ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 22:10
އެސްޓްރަޒެނިކާ/އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ލާޖް ސްކޭލްގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން
އެސްޓްރަޒެނިކާ/އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ލާޖް ސްކޭލްގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން
ޓައިމްސް ނައު
ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނުން
ސިރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފި
 
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ލާޖް ސްކޭލްގައި ވެކްސިން އުފައްދާ ކުންފުންޏަކަށްވުމުން، އަގުހެޔޮކޮށް ވެކްސިން އުފެއްދުމަކީ އެސްޓްރަޒެނިކާ/އޮކްސްފޯޑުން އެއްބަސްވުމަކަށް އައި އެއް ސަބަބު
 
ސިރަމްއިން އުފައްދާ ވެކްސިނަކީ އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ފޯމިއުލާގެ މައްޗަށް ބިނާކޮށް ލާޖް ސްކޭލްގައި ވެކްސިން އުފެއްދުމަށް ވެފައިވާ އެއްބަސްވުމެއް
 
އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނިކާއިން އުފެއްދި ވެކްސިންގެ ފޯމިއުލާއަކީ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑްގައި ހިމެނޭ ފޯމިއުލާކަން ކަށަވަރު ކޮށްފައިވޭ

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމްއެފްޑީއޭއިން ދީފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދިރާސާކުރާ އެއް ޔުނިވަރސިޓީ ކަމުގައިވާއޮކްސްފޯޑް ޔުނިވަރސިޓީއާއި ވެކްސިން އުފެއްދުމުގެ ރޭހުގައި ކުރިއަރާފައިވާއެސްޓްރަޒެނިކާއިން އުފެއްދި ވެކްސިން (AZD1222) ގެ ފޯމިއުލާއަކީ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގައި ބޭނުންކޮށްފައިވާ ފޯމިއުލާކަން ކަށަވަރު ކުރުމަށްފަހުގައެވެ.

އެމްއެފްޑީއޭއިން ބަލާފައިވާ ކަންކަމަށް ބަލާ އިރު، އިނގިރޭސީވިލާތުގައި އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ވެކްސިން (AZD1222) އަސަރު ކުރާ މިންވަރަށް ސިރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިން (ކޮވިޝީލްޑް) އަސަރުކުރޭތޯ އަދި އެ މިންގަނޑުތައް ހުރީ ރަނގަޅަށްތޯ ވަނީ ބަލާފައެވެ. އަދި އެމްއެފްޑީއޭގެ ހޯދުންތަކުން ދައްކާ ގޮތުން ކޮވިޝީލްޑް ވެކްސިން އަދި ޔޫކޭގައި އޮކްސްފޯޑް/އެސްޓްރަޒެނިކާއިން އުފައްދާ ވެކްސިންގައި އެއްވެސް ތަފާތެއް ނެތެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ. ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

"ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެކެވެ. ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީއަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސް.އާރް.އޭ) ލިސްޓުގައި ހިމެނޭ، އާންމު ޞިއްޙަތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއެއްކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިންއާއި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއާ ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރުހިފޭ އިދާރާތަކުން ޙިއްޞާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނައަކީ އެއް ކޮމްޕޮޒިޝަން“ އަދި ”ފޯމިއުލޭޝަން“ އެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ އެކައްޗެއްކަން އެ އޮތޯރިޓީއަށް ޔަޤީންކުރެވޭ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި މި ހުރިހައި ކަމަކަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދޫކޮށްފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައިނުވެއެވެ. ޢާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަން، އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަން އެމްއެފްޑީއޭ އިން ބުނެއެވެ. އެހެންކަމުން، އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނިޓަރކުރަމުން ދާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެއެވެ.

ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަމުގައިވާ ސިރަމްއާއެކު އޮކްސްފޯޑް/އެސްޓްރަޒެނިކާއިން އެއްބަސްވެެފައިވަނީ އިނގިރޭސީވިލާތުގައި އޮކްސްފޯޑް/އެސްޓްރަޒެނިކާއިން އުފައްދަމުން އަންނަ AZD1222 ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ލާޖް ސްކޭލްގައި ވެކްސިން އުފެއްދުމަށެވެ. އެހެންކަމުން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަކި ފޯމިއުލާއެއް އަދި ވަކި ވެކްސިނެއް ނުއުފައްދައެވެ. ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އެސްޓްރަޒެނެކާއާ ދެމެދު 2020 ވަނަ އަހަރުގެ ޖޫން މަހު ވެވުނު ލައިސަންސިން އެގްރީމެންޓެއްގެ ދަށުން ސެރަމްއިން ވަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް އިންޑިއާގައި އުފެއްދުމަށް އެއްބަސްވެފައެވެ. ސިރަމްއިން މި އެއްބަސްވުން ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ވެކްސިން ހަލުވިމިނެއްގައި ފޯރުކޮށްދިނުމަށެވެ.

