ކޮވިޑް-19 އާއެކު ދުނިޔޭގެ ގައުމުތަކުން އެންމެ ބާރަކަށް ދުއްވައިގަތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު، ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށެވެ. ހާއްސަކޮށް، ކޮވިޑް-19 ބަލީގައި އެންމެ ސީރިއަސް ހާލަތަށްދާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށެވެ.
އެގޮތުން، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކުހެން، ވެންޓިލޭޓަރުތަކެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން، ހެލްތް މިނިސްޓްރީއާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކިއެކި ތާރީހްތައް ދެމުންގޮސް، ބޮޑު ނިގުލަށް ދިޔައީއެވެ. އެންމެފަހުން، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސް، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވެސް މަޖިލީހަށް ހާޒިރުކޮށް، ސުވާލުތައް ކުރިމަތި ކުރުވި އެވެ. މިނިސްޓަރުވެސް އެންމެތަންފުކެއް ދޫނުދެއްވާ ވެންޓިލޭޓަރުތައް ގެނެވޭނެ ތާރީހުތައް ދެއްވަމުންދިޔަ އެވެ. މިއަދާ ހަމައަށް އެބުނާ ވެންޓިލޭޓަރުތައް ރާއްޖެއާ ހަމައަށް އަންނަވަރެއް ނުވިއެވެ. މިކަމުގައި ކުރިންވެސް ފާހަގަ ކުރެވުނުގޮތަށް ކޮންމެވެސް ނުބައެއް އުޅޭކަން ޔަގީން ކުރެވުނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ.
ހެލްތް މިނިސްޓްރީގެ ކޮވިޑް-19ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރުތައް ގަތުމަށާއި، ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުންވާ ފާމަޝޫޓިކަލް ވަސީލަތްތައް ހޯދުމުގައި، ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ.
ހެލްތް މިނިސްޓްރީގެ ކޮވިޑް-19 ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފުރަތަމަ ކަމަކަށް ފާހަގަ ކުރެވެނީ، މިނިސްޓަރާއި އެމިނިސްޓްރީގެ ބިޑް ކޮމެޓީއާއި މާލީ ޒިންމާދާރުވެރިޔާގެ އިހުމާލު ވަރަށް ބޮޑުކަމެވެ. އެގޮތުން، ވެންޓިލޭޓަރުތައް ހޯދުމަށް ހަވާލުކުރި އެއް ކުންފުނި ކަމަށްވާ ދުބާއީގެ އެގްޒެކިއުޓާރސް ޖެނަރަލް ޓްރޭޑިންގއަށް އެޑްވާންސް ފައިސާގެ ގޮތުގައި، ވެންޓިލޭޓަރުތައް ގަތުމުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސެންޓް ވަނީ ދީފަ އެވެ. އެއީ 75 ވެންޓިލޭޓަރުގެ ޖުމްލަ އަގު ކަމަށްވާ 34 މިލިއަން ރުފިޔާގެ ތެރެއިން 30.9 މިލިއަން ރުފިޔާ އެވެ. މި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ އެއްބަސްވުމުގައި އެގްޒެކިއުޓާރސްއާއެކު ހެލްތް މިނިސްޓްރީން ސޮއި ކުރީ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ. އަދި ހަމަ އެމަހުގެ ތެރޭގައި ދެފަހަރެއްގެ މަތިން އެޑްވާންސަށް ދޭން އެއްބަސްވެފައިވާ 30.9 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ފޮނުވާފަ އެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން 14 ދުވަހުގެ ތެރޭގައި 75 ވެންޓިލޭޓަރު ހުންނަން ޖެހޭނީ ރާއްޖޭގަ އެވެ. އެހެންކަމުން އޭޕްރީލް 16 ވަނަ ދުވަހު އެ ވެންޓިލޭޓަރުތައް ރާއްޖޭގައި ހުންނަން ޖެހެއެވެ. ނަމަވެސް މިއަދާހަމައަށް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވިފައި ނުވެއެވެ.
