ކުށްކުރާ މީހުންނަށް ބޭނުންހާ އެއްޗެއް ނުހެދޭނެ: ޕީޖީ ޝަމީމް
18 ޖޫން 2020 | ބުރާސްފަތި 19:06މައްސަލަ ތަހުގީގު ކުރުމަކީ ފަސޭހަ ކަމެއް ނޫން

ފަލަސުރުހީ ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވާހަކަދައްކަވަނީ
ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ އަދުލުގެ ނިޒާމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، ކުށްކުރާ މީހުންނަށް ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމެއް ކަމަށާއި، މިހާރު ގާނޫނު އަސާސީ ބައްޓަން ވެފައި އޮތް ގޮތުންނާއި ނިޒާމު ތަރުތީބުވެފައިވާ ގޮތުން ޖިނާއީ މައްސަލައެއް ސާބިތު ކުރުމުގެ ޒިންމާ މިއޮންނަނީ ދައުލަތަށް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކުޑަ ކުދިންނާ މެދު ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ލަސްވާ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޕީޖީ ޝަމީމް ވިދާޅުވީ ސައިކޮލޮޖިސްޓް ރިޕޯޓުތައް ބޭނުންވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ފަރުވާތަކާއެކު ކުރިއަށް ގެންދާ ތަހުގީގުތަކަށްވާތީ ލަސްތަކެއް ކުރިމަތިވާ ކަމަށާއި، ދަތުރުފަތުރުގެ ސަބަބުން ވެސް ލަސްތައް ކުރިމަތިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފް ނޫން ގޮތްގޮތުން ވެސް ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ. އެއީ އެހީގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކޮށްދިނުން ކަމަށް ޕީޖީ ވިދާޅުވިއެވެ.
ލަސްތައް ދިމާވާ މައްސަލަތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ލަސްވާ ދިމަދިމާލުން މައްސަލަތައް އަވަސް ކުރެވޭތޯ ބަލާ ކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ ކުށްކުރާ މީހުންނަށް ސަކަރާތް ޖަހާފަ ބޭނުންވާ އެއްޗެއް ހަދާފަ ނޫޅެވޭނެކަން އެމީހުންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުއްލިއަކަށް ނުނެރެވޭނެ ކަމަށާއި، އުންމީދު ކުރަނީ ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.
އެގޮތުން ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ކުރުމަށް ކޯޓުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހުން ބާރު އަޅާގެން މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން ލޮކްޑައުންއާ ގުޅިގެން ވެސް ލަސްތަކެއް ކުރިމަތިވި ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ނަމަވެެސް މިހާރު ޝަރީއަތްތައް އަވަސް ކުރުމަށް ބްލޮކް މޯޑްގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ އެއުސޫލާ އެގޮތަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވާނަމަ މައްސަލަތައް ނިންމާލަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.






