ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 19:39
ސަލްޓަންސް އިން 2007 އާއި 2008 ވަނަ އަހަރު ގެނައި \"ދަ ސަލްޓަންސް ވޭ 001\" އާއި \"ދަ ސަލްޓަންސް ވޭ 007\" ޔޮޓުގެ ފޮޓޯތަކެއް
ސަލްޓަންސް އިން 2007 އާއި 2008 ވަނަ އަހަރު ގެނައި "ދަ ސަލްޓަންސް ވޭ 001" އާއި "ދަ ސަލްޓަންސް ވޭ 007" ޔޮޓުގެ ފޮޓޯތަކެއް
ގޫގުލް
ސަލްޓަންސް/ ކަސްޓަމްސް
ދެ ޔޮޓެއްގެ އަގު އޮޅުވާލައިގެން، ސަލްޓަންސްއިން 110 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ދައްކަންޖެހޭ ކަމަށް ބުނާ މައްސަލަ!
 
110،242،413.01ރ ސަލްޓަންސްއިން ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި، ނަމަވެސް ހައިކޯޓުން ވަނީ ބާތިލް ކޮށްފައި
 
ކަސްޓަމްސްއިން ބުނަނީ، އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައިވަނީ އެ އުޅަނދުތަކުގެ މައުލޫމާތުތައް އޮޅުވާލައިގެން
 
ސަލްޓަންސްއިން އެ ދެ ޔޮޓު ނެގެސްފައިވަނީ ޑިސެމްބަރު 2007 އަދި މާރޗް 2008 ގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2007، އަދި 2008 ވަނަ އަހަރު, ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ދެ ލޯންޗެއްގެ އަގު އޮޅުވާލައިގެން ރާއްޖެއަށް އެތެެރެ ކުރި ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ހުކުމް ކުރުމާ ހަމައަށް ވަނީ އައިސްފައެވެ. މި މައްސަލާއި ދެން އޮތީ ފަހު މަރުހަލާގެ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ހުކުމް ކުރުމެވެ.

މީގެ 12 އަހަރު ކުރިން ސަލްޓަންސް އިން އެތެރެކުރި ދެ އުޅަނދާ ގުޅޭ މިއްސަލަ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ، މި މައްސަލަ އިސްތިއުނާފް ކޮށްފައިވާ ފަރާތުންނާާއި މައްސަލަ ރައްދުވާ ފަރާތުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އޮޅުންފިލުވަން ބޭނުންފުޅުވާ ކަންކަން ސާފުކުރުމާއި ދެ ފަރާތުން ހުލާސާ ގޮތެއްގައި ދައްކަންވަން ހުރި ވާހަކަތައް ދެއްކުމުވެ.

މި މައްސަލައަކީ، ދައުލަތުގެ ފަރާތުން 5 އޯގަސްޓް 2009 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅުމުން، 21 ފެބްރުއަރީ 2010 ވަނަ ދުވަހު ނިންމާފައިވާ މައްސަލައެކެވެ. ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ، 14 ޑިސެމްބަރު 2007 ވަނަ ދުވަހު ސަލްޓަންސްއިން ގެނެސްފައިވާ އުޅަނދާއި 25 މާރޗު 2008 ވަނަ ދުވަހު ސަލްޓަންސްއިން ރާއްޖެ ގެނެސްފައިވާ އުޅަނދުގެ އަގު ފާސްކުރުމަށްޓަކައި ސަލްޓަންސްގެ ފަރާތުން އެ ދެ އުޅަނދާބެހޭ ލިޔެކިޔުންތައް އޮޅުވާލައިގެން އެ ދެ އުޅަނދުގެ އަގަށްވުރެ ދަށް އަގެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ހުށަހަޅާފައިވާކަން ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ 14 ވަނަ މާއްދާގެ (ބ)ގެ ދަށުން 9 ޖޫން 2009ގައި ކަސްޓަމްސްއިން ސަލްޓަންސް ޖޫރިމަނާކޮށް، އެ ދެ އުޅަނދުގެ ޖޫރިމަނާއަށްވާ 56،634،917.33ރ (ފަންސާސް ހަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ތެތްތިރީސްލާރި) އާއި ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ 53،607،495.63ރ (ފަންސާސް ތިންމިލިއަން ހަލައްކަ ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ފަސްރުފިޔާ ފަސްދޮޅަސްތިންލާރި) އާއެެކު ޖުމަލް، 110،242،413.01ރ (ސަތޭކަ ދިހަ މިިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރު ސަތޭކަ ތޭރަ ރުފިޔާ އެއްލާރި) ތިން ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދެއްކުމަށް ސަލްޓަންސްގެ މައްޗަށް އެންގުމުންވެސް އެފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ސަލްޓަންސްއިން މިފައިސާ އެއްފަހަރާ ހޯދުމަށާއި، މިފައިސާ ދެއްކުމަކާ ނުލައި، އެ ދެ އުޅަނދު ބޭނުންކުރުމަކީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނާ ހިލާފް ކަމެއްކަމަށްވާތީ، އެ ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް ކަސްޓަމްސްއިން ހުށަހެޅި މައްސަލާގައި އެދިފައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައިވަނީ އެ އުޅަނދުތަކުގެ މައުލޫމާތުތައް އޮޅުވާލައިގެން މި ދެ އުޅަނދުގެ ހަމައަގަށްވުރެ ދަށް އަގެއް ކަސްޓަމްސްއަށް ހުށަހަޅައިގެންކަމާއި ސަލްޓަންސްއިން ރާއްޖެއަށް ގެނެސްފައިވަނީ، "ދަ ސަލްޓަންސް ވޭ 001"ގެ ގޮތުގައި އޮޕަރޭޓް ކުރަމުންދާ "އަޒިމުޓް 98 ލިއޯނާޑޯ" ޔޮޓާއި "ދަ ސަލްޓަންސް ވޭ 007"ގެ ގޮތުގައި އޮޕަރޭޓް ކުރަމުންދާ "އަޒިމުޓް 103އެސް" ޔޮޓު ކަމަށް ސާބިތުވާ ކަމަށެވެ.

