Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޔާސީ ޒިންމާދާރުކަން ނެތުން

ސަރުކާރުގެ ފަރާތުން ފެނުނީ ހަރުދަނާކަމެވެ. އިދިކޮޅުން ފެނުނީ ދޯހަޅިކަމެވެ.

ތެޔޮޅުވާކުދީންގެ ސިފަ އިޚުތިޔާރުކުރުމަކީ ޒިންމާދާރުވުމެއް ނޫނެވެ.

އިމާދު ލަތީފް
އިމާދު ލަތީފް | 4 ފެބުރުއަރީ 2021 | ބުރާސްފަތި 11:57
ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ކޯލިޝަނުގެ ފަރާތުން މަގުމަތީގައި އިހުތިޖާޖުކުރަނީ.

ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ކޯލިޝަނުގެ ފަރާތުން މަގުމަތީގައި އިހުތިޖާޖުކުރަނީ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ރިޔާސީ ބަޔާން އިއްވެވިއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހަގީގަތް ކަޅާއިހުދުން ވަރަށް ސައުފުކޮށް ދޭސީންނާއި ބިދޭސީންނަށްވެސް ވަނީ ފެނިގެންގޮސްފައެވެ. އެ ހަގީގަތަކީ ސަރުކާރު ތަސައްރަފު ފުދިފައިވާ މިންވަރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސާބިތުކަމާއި ހިކުމަތްތެރިކަމެވެ. ސަރުކާރު ހިންގާ މައިޕާޓީއާއި ސަރުކާރުގެ އެންމެހައި ބައިވެރިންގެ އެއްބާރުލުމާއި ސާބިތުކަމެވެ. ހަމައެހެންމެ އިދިކޮޅު ކޯލިޝަނުގެ ފޯކަސްއެއްނެތްކަމާއި ޒިންމާދާރުކަން ކުޑަކަމެވެ.

ރިޔާސީ ބަޔާން އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ. އެމަނިކުފާނު މިއަދު އިއްވެވި 3329 ލަފްޒުގެ ރިޔާސީ ބަޔާނަކީ ގައުމު މިހާރު އޮތް ހާލަތާއި އެހާލަތަށް ވެއްޓުނު ސަބަބާއި އެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތާއި ކުރިޔަށް ރޭވިފައިހުރި ކަންތައްތަކާއި އެ ފިޔަވަޅުތަކުން ހާސިލްކުރާން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާ ފުރިހަމަ ތަސްވީރެކެވެ. އެ ތަސްވީރު ކުރެހެމުން ދިޔައިރު ސަރުކާރު ކޯލިޝަނުގެ މެންބަރުންގެ ފަރާތުން ފެނުނީ ސިޔާސީ ތަހުޒީބުކަމޭ މިކިޔޭ ސިފައެވެ. ކޮވިޑުގެ މި ނުރައްކާތެރި ދަޑިވަޅުގައި ދިވެހިރާއްޖެ ސަލާމަތާއި އަމާންކަމުގެ އައްސޭރިޔަކަށް ގެންދިއުމުގެ ބުރަ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުންދޭން ތައްޔާރަށް ތިބި މަންޒަރެވެ. އިދިކޮޅު ކޯލިޝަނުގެ ފަރާތުން ފެނުނީ މިދަޑިވަޅުގައިވެސް ސަރުކާރަށް ހުރަސްއަޅައި ރައީސްގެ ރިޔާސީ ބަޔާނަށްވެސް ހުރަސްއަޅައި އަޑުނާހައި އިހުތިޖާޖުކުރުމުގެ ސިފައެވެ.

ރިޔާސީ ބަޔާނަށް ހުރަސްއަޅައި އިހުތިޖާޖުކުރުމަކީ ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ސަގާފަތަކަށް ހަދާފައިވާ އާދައެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިހާތަނަށް ތިން ފަހަރު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވިއިރު މި ތިންފަހަރުވެސް އިދިކޮޅު ކޯލިޝަނުން ކުރިޔަށް ނެރެފައިވަނީ ބަސްނޭހުމާއި ގަދަދެއްކުމާއި ހުރަސްއެޅުމުގެ ސިފަތަކެވެ. މިއަދުވެސް ސަޕޯޓަރުން މަޖިލިސްކުރާގޭގެ ކައިރިއަށް އެއްކޮށްގެން މަޖިލީހުގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ބައެއް މެންބަރުން ޖަލްސާވެސް ދޫކުރައްވައި އިހުތިޖާޖުކުރާ މީހުންނާއި ބައިވެރިވެވަޑައިގެން މަގުމަތީގައި ތިއްބެވި ތިއްބެވުމަކީ މިކަމުގެ މިސާލެކެވެ.

