ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 21:09
އެންސިސް ފިޝަރީޒް ކުންފުނީގެ ބައެއް މުވައްޒަފުން
އެންސިސް ފިޝަރީޒް ކުންފުނީގެ ބައެއް މުވައްޒަފުން
ރާއްޖެއެމްވީ
އެންސިސް ފިޝަރީޒް
އެންސިސްގެ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ކުރިމައްޗަށް، "ފަނާގަލެއް" ވެއްޓިފައި!
 
ޢަޒްމަކީ، އެންމެ ދިވެއްސަކުވެސް ވަކިނުކޮށް،އަޑިގަނޑުން އަރައިގަތުން!

ހިނގަހިނގާ އޮތް 25 މިލިއަން ޑޮލަރުގެ އެންސިސްގެ އިންވެޓުމަންޓު ފުޅާކުރަން، ބޭރުގެ ފަރާތަކުން ހޯދި 25 މިލިއަން ޑޮލަރުގެ އިތުރު ލޯނަކުން، އެންސިސް ފިޝަރީޒް ކުންފުނީގެ ކޭނިންފެކްޓަރީގެ އައު ފިޔަވަހި ނިންމިއެވެ. އެތަނަށް މުވައްޒަފުންނަގައި، ޔޫރަޕުން އޯޑަރުތައްވެސް ނަގައި، އެ އޯޑަރުތަކަށް ބޭނުންވާނޭ، މަސްދަޅު ބަންދުކުރަން ފެށުމާއެކު، ހިއްލާލީ ކޯވިޑް19ގެ ވައިރަހުގެ ބިރެވެ. އެހިނދު ފަޒާގައި އުދުހެމުންދިޔަހާ މަތިންދާބޯޓުތައް، ރައްވޭތަކަށް ތިރިކޮށް، ގްރައުންޑުކުރިއެވެ. ދުނިޔެ ބަންދުވީއެވެ. ޔޫރަޕް ބަންދުކުރިއެވެ! އޭރު ދުނިޔޭގައި ހިނގަހިނގާ އޮތް ހަރަކާތަކީ، ޑަބް.ލިއު.އެޗް.އޯގެ އިރުޝާދުގެ ދަށުން ހިނގަމުންއެދާ އަތް ދޮވުމެވެ.

އެންސިސްގެ ދަޅުމަހުގެ އޯޑަރުތަކާއި، ޔޫރަޕަށް އޮތް، ކުންފުނީގެ ބޮޑު ކަންނެލީގެ އެކްސްޕޯޓުވެސް ހުއްޓުނީއެވެ. އެހެންކަމުން، ޒުވާން ކޭނިންފެކްޓަރީގެ ހަނީމޫނުގެ ކުރިމައްޗަށް، މިއަދު އެ އޮތީ، ފަނާގަލެއް ވެއްޓިފައެވެ! ސުވާލަކީ،25 މިލިއަން ޑޮލަރުގެ ލޯނުގެ ބުރަ، ކޮނޑުއަޅައިގެންތިބި ޑައިރެކްޓަރުންނަށް، ނޭވާހިފަހައްޓާލައިގެން ތިބެވެން އޮތީ، ކިހާ ދުވަހަކަށް ހެއްޔެވެ؟

ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯގެ ފެލިވަރު ކޭނިން ފެކްޓަރީއާއި، ވިލާގެ ޗޭން ކުންފުންޏެއްގެ ގޮތުގައި އޮތް މާންދޫ ކޭނިން ފެކްޓަރީގެ މައިކަށި ހާ، އެންސިސްގެ މައިކަށްޓެއް ވަރުގަދައެއް ނޫނެވެ. އެންސިސްއަކީ، ޒުވާން ކުންފުންޏެކެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި، އެބައެއްގެ ފައިވެސް ހަރުލަފާނެ ކަމުގެ އުންމީދުގައި ނިކުތް، މި ވިޔަފާރިއަށް ޒުވާން ތިން ޑައިރެކްޓަރުންގެ ހެދޭ ކުރިއެކެވެ.