ކަން ހިގާފައިވާ ގޮތަށް ބަލާއިރު، ހެލްތް މިނިސްޓަރު އަމީން ވަނީ ވަރަށް ބޮޑަށް މިކަމުގައި ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ވެސް އޮޅުވާލައްވާ އިތުރުފުޅު ހައްދަވާފަ އެވެ.
ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، އަމީން ވަނީ އެ 75 ވެންޓިލޭޓަރު ގެންނަނީ ޑަބްލިޔުއެޗްއޯގެ މަޝްވަރާއާ އިރުޝާދުގެ މަތިން ކަމަށް ވިދާޅުވެފަ އެވެ. އަދި ވެންޓިލޭޓަރުތައް ގެންނަނީ ދުބާއި ކުންފުންޏެއް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން ބަލާއިރު، އެގްޒެކިއުޓާރސްއާއެކު މުއާމަލާތްތައް ފަށައި، އެކުންފުނިން ވެންޓިލޭޓަރުތައް ގަންނަން ނިންމީ މިނިސްޓަރު އަމީން އާއި ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރުވިންދާއެކު މަޝްވަރާ ކުރައްވައިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވްއަށް ހެލްތު މިނިސްޓްރީން ފޮނުވާފައިވާ ލިއުމެއްގައިވެއެވެ. އަދި ހެލްތު މިނިސްޓްރީގެ އިންޓާނަލް މެމޯތަކުގައި ވެސް ލިއެފައި ވަނީ މިނިސްޓަރު ޑަބްލިއުއެޗްއޯއާ މަޝްވަރާ ކުރައްވައި ސަޕްލަޔަރަކު ކަނޑައެޅިގެން ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި އެވެ. އެކަން ވަނީ ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަދި ބިޑް ކޮމެޓީގެ ޗެއާރ ވެސް، ބިޑް ކޮމެޓީއާވެސް ހިއްސާކުރައްވާފަ އެވެ. އެހެންކަމުން، ވެންޓިލޭޓާރުތައް ގަތުމަށް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށްއައިއިރުވެސް، އެއޮތީ، ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކުންފުނި ކަނޑައެޅިފަ އެވެ.
ފިނޭންސް މިނިސްޓްރީ އަށް ހެލްތު މިނިސްޓްރީން މާޗް، 30 ގައި ފޮނުވި ސިޓީގައި، ދުބާއީގެ ކުންފުންޏަކުން އަގު ހޯދާފައިވާ ކަމަށާއި އެއީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާ އަށް އިމަޖެންސީ ޕްރިފެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރަން އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށް ވެއެވެ. އެކަމަކު ވެންޓިލޭޓަރު ހޯދުމުގެ މުއާމަލާތެއް ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯ އާއެކު ހިނގީ އޭގެ އެއް ދުވަސް ފަހުން، 31 މާރޗު ގައެވެ. ޑަބްލިޔުއެޗްއޯއާއެކު ހަމައެކަނި ހިނގާފައިވާ މިމުއާމަލާތަކީ ވެސް، ޑަބްލިޔުއެޗްއޯ އޮފީހުގެ މުވައްޒަފަކު ހެލްތު މިނިސްޓްރީ އަށް ފޯވާޑުކުރި އީމެއިލެކެވެ. އެއީ ރަސްމީ ލިއުމެއް ނޫން ކަމާއި އެއީ ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން އެ މިނިސްޓްރީއަށް ފޯރުކޮށްދެއްވި މައުލޫމާތެއް ކަމަށް ޑަބްލިޔުއެޗްއޯގެ އޮފީހުން ބުނެއެވެ.