މާގިނަބަޔަކު ނެތެވެ. އެއްވީ ދާދި މަދުބައެކެވެ. ގޮވަމުންދިޔައީ ދުސްތޫރީ ނިޒާމާ ޚިލާފު ގޮވެލި ފައްޗެކެވެ. މިކަމުން އެނގި ކަށަވަރުވެގެންދިޔައީ މިއެއްވުމަކީ ވަކި އަމާޒެއްނެތް އެއްވުމެއްކަމާއި ޖުމްލަގޮތެއްގައި ވަކި ހަރުދަނާ ސިޔާސަތެއް އަދި ވިސްނުމެއްވެސް އިދިކޮޅު ކޯލިޝަނުގައި ނެތްކަމެވެ. ޒިންމާދާރު އޮޕޮޒިޝަނަކުން ކުޅެންވީ ޑިމޮކްރަޓިކް ދައުރު މޭރުންވުމުގެ ސިފަ ވަރަށް ކުޑަކަމެވެ. އަދި ރައްޔިތުންގެ ތެރޭގައިވެސް އިދިކޮޅު ކޯލިޝަނުގެ މިއުކުޅުތަކާ ރުހިގެން ތިބި މީހުން ވަރަށް މަދުކަމެވެ. އިތުބާރެއްވެސް ނެތްކަމެވެ. މިމަންޒަރު ފެނުނީ ހަމައެކަނި ދިވެހީންނަކަށް ނޫނެވެ. ބޭރުގައުމުތަކުގެ ސަފީރުންނާއި މަންދޫބުންނަށްވެސް މިމަންޒަރު ވަނީ ފެނިފައެވެ. ވަރަށް ދެރަކަމެކެވެ.

ގައުމެއްގައި ޑިމޮކްރަސީ އަރަފޯދި ތަހުޒީބުވެފައިވާ މިންވަރު އަންގައިދޭ މީޓަރަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ސިޔާސީ ޕާޓީތަކުން އަމަލުކުރާ ނުކުރާ މިންވަރެވެ. ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީގޮތުން އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ. އެއަޑުއަހައި އެއަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެކެވެ. މިކަންނުކޮށް ޖަލްސާދޫކޮށް މަގުމައްޗަށް ނިކުމެ ހަޅޭލަވާން ތިބުމަކީ ޑިމޮކްރަސީއޭ މިކިޔުނު ކަންތަކުގައި ޒިންމާދާރު ގޮތެއް ނޫނެވެ. އަދި ތަހުޒީބުގޮތެއްވެސް ނޫނެވެ. ރިޔާސީ ބަޔާނަށް ޖަވާބުދޭންޖެހޭގޮތް އެވަނީ ބަޔާންވެގެންނެވެ. އެޔާ ނުރުހެންޏާ ނުރުހޭ ވާހަކަޔާއި ނުރުހޭ ސަބަބާއި މިހެންގޮސް ހުރިހާ ކަމެއް ހާމަކުރަންވާނީ އެކަންކުރަން އޮންނަ ގޮތަށެވެ. ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބުދިނުމަކީ ގާނޫނީގޮތުން އެކަންކުރާން އޮންނަ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިދިކޮޅަށް ފުރުސަތުލިބިފައި އޮންނަ ކަމެކެވެ. ޚިޔާރުކުރަންވާނީ އެމަގެވެ.