ފަންސާސް މިލިއަން ޑޮލަރުގެ އިންވެސްޓު މަންޓެއްގެ ގޮތުގައި މިއަދު ފެންނަމުންދާ، އެންސިސް ކުންފުނީގެ މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް، ކޭނިން ފެކްޓަރީ ތަޢާރަފުވީ 25 މިލިއަން ޑޮލަރުގެ ލޯނެއްގެ ބުރައެއް، ބޮލުއަޅައިގެންނެވެ. އެ ލޯނުގައި ކޮނޑު ޖަހައިވަނީ ކުންފުނީގެ މެނެޖިންޑިރެކްޓަރ މުޙައްމަދު ވަސީމާއި، އަނެއް ދެ ޑިރެކްޓަރުންނެވެ. އެއީ ޢަބްދުލް ވާޙިދު ތައުފީޤާއި،ޢަބްދުﷲ ސަޢީދެވެ. މީގެ ތެރެއިން ވަސީމަކީ، އޭނާގެ ދެ ބައިވެރިންނާއެކު، އެންސިސްގެ މުސްތަގުބަލު ކުރަހާ އާރުކާޓީއެވެ. ކޯވިޑު19ގެ ތެރޭގައިވެސް މުވައްޒަފުން ކެނޑުމާއި މުސާރަ ކުޑަކުރުމަކީ، ވަސީމުގެ ވިސްނުމެއް ނޫނެވެ. ފަނާގައި އެ އޮތީ ކުންފުނީގެ ވިޔަފާރީގެ ކުރިމައްޗަށް ވެއްޓިފައިކަން ޤަބޫލުކޮށް، ވަސީމް އަޅުއްވާފައިވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެވެ.

"އަޅުގަނޑުމެންގެ މެސް ރޫމުގައި، މީގެ ކުރިން ކެއުން ހުންނަ ގޮތަކަށް ނޫން، މިހާރު ހުންނާނި. ކުރިން ކާތަކެތި ތައްޔާރުކުރަން ބޭނުންކުރި ބާވަތްތަކެއް، މިހާރު ލިބޭކަށްނެތް. ފްލައިޓެއްނެތް، އިމްޕޯޓެއްނެތް! އެހެންވެ އަޅުގަނޑު ދެންނެވިން، މި ޙާލަތުގައި ގަރުދިޔައާއި ރިހައާއި ބަތްފަދަ، އައިޓަމްތަކުން، ފުއްދަން ދަސްކުރަންވާނޭ"
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމް
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމާއި، އަނެއް ދެ ޑިރެކްޓަރުން

އެންސިސް ފިޝަރީޒް ކުންފުނީގެ ވިޔަފާރީގެ ހަޔާތެއްފެށިގެންއައި ބިމަކީ، ހުޅުމާލެއެވެ. އެއީ މިއަދުގެ ގްރޭޓަރ މާލޭގެ އެންމެ ވަރުގަދަ ހުޅެވެ. އެ ރަށް ހިއްކާނިމި، އެތަނުން ވިޔަފާރީގެ އުސޫލުން ބިންދޫކުރަން ފެށުމާއެކު، ވަސީމު، ހުޅުމާލޭން ބިމެއް ނެންގެވިއެވެ. އޭރަކު، އެ ފަސްގަނޑުގައި މީހުން ދިރިއުޅޭކަށް ނުފަށައެވެ. އެތާކު އޭރަކު ކަރަންޓެއް ފެނެއް ނެތެވެ. ހަމައެކަނި އެ ފަސްގަނޑާ މާލެއާ ދެމެދު، ގުޅުމަކުން ގުޅިފައި އޮތީ. ފެރީ އަކުންނެވެ. ސުވާލަކީ، ކުންފުނިން މިއަދު މިފެންނަ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ތަސައްވުރު، މީގެ 17 އަހަރު ކުރިން، މުޙަންމަދު ވަސީމް، ކުރެއްސެވި ގޮތެވެ. އެއީ ކިހިނެއް ކަމެވެ.