ސިވިް ކޯޓުގެ ނިންމުމުގައި ވަނީ، ޖޫރިމަނާ ފީއާއި ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއެކު ޖުމްލަ، 110،242،413.01ރ (ސަތޭކަ ދިހަ މިިލިއަން ދެލައްކަ ސާޅީސް ދެހާސް ހަތަރު ސަތޭކަ ތޭރަ ރުފިޔާ އެއްލާރި) 21 ފެބްރުއަރީ 2010 ވަނަ ދުވަހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެމަހަކަށް ދައްކަންޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދަކުން ފިނޭންސް މިނިސްޓްރީއަށް ދައްކައި ހަލާސް ކުރުމަށް ސަލްޓަންސްގެ މައްޗަށް އަންގާ ކަމަށެވެ.

ސިވިލް ކޯޓުގެ މި ހުކުމް، ސަލްޓަންސްއިން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކުރައްވާފައިވާ ހުކުމެއްކަމަށް ނިންމައި، އެހުކުމް ބާތިލް ކޮށްފަ އެވެ.

ހައިކޯޓުން މައިގަނޑުގޮތެއްގައި ފަހަގަ ކޮށްފައިވަނީ، ސަލްޓަންސްގެ ފަރާތުން ރާއްޖެ ގެނައި އެ ދެ އުޅަނދަށް ޑިއުޓި ދެއްކުމުގެ ގޮތުން އެ ދެ އުޅަނދުގެ ހަމައަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަމަށްބުނެ، ކަސްޓަމްސްއިން ކޮށްފައިވާ ތަހުގީގަށްފަހު، އެމައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށް ނިންމައި އެމައްސަލައިގެ ފައިލް ބަންދުކުރުމަށްފަހު، އަލުން ހުޅުވައި، ކުރިން ކުރެވިފައިވާ ތަހުގީގުގެ މައްޗަށް ބިނާކޮށް، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ބ)ގެ ދަށުން ސަލްޓަންސް ޖޫރިމަނާ ކުރުމުގެ ބާރާއި އިހުތިޔާރު ކަސްޓަމްސްއަށް ނުލިބޭ ކަމަށެވެ.

އޭރު ކަސްޓަމްސްގެ އިސްވެރިޔަކަށް ހުންނެވި، މ. ބާރަނާ، އިބްރާހިމް ޝާފިއުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިމައްސަލަ ތަހުގީގުކޮށް، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާފިއުގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ.

ނަމަވެސް ސަލްޓަންސް އޮފް ދަ ސީސް އިން ރާއްޖެ އެތެރެ ކުރި ދެ އުޅަނދުގެ އަގު ކުޑަކޮށްދިން ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ވެރިޔާ އިބްރާހިމް ޝާފިއުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން 4 އޮކްޓޯބަރު 2012 ވަނަ ދުވަހު ހުކުމް ކޮށްފައި ވެއެވެެ.

އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ކުށުގެ ދައުވާ އެވެ.

ސަލްޓަންސްއިން އެ ދެ އުޅަނދުގެ ހަމައަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާކަމަށްބުނާ މިމައްސަލާގައި، ހައިކޯޓުން، މިމައްސަލަ ސަލްޓަންސްގެ ކޮޅަށް ނިންމުމުން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލާގައި އެންމެ ފުރަތަމަ އަޑުއެހުމެއް ބޭއްވިފައިވަނީ 12 ޖޫން 2012 ވަނަ ދުވަހު އެވެ. އޭގެ ފަހުން 18 ޖޫން 2012 ވަނަ ދުވަހުވެސް އަޑުއެހުމެއް ބޭއްވައި އަޑުއެހުންތައް ނިންމާލާފައިވެ އެވެ. އޭގެފަހުން، ފަނޑިޔާރުންގެ ބެންޗު ތިން ފަހަރެއްގެ މަތިން ބަދަލުވެ، އިޖުރާއީ އަޑުއެހުންތަކެއް ބޭއްވިފައި ވެއެވެ. އެގޮތުން، 4 މާރޗު 2019، އާއި 25 ސެޕްޓެމްބަރު 2019 އަދި 9 ޖެނުއަރީ 2020 ވަނަ ދުވަހު އިޖުރާއީ އަޑުއެހުން ބޭއްވިފައި ވެއެވެ.

މިމައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވެސް ކުރިއަށް ގެންދަވަނީ، މިމައްސަލާގައި އެކޯޓުގައި މީގެކުރިން ބޭއްވި އަޑުއެހުންތަކަށްވެސް ރިއާޔަތް ކޮށެވެ.

މިމައްސަލަ މިހާރު ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރަކީ އަލީ ރަޝީދު ހުސައިން އެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއަކީ ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
83%
0%
0%
17%
0%
0%
ކޮމެންޓް