އޮޑިޓް ރިޕޯޓުން، ފާހަގަވި އަނެއް ކަމަކީ، ހެލްތް މިނިސްޓްރީން ޑަބްލިޔުއެޗްއޯގައި ވެންޓިލޭޓަރު ހޯދުމަށް ރަސްމީ ރިކުއެސްޓެއްވެސް ކޮށްފައިނުވާ ކަމާއި ވެންޓިލޭޓަރު ހޯދަން އެހީވެދޭން އެދިފައިވާ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި އޮޑިޓް އޮފީހަށް ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން ދިން ހުއްދައާ ޚިލާފަށް ބިޑް ކޮމިޓީއަށް ދިއުމުގެ މާ ކުރިން ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާރސް ހޮވާފައި އޮތުމެވެ. ބިޑް ކޮމިޓީ އަށް ފޮނުވި މެމޯގައި، އެގްޒެކިއުޓާރސްގެ ނަން ފާހަގަކޮށްފައި އޮތީ ހެލްތު މިނިސްޓަރާއި ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ މަންދޫބު އަރުވިންދުގެ މަޝްވަރާގެ މަތިން ކަމަށް ބުނެފައި ވެއެވެ. އެމެމޯގައި ސޮއި ކުރައްވާފައިވަނީ ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަދި ބިޑް ކޮމެޓީގެ ޗެއަރ އެވެ. އެކަން އެހިސާބަށް ގޮސްފައިވާއިރު، ދެން ވެސް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީއާއި މާލީ ޒިންމާދާރުވެރިޔާ، އެގްޒެކިއުޓާރސް ކުންފުންޏަކީ ކިހާވަރެއްގެ މާލީ އަދި ފަންނީ ގާބިލްކަން ހުރި ބައެއްތޯ ބަލާފައެއް ނުވެއެވެ.
މީގެކުރިން ސަރުކާރާ އެކު އެއްވެސް ވިޔަފާރިއެއް ހިންގާފައި ނުވާ ކުންފުންޏަކަށް 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑެވެ. މާލީ ޒިންމާދާރުވެރިޔާގެ ވެސް އިހުމާލު ބޮޑެވެ. އެގްޒެކިއުޓާރސް ކުންފުންޏަކީ ކޮންބައެއްތޯވެސް ކުޑަމިނުން ބަލާ ނުލާ، އެކުންފުންޏާއެކު، 2 އޭޕްރީލްގައި ސޮއިކޮށް، އެޑްވާންސަށް 30.9 މިލިއަން ރުފިޔާ ދެއްކުމުން ސުވާލު އުފެދެ އެވެ. އަދި ބައެއް އަމިއްލަ މަންފާއަށް ކުރިކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތެވެ.
ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީންއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ރައީސަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދެވެ. ބިޑް ކޮމެޓީގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު ޑރ. ޝާހު މާހިރު ވެސް ހިމެނިވަޑައިގެންނަވަ އެވެ. މީގެއިތުރުންވެސް ބައެއް ބޭފުޅުން ހިމެނޭއިރު، ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާރސް ކުންފުންޏާ ހަވާލު ކުރުމުގައި ހެލްތް މިނިސްޓަރާއި މިނިސްޓަރުގެ ނައިބު، ނިޝާމާގެ ދައުރު ވަރަށް ބޮޑުކަށް ފާހަގަކުރެ އެވެ.
މުޅި ދުނިޔެ ކޮވިޑް-19 އާހެދި ކުޑަކަކޫ މައްޗަށް ތިރިވެރިފައިވާއިރު، މުޅި ދުނިޔޭގެ އިގްތިޞާދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ރާއްޖޭގެ އިގްތިޞާދީ ހަރަކާތް އެއްކޮށް ހުއްޓި، ދައުލަތަށް ފައިސާއެއް ލިބޭނެ އެއްވެސް ގޮތެއްނެތްއިރު، މިފަދަ ހާލަތެއްގައި ގައުމު އޮތްއިރު، ދައުލަތުގެ ފައިސާއިން މިވަރުގެ ބޮޑެތި ހިޔާނާތް ހިންގާނީ، ލަދެއް ހަޔާތެއްވެސް ނެތީމަ ނޫންތޯ އެވެ. ދެން މިކަމުގައި އޮތީ ދައުލަތުގެ އިދާރާތަކުގެ ތަހުޤީޤް ނިމޭނެ ވަގިތަކަށް އިންތިޒާރުކުރުމެވެ. އޭރުން މިކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަމާއި، މި ވައްކަމުން މަންފާ ލިބުނީ ކޮން ބަޔަކަށްކަން ފަޅާ އަރާނެ އެވެ.