"އަޅުގަނޑު، މަސްވެރިކަމުގެ މަސައްކަތެއް ފަށަން، މީގެ 17 އަހަރު ކުރިން، ހުޅުމާލޭން ބިމެއް ނެގިއިރު، އެއީ ފަޅުތަނެއް. އެއްވެސް ދިރުމެއްނެތް ތަނެއް. އެހެން ނަމަވެސް، އަޅުގަނޑުނެގި ބިމަށް ބަލަން ހުރެގެން ކޮންމެ ދުވަހަކުވެސް، އެތަނުގެ މުސްތަގުބަލު ގެންދިޔައީ ޚިޔާލީ ގޮތުން ކުރަހަމުން"
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމާ
އެންސިސް ފިޝަރީޒް ކުންފުނީގެ ބައެއް މުވައްޒަފުން

ކޮންމެ ދުވަހަކުހެން، ވަސީމް، އެރަށަށް ދުރުވެއެވެ. އޭނާ ކުއްޔަށް ނެންނެވި ބިމަށް ބައްލަވަން ހުންނަވައެވެ. އެތަން ތަރައްޤީ ކުރައްވާނެ ގޮތަކާމެދު، ޚިޔާލު ކުރެއްވުމުގައެވެ. އެންމެ ފަހުން، އެ ޚިޔާލު ތަކުގެ އަލީގައި، ޢަމަލީ މަސައްކަތުގެ ހުވަފެން، ބައިވެރިންނާއެކު އޭނާ ދެކެން ފެށިއެވެ. އެހުވަފެން ވަސީމު ދެކެމުން ދިޔަގޮތް އޭނާ ކިޔައި ދެއްވިއެވެ.

"އަޅުގަނޑުމެންގެ ޚިޔާލުގައި، އޭރު އޮތީ، ރާއްޖެއަށް ބާނާ މަސް ޕްރޮސަސް ކޮށްގެން، ބޭރަށް އެކްސްޕޯޓު ކުރާނެ، ބިޔަ ކާރުޚާނާ އެއްގެ ހުވަފެނެއް. އޭރު އަޅުގަނޑުގެ ޚިޔާލީ ލޮލަށް ފެންނަމުންދިޔަ، މި ރަށުގައޭ އެންމެ ބޮޑު އެއް އާބާދީއެއް އޮންނާނި. މިތަނުން ލިބޭނެއޭ، މި ކާރުޚާނާއަށް ބޭނުންވާނެ މުވައްޒަފުން"
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމާ
އެންސިސް ފިޝަރީޒް ކުންފުނީގެ މުވައްޒަފުންތަކެއް މަސްގެންދިއުމުގެ މަސައްކަތުގައި

އޭނާ، އެ ސިފަކުރެއްވީ، މީގެ 17 އަހަރުގެ ކުރިއެވެ. އޭރަކު، އޭނާ އެ ދެކެލައްވަމުންދިޔަ ހުވަފެން، އެ ބިމަކު ތަޢުބީރު ވާކަށް ނުފަށައެވެ. މާނައަކީ، އެރަށުގައި މީހުން އާބާދުވާކަށް ނުފަށައެވެ. އެހެން ކަމުން، އެއީ އޭރު ހަމައެކަނި ހުވަފެނެކެވެ. މިދެންނެވި ހުވަފެން، މިއަދު ތަޢުބީރުވެފައި އޮތް ގޮތް ބަލައިލަމާ ހެއްޔެވެ؟

އެން.ސިސް ވަސީމުގެ ނަމުން، މިއަދު މީހުން ދަންނަ ކުންފުނީގެ މެނެޖިންޑިރެކްޓަރ މުޙައްމަދު ވަސީމަކީ، މީގެ 17 އަހަރު ކުރިން، އެނަމުން އޭނާއަށް، މީހުން މުޚާޠަބުކުރާ ބޭކަލެއް ނޫނެވެ. އެހެން ނަމަވެސް، އޭރުވެސް އޭނާގެ ނަން، މަޝްހޫރެވެ. އޭރު ވަސީމަށް މުޚާތަބު ކުރަނީ، " ކަނި ވަސީމް" އެވެ. އޭރު އޭނާއަކީ، ކަނިފިނޮޅު ރިސޯޓުގެ މެނޭޖަރެވެ.