އެކަމަކު މިފެންނަނީ ތަފާތު މަގަކުން ކުރިއަށްދާން ބޭނުންވެގެން އުޅޭ މަންޒަރެވެ. ބަސްނާހާކުދިން އުޅޭހެން އުޅޭން ރުހެވިގެން ތިބި މަންޒަރެވެ. ކުރީޒަމާނުގެ ތެޔޮޅުވާކުދީން އުޅުނު ބީދައިންނެވެ. ތެޔޮޅުވާކުދިންނަކީ ކުރީޒަމާނުގައި މާލޭގެ މަގުތަކުގައި ވީއްލިގެން އުޅޭނޭގޮތަކަށް އުޅޭން ދޫވެފައިތިބޭ ވިޔާނުދާ ކުދީންކޮޅެކެވެ. އުޅުމެއް އަޚުލާގެއްނެތް ކުދީންކޮޅެކެވެ. ތަރުބިއްޔަތުގެ ކަންފުޅެއްވެސް ނެތް ކުދީންނެވެ. އެކަހަލަ ކުދީންނަށް ވަކަރުގޭ ކުދީންނޭވެސް ކިޔައެވެ. މިހާރު އިދިކޮޅު ކޯލިޝަނުގެ އަމަލުތައް ހުރިގޮތުން ތެއޮޅުވާކުދީންގެ އެޒަމާން އަލުން އައީއޭ ހީވެއެވެ.

އިހުމީހުން ބުނެއެވެ. ކުދިސޯބުތައް އެނބުރޭނީ މައިސޯބު އެނބުރޭ ގޮތަށެވެ. މާނަޔަކީ މީސްތަކުން އުޅޭހިތްވާނީ އެވެރިންގެ ސަރުދާރުވެސް އުޅޭގޮތަށެވެ. ނަމޫނާ ދައްކާ ގޮތަށެވެ. މިހާރުގެ އިދިކޮޅު ކޯލިޝަން މިރާއްޖޭގައި ވެރިކަން ކުރިޒަމާނެއްވެސް އައެވެ. މާކުރީގެ ތާރީޚެއް ނޫނެވެ. ދާދި އިހަކަށްދުވަހެވެ. އެދުވަސްވަރުގެ ވެރިމީހާ ރިޔާސީ ބަޔާން އިއްވަވާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި މަޖިލީހުގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ދެއްކެވީ އިނގިއްޔެވެ. ބޮޑުއިނގިލި ވަތަށް ޖައްސަވައިފައި އެގެންނެވި ހަރަކާތަކުން ވިދާޅުވިއެވެ. ކަލޭމެން އަޑިއަށްދާށެވެ. މަށަށް ވަރިހަމައެވެ. މަހަދާނީ ހަދާނެ އެއްޗެކެވެ. ކަލޭމެންނާއި ކަލޭމެންގެ ފިކުރަށްވެސް ސަލާމެވެ.

މިއަދު އެއޮޅީގެ ކުދިން އޮޕޮޒިޝަނުގައި ތިބެފައި ރިޔާސީ ބަޔާން އަޑުނާހައި އިހުތިޖާޖަށް ނުކުމެ ސިޔާސީ އަޚުލާގުގެ ފޮތް ވީދައިލީމާ ހަނދާނަށް އަންނަނީ ވެރިކަމުގައި ތިބެގެންވެސް އެވެރީންގެ އަމަލުތައް ހުރިގޮތެވެ. މިއަކަށް ސިޔާސީ އަޚުލާގެކޭ ނުކިޔައެވެ. މިޔަކަށް ސިޔާސީގޮތުން ތަސައްރަފުފުދުމެކޭވެސް ނުކިޔައެވެ. މިއަށް ކިޔޭނީ ތަސައްރަފު ނުފުދުމެވެ. މުޅިދުނިޔެއާއި ދިވެހިރާއްޖެއަށްވެސް ކޮވިޑުގެ ނުރައްކާތެރިކަން ފެތުރި މަސްރަހު ނާމާންވެފައިވާ ދަނޑިވަޅެއްގައި ޒިންމާދާރު އޮޕޮޒިޝަނެއްގެ ދައުރަކަށްވާންވާނީ ރިޔާސީ ބަޔާނަށް ހޯއްގޮވައި އިހުތިޖާޖުކުރުމެއް ނޫނެވެ. އެދައުރަކަށްވާންވާނީ އެބަޔާން އަޑުއަހައި ދިރާސާކޮށް އެއާދޭތެރޭ ދެކޭގޮތް މަޖިލީހުގައި ހާމަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
29 އޮކްޓޯބަރު 2017

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
15 ޖުލައި 2017

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް