ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމަށް ހުރަހެއްނާޅަން، ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވޭނެ: ކަރެކްޝަންސް
ޔާމީން އަށާއި ވަކީލުންނަށް ބައްދަލުވަކަށް އެދުނުހާ އަވަހަށް ބައްދަލުވުން އިންތިޒާމުކޮށްދޭނެ ކަމަށް އަންގާ ސިޓީ އެއް ފޮނުވާފައިވާނެ


ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާ ބައްދަލުކުރެއްވުމަށް އެއްވެސް އިރަކު ކަރެކްޝަންސް އިން ހުރަހެއް އަޅާފައިވާނުވާނެ ކަމަށާއި ބައްދަލުވުން ހަމަޖެހިފައިވާކަން ތަކުރާރުކޮށް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމަށް އަންގާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "60 މިނެޓް" ށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށް ބުނެ އެކަން ހިނގާފައިވާ ގޮތް އޮޅޭގޮތަށް، ދޮގު މައުލޫމާތުތަކެއް އެމުއަަައްސަސާ ބަދުނާމުވާ ގޮތަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވާހަކަ ދައްކަމުން ގެންދާކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުމަށް އާދިއްތަ ދުވަހު ކުރިޔަށްދިޔަ އަޑުއެހުމުގައި އެމައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައެވެ.
ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީންގެ މަށްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާތަކަކީ، ބޮޑެތި ދައުވާތަކެއް ކަމަށާއި އަދި މިދައުވާތަކާއި ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ޝަރީއަތަށް ހުށަހެޅިފައިވާތީ، ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިލައްވަންޖެހޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިދާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އާދިއްތަ ދުވަހުގެ ވަގުތެއްގައި އަމުރެއް އެކޯޓުން ނެރޭނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާ ސީދާ ބައްދަލު ނުކުރެއްވި ދޮޅު މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި ދައުލަތުން އެކަމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ވިދާޅުވަނީ ކަރެކްޝަނަލް ސަރވިސްއިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ބައްދަލުވުމަށް ހަމަޖައްސާ ނުދެއްވުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
މިކަންކަމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ސުވާލު ދެންނެވުމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ފުރަތަމަ ފަހަރަށް އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައި ހިނގާ ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ދައުލަތުގެ މައްޗަށް އެކަން ފަހިކޮށްދިނުމަށް އެދުމުން މޯލްޑީވްސް ކަރެކްޝަނަލް ސަރވިސް އިން ޔާމީން އަށާއި ވަކީލުންނަށް ބައްދަލުވަކަށް އެދުނުހާ އަވަހަށް ބައްދަލުވުން އިންތިޒާމުކޮށްދޭނެ ކަމަށް އަންގާ ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.
އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ހެޑް އޮފީހަށް ވަޑައިގަތުމެއްނެތި ކުއްލިއަކަށް ފެނުނީ ބަޔާނެއް ނެރުނުތަން ކަމަށެވެ. އަދި ބަޔާން ނެރުމަށްފަހު ރަސްމީ ސިފައެއްގައި ހެދިފައިވާ ގަވާއިދުގެ ތެރެއިން ފުރަތަމަ ފަހަރަށް ލޯޔަރުން ބައްދަލުވުމަށް ފޯމެއް ލިބިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށް އަހުމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.
ޖަލަށް ވަޑައިގަތުމުގެ ކުރިޔަށް ކަރެކްޝަންސްއިން މިކަމުގައި ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓަށް ގުޅާ ޖަލަށް ވަޑައިގަންނަވާނެ ވަގުތު ކަނޑައެޅިފައި އޮތްގޮތަށް އެކަން ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް އަހުމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.
އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ރައީސް ޔާމީނަށް ވީތީ ވަކި ތަފާތުކުރުން ތަކެއް ގެންގުޅެފައިނުވާނެ ކަމަށެވެ. ދައުލަތުގެ ބައެއް މަގާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުންނާމެދު އަމަލުކުރައްވާނެ ޚާއްސަ އުސޫލެއް ކަރެކްޝަނަލް ސަރވިސް އަށް ލިބިދޭ އިޚުތިޞާސްގެ ތެރެއިން އެކުލަވާލާފައި އޮންނަކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އެގޮތުގެ މަތިން ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި ދައުލަތުގެ ވަޒީރުކަމާއި މަގާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުންނަށް ލިބިދޭ ޚާއްސަ އިމްތިޔާޒުތަކެއް މިއުސޫލުގައި ބަޔާންކުރާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އެއުސޫލުން ލިބިދޭ ޚާއްސަ އިނާޔާތްތައް މިހާރުވެސް ހުންނާނީ ލިބިދެވިފައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.