ކަނިފިނޮޅު ރިސޯޓު ހިންގަމުން އައި ކުންފުނިން، އެ ރިސޯޓު ބޭރުބަޔަކަށް ކުއްޔަށް ދިނުމުން، ވަސީމު، ޓޫރިޒަމް ދާއިރާގެ ޚިދުމަތުން ފެއަށް ޖެހުނެވެ. އޭރު އޭނާގެ އަތުގައި އޮތީ، 1997ގައި، އުފެއްދި އެންސިސް ކުންފުންޏެވެ. އެއީ "އެންސިސް އިންވެސްޓުމަންޓު ޕްރައިވެޓް ލިމިޓެޑް" އެވެ. އެ ކުންފުނިން އޭރު ކުރަމުން ގެންދިޔައީ، ރިސޯޓު ތަކުގެ މުވައްޒަފުންގެ ޔުނިފޯމުގެ މަސައްކަތާއި، ރިސޯޓުތަކުގެ ޝޮޕްތަކަށް، ޓީޝާޓާއި ސުވެނިއާ ފަދަ ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތެވެ. މި ކަމުގައި އޭނާ ރަނގަޅަށް މަސްއޫލުވެ ޙަރަކާތްތެރި ވަމުން އަންނަނިކޮށް، އެއްދުވަހަކު، ލިބެނީ ފޯނު ކޯލެކެވެ! ސުވާލަކީ، މިދެންނެވި ކޯލަކީ، ވަސީމުގެ މިއަދުގެ ފެށުން ހެއްޔެވެ؟

" ބޭފުޅަ ގުޅުއްވާފަ ބުނުއްވީ، ޖަޕާނު ބަޔަކު އެބަ އުޅެއޭ، ރާއްޖޭގަ މަސް ޕްރޮސަސް ކުރުމުގެ މަސައްކަތެއް ފަށަން. ދިވެހި ޕާޓްނަރެއް ހޯދަން އެމީހުން އެބަ އެދެއޭ. ޝައުގުވެރި ތޯއޭ؟"
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމާ
އެންސިސް ފިޝަރީޒް ކުންފުނީގެ ބައެއް މުވައްޒަފުން

މިދެންނެވި ކޯލަށް އެންސިސުންއާއެކޭ ބުނީ، ސަބަބަކާ ލައިގެންނެވެ. އޭރު ވަސީމަށް ވިސްނިފައި އޮތް ގޮތުން، މަސްވެރިކަމަކީ، މުސްތަގުބަލެއް އޮތް، ރަނގަޅު މަސައްކަތެކެވެ. އެހެންކަމުން، ޓޫރިޒަމަށްފަހު، އެކަމަށް ނިކުންނަން އޭނާ ގެންދެވީ ވިސްނަމުންނެވެ.

މިހައިތަނުން، ފެށިގެން އެދަނީ، ޖަޕާނު ކުންފުންޏަކާއި ޙިއްސާވެގެން އޭނާ ފެއްޓެވި ކަންނެލިގަނެ، އެކްސްޕޯޓު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހިނގަމުން ދިޔައީ، ޖަޕާނު ކުންފުނިން ރާއްޖެއަށް ގެނެސްފައި އޮތް، ކަނޑުމަތީ ފްލޯޓިން ބާޖެއްގައެވެ.

ގާތްގަނޑަކަށް 2000 ޓަނުގެ މި ބާޖަކީ، އޭގައި ކޯލްޑް ސްޓޯރޭޖަކާއި 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްހުރި ބާޖެކެވެ. މި މަސައްކަތަކީ، ދިވެހިން ބޮޑުކަންނެލީގެ އައު ޙަޔާތަކަށް ނެރެދޭން އެހީވެދިން ކަމެކެވެ.

އެސްސިސް ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެ ކުންފުނިން 2011 ވަނަ އަހަރުގެ ތެރޭގައިވެސް، 157 މިލިއަނަށްވުރެ ގިނަ ރުފިޔާ، ބޮޑުކަންނެލި ގަންނަން ހޭދަކުރިއެވެ. އެ އަހަރުގެ ތެރޭގައިވަނީ 3025 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި ބޭރުކޮށްފައެވެ. ވޭތުވެދިޔަ 10 އަހަރުގެ ރެކޯޑުތަކަށް ބަލާއިރު، 2014ން 2018އާއި ދެމެދަކީ، އެންމެ ގިނަ އަދަދަކަށް، އެ ކުންފުނިން ބޮޑުކަންނެލި ބޭރުކުރި އަހަރު ތަކެވެ. ހަމައެކަނި 2019 ގައިވެސް، ބޮޑުކަންނެލި ގަންނަން 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވެއެވެ. 2020 ވަނަ އަހަރު، އެ ކުންފުނިންވަނީ، 104 މިލިއަން ރުފިޔާއަށް ވުރެން ގިނަ ފައިސާ، ބޮޑުކަންނެލި ގަންނަން ހޭދަކޮށްފައެވެ.

އެންސިސް ފިޝަރީޒް ކުންފުނީގެ މުވައްޒަފަކު

ކަންނެލި ކިރާ އޮޑިފަހަރަށް ވަގުތުން އައިސް ދިނުންފަދަ ޚިދުމަތްތައް މި ބާޖުން ދޭންފެށިއެވެ. އިސާހިތަކުމެ، ބޮޑުކަންނެލި ބާނާމީހުންގެ މަގުބޫލުކަން އެންސިސްއާ ދިމާއަށް އެނބުރެން ފެށިއެވެ. މި މަސައްކަތް ހިނގަމުން ދަނިކޮށް، ޖަޕާނު ކުންފުނިން އެ މަސައްކަތް ހުއްޓާލަން ނިންމިއެވެ. އެހިސާބުން އެ އިންވެސްޓުމަންޓު ވަސީމު ގަތެވެ. ދެން މި މަސައްކަތް ކުރިއަށް ގެންދިޔައީ، ވަސީމް، އޭނާގެ ޕާޓްނަރުންނާއެކު އުފެއްދެވި " އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑު' ންނެވެ.

މި ކާމިޔާބީތަކާއެކު، އެންސިސް، އަމިއްލަ ފައިމައްޗަށް ތެދުވެ، ހިންދަމާލި ވަގުތަކީ، މި ރިޕޯޓު ފެށުމާ ހަމައިން، ފެނިގެން އެދާ، "ހުޅުމާލެ" ހިއްކާ ނިމި، އެތަނުން، އިންވެސްޓަރުންނަށް، ބިންދޫކުރަން ފެށި ހިސާބެވެ. އެހެން ކަމުން، ކަނޑުމަތީގައި ހިނގަމުންދިޔަ އޭނާގެ މަސްފެކްޓަރީ، ޕްރޮސަސިން ޕްލާންޓަކާއެކު ހިންގާ، ޒަމާނީ މަސްފެކްޓަރީއަކަށް ހެދުމަށްޓަކައި، ހިކިފަސްތަނަކަށް ބަދަލުކުރަން ނިންމެވިއެވެ.

މިއަދު، 25 މިލިއަން ޑޮލަރުގެ އިތުރު އައު އިންވެސްޓު މަންޓެއްގެ ގޮތުގައި، ދަޅުގައި މަސްބަންދުކުރާ ފެކްޓަރީއެއް، ހިނގަމުން އެދަނީ މިދެންނެވި ބިމުގައެވެ. ބޭރުގެ ބޭންކަކުން އަމިއްލައަށް ލޯނު ނަންގަވައިގެންނެވެ. މި އައު އިންވެސްޓުމަން ފެށުމާއެކު، ވަސީމުގެ އިންވެޓުމަންޓުގެ ޖުމްލަ 50 މިލިއަން ޑޮލަރަށް ބަދަލުވިއެވެ.

މިހާނަށް، މި މަސައްކަތް އޭނާ ފުޅާކޮށް ތަރައްޤީ ކޮށްފައި އެވަނީ، އެއްވެސް ސަރުކާރެއްގެ އެހީތެރިކަމެއް ނެތި، މި މަސައްކަތް ފުޅާކުރަން ބޭނުންވާ ފައިސާ، ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކައިގެން ކުންފުނިން ހޯއްދައިގެންނެވެ. އެއީ އެ ކުންފުނީގެ އާމްދަނީއާއި ކުންފުންޏަށް ލިބޭ ސާފު ފައިދާގެ މިންވަރަށާއި، މި މަސައްކަތުގައި، އޭނާ ބިނާކޮށްފައި އޮތް އިތުބާރަށްޓަކައި ލިބިފައިވި ލޯނު ފެސިލިޓީސް ތަކެކެވެ.

ކޮންމެއަކަސް، ހުޅުމާލޭގެ ބިމުގައި، 2006ވަނަ އަހަރު ބިންގާ އެޅުއްވި، މި އައު ފެކްޓަރީ 2007ގައި އޭނާ ފުރަތަމަ ފެއްޓެވީ ކޯލްޑް ސްޓޯރޭޖަކާއެކު ހިނގަމުންދިޔަ، ބޮޑުކަންނެލި ބޭރުކުރާ ތަނެއްގެ ގޮތުގައެވެ. އެ ތަނުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ އެއްގެ ޕްލާންޓެއް، 25 މިލިއަން ޑޮލަރުގެ އިންވެސްޓު މަންޓެއްގެ ގޮތުގައި އޭނާ ޤާއިމްކުރެއްވީ، ދާދި މިދާކަށް ދުވަހުއެވެ.

އެންސިސް ފިޝަރީޒް ކުންފުނީގެ ކޯލްޑް ސްޓޯރޭޖް

މި ރިޕޯޓު ފެށިގެން އައިއިރު، ފެންނަމުންދިޔަ ވަސީމުގެ ހުވަފެނަކީ، މި އަދު ފެންނާން އެ އޮތް 50 މިލިއަން ޑޮލަރުގެ މިދެންނެވި އިންވެސްޓު މަންޓެވެ. ވަސީމު ކުރެއްސެވި ކުންފުނީގެ މުސްތަގުބަލަށް މިއަދު އެ އޮތީ، ފުރިހަމަ ސޫރަ ގެނުވައިފައެވެ. މިއަދު މި ފެކްޓަރީއަކީ، އެތާނގައި ހުރި ޕްލާންޓުން އެއްޝިފްޓަށް މަސައްކަތް ކުރިނަމަވެސް، ދުވާލަކު 50 ޓަނުގެ ދަޅުމަސް، ބަންދު ކުރުމުގެ ގާބިލްކަން އޮތް ފެކްޓަރީއެކެވެ. މި ފެކްޓަރީގައި 1200ޓަނުގެ މަސް،ފިނިކޮށް ފައްލަވަ ކުރެވެން، ނުވަތަ ރައްކާކުރެވެން އެބަ އޮތެވެ. ކުންފުނީގެ މުވައްޒަފުންނަށް މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި، ހޭދަ ކުރެއެވެ. ކޮވިޑް19ގެ ފަނާގައު، މި އައު އިންވެސްޓު މަންޓުގެ ކުރިމައްޗަށް ވައްޓާލިއެއް ކަމަކު، ވަސީމު، މުވައްޒަފުންނެއް ނުކަނޑައެވެ. މުސާރަ އުންޏެއް ނުކުރައްވައެވެ.

މިއީ، މިފްކޯއާއި ހޮރައިޒަން ފިޝަރީޒަށްފަހު، 3 ވަނައަށް ރާއްޖޭގައި އުފެއްދި މި ފެކްޓަރީގައި، ދުވާލަކަށް 250 ޓަނުގެ އައިސް އުފައްދާ ޕްލާންޓު ތަކުގެ ގާބިލްކަމާއި، މަސްވެރިންނަށް ތެޔޮ ދެވޭނެ ނިޒާމެއް، ގާއިމްކޮށްފައި އެބަ އޮތެވެ. ސުވާލަކީ، ވަސީމުގެ ހުވަފެނުގައި، އޭރު ދެކެމުންދިޔަ، ހުޅުމާލެއަކީ، މިއަދު ބިޔަބޮޑު އާބާދީއެއް ހެއްޔެވެ؟ އެ އާބާދީގެ ބަޔަކު،ވަސީމުގެ ފެކްޓަރީގައި، މިއަދު ވަޒީފާގައި އެބަ ތިބި ހެއްޔެވެ؟

