ގެތަކަށް ސާފުކުރާ މީހުން ގެންގޮސްގެން އެކަން ނުކުރުމަށް އިލްތިމާސް ކޮށްފި
31 މެއި 2020 | އާދީއްތަ 14:14އެގޮތަށް އެކަން ކުރާނަމަ ބަލި ފަސޭހައިން ފެތުރިދާނެ


މީހަކު ގެޔެއް ސާފުކުރަނީ - ދިރިއުޅޭ މާހައުލު ސާފު ކުރުމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން
ކޮވިޑް-19ގެ މި ހާލަތުގައި ބައެއް ގެތަކަށް ބިދޭސީން ގެންގޮސްގެން ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރުގެ މިހާލަތުގައި ބައެއް މީހުން ގެތަކަށް ބިދޭސީން ގެންގޮސްގެން ސާފުކުރުވުމުގެ މަސައްކަތް ކުރާ ކަމަށާއި، އެއީ އެގޭގައި ދިރިއުޅޭ ބިދޭސީއެއް ނަމަ މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ގިނަ ފަހަރު ގެތަކަށް ގޮސްގެން ސާފުކުރާ މީހުންނަކީ ގިނަ ގެތަކަށް ގޮސް އެޚިދުމަތް ދޭ މީހުން ކަމަށާއި، މިގޮތަށް މިކަން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިދުވަސްވަރަކީ ކޮވިޑް-19 ފަސޭހައިން ފެތުރުން ބޮޑު ދުވަސްވަރެއްގެ ގޮތުގައި ޑރ. އަފްޒަލް ސިފަކުރެއްވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ގޭތެރެ ސާފުކުރުމުގައި ވެސް ދޮރުތަކާއި، މޭޒުފަދަ ތަންތަން ސާފުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.
ލޮކްޑައުންގައި ދެވުނު ލުއިތަކުގައި ވެސް އެގަތަކަށް މީހުން ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ މިހާލަތުގައި ގެތަކަށް މީހުން ޒިޔާރަތް ކުރުން މަދު ކުރަން ޖެހޭ ކަމަށެވެ.








