ފުލުހުންނާއި ސިފައިންގެ ދިފާއުގައި ރައީސް ސޯލިހު!
23 ޖޫން 2020 | އަންގާރަ 12:38މުޖުމަތައުގެ ހަމަޖެހުމަށް ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާ ކުރަމުން ގެންދޭ


އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ދިވެހި ފުލުހުންނާއި ސިފައިންގެ ޚިދުމަތަކީ އަގުނުކުވޭނެ ޚިދުމަތެއްކަން ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަލާމަތީ ޚިދުމަތްތައް، (ސިފައިންނާ ފުލުހުން) ގައުމުގެ ސަލާމަތާ މިނިވަން ކަމާއި، އޭގެ އިތުރުން މުޖުމަތައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާ ކުރަމުން އަންނަ ދެ މުއައްސަސާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިހާރު ކުރަމުން އަންނަ ބުރަ މަސައްކަތުގައި ރެއާދުވާލެއް ބެލުމެއްނެތި އަތްވާ ހޫނުގައި މި ދެ މުއައްސަސާގެ ބޭފުޅުން ކުރަމުން ގެންދާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.
ކޮންމެ މުއައްސަސާއެއްގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ އިސްލާހު ކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން އުފެދޭނީ ފިތްނައާ ނަފްރަތާއި ބައިބައިވުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސިފައިންނާއި، ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ބަދަލު ގެންނަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނެކަމުގެ ޔަގީން ރައީސް ސޯލިހު ވަނީ އަރުވާފައެވެ.









