ ސަބަބުން ކޮންމެ އެކަކުން ފަސް މީހަކަށް ވައިރަސް ޖެހޭއިރު ސިމްޕްޓޮމެޓިކްވާ މީހުންގެ އަދަދު 10 އިންސައްތަ އިތުރުވެގެންދެއެވެ. މިއަދު މިއޮތީ އެއްކަލަ ސިއްހީ މާހިރުން ބުނި ދުވަސް އައިސް ޖެހިފައެވެ. ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކަށް ބަލާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކޮވިޑް-19 ވޭވް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ. ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ ފުރެމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ބާކީ ހުރީ މަދު އެނދުތަކެއްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަންތައްތަކަށް ބީރުކަންފަތެއްދީ އިދިކޮޅުން ހަމަ ހިތަށް އެރުމުން މުޒާހަރާތައް ކޮށްލަނީއެވެ. އެންމެ ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރިއެވެ. އެއަށްފަހު ވެކްސިން ނުޖަހާނެ ކަމަށް ބުނެ މުޒާހަރާތައް ކުރިއެވެ. ދެން ހުކުރު ދުވަހު މި ބޭއްވި މުޒާހަރާއަކީ "މަގޭ ފްލެޓް ކޮބާ؟" ނަމުގައި ބޭއްވި މުޒާހަރާއެކެވެ.

މުޒާހަރާ ނިންމާލުމަށްފަހު ޕީޕީއެމް/ޕީއެންސީގެ އިސްވެރިން

އަޅުގަނޑަށްވެސް މި މުޒާހަރާ ގާތުން ކަވަރކޮށްލުމުގެ ފުރުސަތުގެ ލިބިގެންދިޔައެވެ. މުޒާހަރާ ތެރޭގައި ހުރިއިރުވެސް ހިތަށް އެރީ ހަމައެންމެ ސުވާލެކެވެ. މިއީ ހަމަ ހަޤީޤަތުގައި ވެސް ފްލެޓްތައް ނުލިބުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅުން ބޭއްވި މުޒާހަރާއެއް ބާވައެވެ. އެއީ މުޒާހަރާގައި އިދިކޮޅުން ބޭނުންކުރި ބެނަރއާއި އަތުގައި ހުރި ޕޯސްޓަރުތަކާއި ދިމާނުވާތީއެވެ. ބެނަރގައި ފްލެޓް ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިހުތިޖާޖުގެ ބައިވެރިން ހިފަހައްޓަލާއިގެން ތިބި ބައެއް ޕޯސްޓަރުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ލިޔުންތައް ލިޔެފައިވެއެވެ. އަދި ބައެއް ފަހަރު ފްލެޓްތައް ކޮބާހޭ ކިޔާ ގޮވުމުގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިން އިސް ސަފުގައި ތިއްބަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންދެއެވެ. ދެ ފަހަރެއްގެ މަތިން ފުލުހުންގެ އިސް ސަފުތައް ފަޅާލާ މުޒާހަރާގެ ބައިވެރިން ގޮސްފައިވާއިރު މުޒާހަރާ ކުރަމުންދިޔައިރުވެސް އެއްވެސް ގައިދުރުކަމެއް ނެތެވެ. މާސްކް އަޅަން ބޭނުންނުވާ މީހުން މާސްކް ދަތްދޮޅީގައި ބަހައްޓައިގެން ނުވަތަ އެއްވެސް ގޮތަކަށް މާސްކެއް ނާޅާ މުޒާހަރާގައި ބައިވެރިވެއެވެ. އެހެންނަމަވެސް މި މަންޒަރުތައް ބަލަން ދިވެހި ފުލުހުން ދުރުގައި ދެއަތް އުރާލައިގެން ކުޅި ބަލަން ތިބި ކަހަލައެވެ. މުޒާހަރާ ނިންމާލުމަށްފަހު ކާފިއު ގަޑިހަމަވާން އިރުއޮއްސި 06:00 ޖަހަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް އިދިކޮޅުން ޕީޕީއެމް އޮފީސް ކުރިމަތީގައި އިށީދެލައިގެން އަދި އޮށޯވެލައިގެން ތިއްބެވެ. އެއަށްފަހު މުޒާހަރާ ނިންމާލީ ގައިގައި ވަރު ޖެއްސުމަށްޓަކައި "ބޮނޑިބަތް" ޕާރިސަލަކުންނެވެ. އަނެއްހެން ބުނާނަމަ ބިލަތްމީރުކޮށްލުމަކުންނެވެ. މި މީހުންނަށް ކާފިއު ގަޑި ފަހަނައަޅައި ދިޔައިރުވެސް އެއްކަހަލަ ބޮނޑިބަތް ޕާރިސަލް ހިފާލައިގެން އަނގަތަޅާލުމަށް ތިބެވުނެވެ. އެކަމަކު އެއްކަލަ ނިކަމެތި ރައްޔިތުމީހާ ޒަވާޖީ ހަޔާތެއް ފެއްޓުމަށްޓަކައި ބާއްވާ ކުޑަކުޑަ ކައިވެނި ހަފްލާވެސް ފުލުހުން ގޮސް ރޫޅާލައެވެ. ސަބަބެއް ކަމަށް ބުނަނީ އެޗްޕީއޭގެ އާންމު މިންގަނޑުތަކާއި ހިލާފުވުމުންނެވެ. މިއީ ހަމަހަމަ އުސޫލުން ކަންތައްތައް ކުރުމޭ ބުނެވޭނެބާއެވެ؟