ސިރަމް އިންސްޓިޓިއުޓުން ވެކްސިން އުފައްދަން ޕާޓްނާވި އަނެއް ސަބަބަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ލާޖް ސްކޭލްގައި ވެކްސިން އުފައްދާ ކުންފުންޏަކަށްވުމުން، އަގުހެޔޮކޮށް ވެކްސިން އުފެއްދުމެވެ. އޮކްސްފޯޑް/އެސްޓްރަޒެނިކާ ވެކްސިން ޔޫރަޕްގައި އުފައްދާ ބާޒާރަށް ނެރޭނަމަ އެ ވެކްސިންގެ އަގު ބޮޑުވާނެކަމަށް ލަފާކޮށް ސިރަމް މެދުވެރިކޮށް މަސައްކަތް ކުރުމަށް އޮކްސްފޯޑް/އެސްޓްރަޒެނިކާ އިން ނިންމާ އެއްބަސްވެފައިވެއެވެ. ސިރަމްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވެކްސިން ޑޯޒެއް އެ ކުންފުނިން ވިއްކަމުންދަނީ 3 ޕައުންޑަށް ނުވަތަ 4 ޑޮލަރަށެވެ. މިއީ މިވަގުތު ވެކްސިންގެ ރޭހުގެ ކުރީގައި އުޅޭ މޮޑާނާއަށްވުރެ 8.5 ގުނަ އަގުހެޔޮ ވެކްސިނެކެވެ. ފައިޒާ އަދި ބައޯއެންޓެކްގެ ވެކްސިނަށްވުރެ 5 ގުނަ އަގުހެޔޮ ވެކްސިނެކެވެ. ސްޕްޓްނިކް ވީގެ ވެކްސިނަށްވުރެ 2 ގުނަ އަގުހެޔޮ ވެކްސިނެކެވެ.

ކޮވިޝީލްޑް އިފެކްޓްކުރާ މިންވަރަށް ބަލާއިރު މި ވެކްސިން 70-90 އިންސައްތައާއި ދެމެދު އިފެކްޓިވްއެވެ. އަދި މިހާތަނަށް އެތައް މިލިއަން މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާއިރު، ވެކްސިން ޖެހުމުގެ ސަބަބުން ފެންނަ ކުދިކުދި ސައިޑް އިފެކްޓް ފިޔަވާ އެހެން އެއްވެސް ކަމެއް ފެނިފައި ނުވެއެވެ. ފުރަތަމަ ޑޯޒްޖަހާ ދުވަހުން ފެށިގެން ވެކްސިންގެ އަސަރު ކުރެއެވެ. އަދި ދެވަނަ ޑޯޒާއެކު ކޮވިޑްގެ ވައިރަސްއިން ހަށިގަނޑު ކޮރޯނާ ވައިރަސް އިން ދިފާއުކޮށްދޭކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކައެވެ.

އެގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ 160 މީހުން ޓްރަޔަލްގައި ބައިވެރިވެފައިވާއިރު، އުމުރުން 56 އަހަރާއި 69 އަހަރާއި ދެމެދުގެ 160 މީހުން ވަނީ ޓްރަޔަލްގައި ބައިވެރިވެފައެވެ. އަދި އުމުރުން 70 އަހަރުން މަތީގެ 240 މީހުން ވަނީ އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލްގައި ބައިވެރިވެފައެވެ. މި ޓްރަޔަލްތަކުން ދައްކާގޮތުން ޓްރަޔަލްތަކުގައި ބައިވެރިވި ފަރާތްތަކަށް ވެކްސިން ދިނުމުން މާ ބޮޑެތި އަދި ސީރިއަސް ސައިޑްއިފެކްޓްތަކެއް ދައްކާފައެއް ނުވެއެވެ. އަދި އެޓްރަޔަލްއިން ވަނީ މި ވެކްސިނުން ޒުވާނުންނަށް ލިބޭ މިންވަރަށް ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނަށް ވެސް ލިބޭ ކަމަށް ދައްކާފައެވެ.

ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު އެސްޓްރަޒެނެކާ އާއި އޮކްސްފޯޑުން ވަނީ އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޓްރަޔަލްގައި ބައިވެރިވި ފުރަތަމަ 131 މީހުންގެ ޓެސްޓްތަކަށް ބަލައި ވެކްސިނުން ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެފައެވެ. މި ޓްރަޔަލްގައި ބައިވެރިވި ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާއިރު، ބައެއް ފާރަތްތަކަށް ދިން ވެކްސިންގެ ފުރަތަމަ ޑޯޒްގެ ވަނީ ކުޑަކޮށްފައެވެ. އަދި ނަތީޖާތައް ދެއްކިގޮތުން ވެކްސިންގެ ކުޑަ ޑޯޒް ދިން ފަރާތްތަކަށް 90 އިންސައްތަ އެފިޝިއަންސީ ދައްކާފައިވާއިރު، ސްޓޭންޑާޑް ދެ ޑޯޒް ދިން ފަރާތްތަކަށް ވެކްސިންގެ އެފިޝިއަންސީ ދައްކާފައި ވަނީ 62 އިންސައްތައެވެ.

އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އިނގިރޭސީވިލާތުން ދީފައިވާއިރު، ޔޫރަޕިއަން ޔޫނިއަނުން ވަނީ އެ ހުއްދަ ދީފައެވެ. މީގެ އިތުރުން އެއްފޯމިއުލާއަކަށް އިންޑިއާގައި ތައްޔާރުކުރި ކޮވިޝީލްޑަށް ވެސް ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އިންޑިއާގައި އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ. އަދި މިހާތަނަށް އެގައުމުގައި 2،847،608 (ދެ މިލިއަން އަށްލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ އަށް) މީހަކަށް ވަނީ ވެކްސިންދީފައެވެ. މިއީ މުޅި ދުނިޔެއިން 5 ވަނައަށް އެންމެ ގިނަ ވެކްސިން ދީފައިވާ ގައުމެވެ.

އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ވެކްސިން (ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން) އިންޑިއާ، ބަންގުލަދޭޝް، ޕާކިސްތާން، މިޔަންމާ، ބްރަޒިލްގައި ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށް ބުރާސްފަތި ދުވަހު ވެކްސިން ފޯރުކޮށްދީ ހުކުރު ދުވަހު ކޮލަމްބޯގެ 6 ހޮސްޕިޓަލެއްގައި ވެކްސިން ދިނުމަށް ވަނީ ތައްޔާރުވެފައެވެ.

ކޮވިޝީލްޑް ވެކްސިން ފޯރުކޮށްދީފައިވާ ގޮތް

އިންޑިއާ – 2.8 މިލިއަން

ކޮވެކްސް ފެސިލިޓީ – 300 މިލިއަން

ޔޫރަޕިއަން ޔޫނިއަން – 300 މިލިއަން

އެމެރިކާ – 300 މިލިއަން

ޗައިނާ – 200 މިލިއަން

ލެޓިން އެމެރިކާ – 150 މިލިއަން

ޖަޕާން – 120 މިލިއަން

ބްރަޒިލް، އިންޑޮނޭޝިއާ، ޔޫކޭ – ކޮންމެ ގައުމަކަށް 100 މިލިއަން ޑޯޒް

މެކްސިކޯ – 77 މިލިއަން ޑޯޒް

ތައިލެންޑް – 61 މިލިއަން ޑޯޒް

އޮސްޓްރޭލިއާ – 54 މިލިއަން ޑޯޒް

ކެނެޑާ، ސައުތު ކޮރެއާ – 20 މިލިއަން ޑޯޒް

ފިލިޕީންސް – 17 މިލިއަން ޑޯޒް

އެހެނިހެން ގައުމުތަކަށް – 117 މިލިއަން ޑޯޒް

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނީގެ އިތުރުން މުޅި ދުނިޔޭގައި ކުޑަކުދިންގެ ވެކްސިންގެ 65 އިންސައްތަ ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުވާލެއްގެ މައްޗަށް ކޮވިޝީލްޑްގެ 50 މިލިއަން ޑޯޒް އެ ކުންފުނިން އަންނަނީ އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
79%
0%
0%
0%
21%
ކޮމެންޓް
30 ޖެނުއަރީ 2021 | ހޮނިހިރު 06:11
ޏަޒީލް
އިންޑިޔާ އަށް އަޅުވެތި ވިޔަސް ފުކެއް ބޮޑުވަރު. ދިވެހިން މަރަން ވެސް ޖެހިލުމެއްނުވޭ. ކޮބާތޯ ޑަބްލިޔު އެޗްއޯ. ރާއްޖޭގެ ފުޑް އެންޑ ޑަރްގ އޮތޯރިޓީއަސް މިއުޅެނީ ހޮޓަތަށް ސާފުތާހިރުކަން ނުބެލިގެން. ޚިހިނެއްތޯއެމީހުން ވެކްސިން ރަނގަޅުތޯ ބަލާނީ. ބޮޑު ޖޯކެއް
28 ޖެނުއަރީ 2021 | ބުރާސްފަތި 22:42
އަހަންމާ
އިންޑިޔާގެ ގެރި ވެކްސިން ޓެސްޓް ކުރުން މި އޮތީ ދިވެހިން ބޭނުންކޮށްގެންތާ. އޮކްސް ފޯރޑޭ .......ޑޭ ނުކިޔާ ތިބޭ....މިއީ ކަލޭމެންނާ ވެރިކަން ހަވާލުކުރާނެ ފަހު ފަހަރު.