އެންސިސްގެ ދަޅު މަސް ބަންދުކުރާ ފެކްޓަރީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ހުޅުމާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން، ޚާއްސަކޮށް، ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ދެމެދު، ހުސްވަގުތު އޮތް، އަންހެނުންނަށް، އާމްދަނީ ލިބޭނެ ޚާއްސަ ފުރުސަތެއްވެސް، ވަސީމުގެ ފެކްޓަރީން ހުޅުވާލިއެވެ. އެއީ ދިވެހީންނަށް ހުޅުވާލި 750 ވަޒީފާގެ ފުރުސަތެވެ. މި އިޢުލާނާއެކު، 750 މީހުން ކުންފުނީގެ ވަޒީފާއަށް ވަނެވެ. މިއަދުވެސް، އެފަދަ ހުސް މަގާމުތަކުގެ އިންތިޒާރުގައި، އެކަށޭނަ ޢަދަދެއްގެ ބަޔަކު ކިއުގައިވެސް އެބަ ތިއްބެވެ.

އެހެންކަމުން، އެއްވެސް މީހެއްގެ ހިލަމެއްނެތް، ހުސް ބިމެއްގައި، މީގެ 17 އަހަރު ކުރިން، ވަސީމް ކުރެއްސެވި، އެންސިސް ފިޝަރީޒް ކުންފުނީގެ މުސްތަގުބަލު މިއޮތީ، މިދެންނެވި ޗާޓަށް މިއަދު ބަރާބަރަށްފިޓުވެފައެވެ! އޭރު ޚިޔާލީ ލޮލަކުން ދެކެމުންދިޔަ މުވައްޒަފުންވެސް އެތިބީ، މިއަދު ކުންފުނީގެ ވަޒީފާގައެވެ. މިހައިތަނުން ދެން އޮތީ ބޮޑު ސުވާލެކެވެ. އެން ސިސް ފިޝަރީޒަކީ، ވަސީމާއި އަނެއް ދެ ޑައިރެކްޓަރުންގެ އިތުރުން ދެން ކޮން ބައެއްގެ އަތްމައްޗަށް ދާނެ އިންވެސްޓުމަންޓެއް ހެއްޔެވެ؟.

"އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ، މިއީ، ދިވެހި ރައްޔިތުންގެ ކުންފުންޏަކަށް ހެދުމުގެ ޚިޔާލު! މި ކުންފުނިން، ދިވެހި ރައްޔިތުންނަށް، ޙިއްސާ ވިއްކާނަން! އެހައިތަނުން، މި ކުންފުނިވާނީ، ދިވެހި ރައްޔިތުން ޙިއްސާދާރުންގެ ގޮތުގައި ދެމިތިބޭ ކުންފުންޏަކަށް"
އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމާ
އެންސިސް ފިޝަރީޒް ކުންފުނީގެ މުވައްޒަފުންތަކެއް ޕްރޮސަސިންގެ މަސައްކަތުގައި

މާދަމާ، ދިވެހި ރައްޔިތުންގެ ޙިއްސާ އޮންނާނެ އެންސިސް ފިޝަރީޒް ކުންފުނީގެ ކުރިމަތީގައި، މިއަދު އެވަނީ، ފަނާގަލެއްފަދަ ބަރެކެވެ. ފަނާގަލަކީ، އޮޑިދޯނިފަހަރު އެޅުމަށް ނަގިލީގެ ބަދަލުގައި ބޭނުންކުރާ، އެހާމެ ބަރު އަދި އެހާމެ ބޮޑު ގަލެއްގެ ނަމެވެ. މިފަދަ ބަރެއް ކުންފުނީގެ ކުރިމަތީގައި އޮތް ނަމަވެސް، ވަސީމުގެ ޢަޒްމަކީ، އެއްވެސް ދިވެއްސަކު ވަކިނުކޮށް، މި އަޑިގަނޑުން އަރައިގަތުމެވެ. ޔޫރަޕު ހުޅުވުމާއެކު، އަނެއްކައިވެސް، އެކްސްޕޯޓު ފެށުމެވެ. އެންސިސްއަކީ، ރާއްޖެއިން ބޮޑުކަންނެލި އެކްސްޕޯޓުކުރާ ހައެއްކަ ކުންފުނީގެ ތެރެއިން، އެންމެ ބޮޑު އެކްސްޕޯޓަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
5 މެއި 2020 | އަންގާރަ 15:17
އިކްރަމް
ތިޔާ ފަނާގަލެއް ނޫން. ބަޖިޔާ ގަލެއް