މުޒާހަރާގެ ބައިވެރިން މަގުމަތީގައި އިށީދެގެން އަދި އޮށޯވެލައިގެން

އިދިކޮޅަށް އެޗްޕީއޭގެ އާންމު މިންގަނޑުތަކާއި ހިލާފަށް މުޒާހަރާ ކުރުމުގެ ފުރުސަތު "މިނިވަންކަމާއެކު" ފުލުހުންވެސް ދީފައިވާއިރު މިކަމާ އެޗްޕީއޭއިންވެސް މާބޮޑު ފަރުވާލެއް ބަހައްޓާ މަންޒަރެއް ފެނިގެނެއް ނުދެއެވެ. ސަބަބެއް ކަމަށް ދަންނަވަން މިޖެހެނީ މީގެ ދެ ހަފްތާ ކުރިންވެސް އިދިކޮޅުން ހަމަ އެ ގައިދުރުކަން ނުބަހައްޓާ މާސްކް ނާޅާ މުޒާހަރާ ކުރިއިރު ޖޫރިމަނާ ކުރުމެއް ނެތި، އެޗްޕީއޭއިންވެސް އެކަމަށް އެއްވެސް ބަހެއް ބުނެފައި ނެތުމުންނެވެ. އެންމެ ކުޑަމިނުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރޭކަށް ވެސް ކަމާގުޅޭ އެއްވެސް އިދާރާއަކުން ނުކެރުނެވެ. އާންމު ރައްޔިތުން މާސްކް ނޭޅުމުން ޖޫރިމަނާކޮށް، ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ވެސް ޖޫރިމަނާ ކުރެއެވެ. އެހެންނަމަވެސް އިދިކޮޅުން މިހިންގާ ހަރަކާތްތަކުގައި އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ފުލުހުންނަށް ކުރިއަށް ނުދެވޭނެހެން ދެ އަތް ގުޅުވާލައިގެން

ފުލުހުންނާއި އެޗްޕީއޭއަށް އަޅުގަނޑުގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ވައިރަސް ހަމައެކަނި ފެތުރެނީ އާންމު ރައްޔިތުންގެ ފަރާތުން އެކަނިތޯ؟ އިދިކޮޅުން އެއްވެ، ގައިދުރުކަމެއް ނެތި މާސްކް ނާޅާ އެކި ނަންނަމުގައި މި ކުރާ މުޒާހަރާތަކުގެ ސަބަބުން ވައިރަސް ހަމަ ނުފެތުރެނީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
67%
0%
33%
ކޮމެންޓް
13 ފެބްރުއަރީ 2021 | ހޮނިހިރު 04:29
ޢަލީ
މިއީ ކޮވިޑް ފަތުރާ ގުރުޕެއް ރައްޔިތުން ރަށްކާތެރިވާތި..ވަގުން ތަކާއި ހައިވާނުންނަށް ނަށް ތާއީދު ކުރުމަކީ އަމިއްލަ ނަފްސް ވެޔާ ބޮޑުން..