Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ކޮވިޑް-19: އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!

މި ބަލިމަޑުކަމަށް އިންސާނުންނަށް އަދި ފަރުވާއެއް ހޯދިފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އެޕްރީލު 2020 | ބުދަ 06:52
އާންމުން މަގުމަތީގައި ހަރަކާތްތެރިވަނީ

އާންމުން މަގުމަތީގައި ހަރަކާތްތެރިވަނީ

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން މަޖުބޫރު ޙާލަތުގައި އެތައް ސައްތޭކަ މީހުންނަށް މިވަނީ ގޭބަންދުވެފައެވެ. މި ވައިރަސްއަށް އިންސާނުންނަށް އަދި ފަރުވާއެއް ހޯދިފައިނުވާއިރު ކަމާއި ގުޅޭ މާހިރުން އިރުޝާދުދޭގޮތުގައި، މި ވައިރަސްއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ގޭގައި މަޑުކުރުމެވެ. މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ފަދައިން ސާފުތާހިރު ކަަމަށް އިސްކަންދިނުމެވެ. މާތްﷲ ގެ ހަޟްރަތުން މި ބަލިމަޑުކަމަށް ޝިފާދެއްވެވުމަށް އެދި އިސްތިޣުފާރު ކުރުމާއި ދުޢާ ކުރުމެވެ. ދުނިޔޭގެ އެތައްހާސް މީހުން ކޮވިޑް-19 ގެ ބަލިމަޑުކަން ތަޙައްމަލުކުރަމުންދާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ މި ބަލިމަޑުކަމުގައި ދުނިޔެއާ ޢަލްވަދާޢު ކިޔާފައެވެ.

އާރާ ބާރު ހުރި އެތައް ބަޔަކު މި ބަލީގެ ޝިކާރައަކަށްވުމުން ތިމާގެ ނިކަމެތިކަން ހިތަށް އަރައެވެ. އެ ބާރުގެ ބޭނުން މިއަދު ހިފާނީ ކިހިނެއްތޯ ހިތާ ހިތުން ސުވާލުކޮށްލެވެއެވެ. ވައިރަސް މުޅި ދުނިޔޭގައި ވަކި ހިއްޕާލާފައިވާއިރު، މިކުޑަކުޑަ ވައިރަސްއަށް އިންސާނުން މިވަނީ ކުޑަކަކޫ ޖަހަންޖެހިފައެވެ. މިހާތަނަށް އާއިރު ފެންނަ މަންޒަރު ވަރަށް ސާފެވެ. އެއީ، އިންސާނުންނަކީ ވަރަށް ނިކަމެތި އަދި ބަލިކަށި ބައެއް ކަމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންސާނުންނަށް މިއަދު މިވަނީ ދަތި އުނދަގޫކަމަކަށްވެފައެވެ. މިކަމުގެ ދިރާސާތައްކޮށް ވެކްސިނެއް އީޖާދުކޮށް، އަޖުމަބެލުމުގެ މަރުޙަލާތައް ވެސް ދަނީ ކުރިއަށެވެ. މިއީ، މިއަދު ދުނިޔެ އިންސާނުންނަށް ދައްކަމުންދާ ތެދު ޙަޤީޤަތެވެ. ކިތަންމެ މުދަލަކާއި ފައިސާ އޮތަސް މިއަދު އެ މުދަލަކުން އަދި ފައިސާއަކުންކުރާނެ ފައިދާއެއް ނެތެވެ. ހިތް ތިރިކުރުމަށް ފަހު އެންމެން އެކީގައި މަސައްކަތްކުރަންވީ ވަގުތު އައިސް މިއޮތީ ޖެހިފައެވެ. އެއްބައިވަންތަ ވާންވީ އެވެ. އެކަތިގަޑަކަށްވެ އެކުގައި މަސައްކަތް ކުރަންވީއެވެ. ފަރުދީ ޒިންމާ އަދާކުރަންވީއެވެ. ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކައްް ބޯލަނބަންވީއެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުންނަންވީއެވެ. ފިނި ބުރު ޖެހުމަށާއި ދުވަން ދިޔުމާއި ރަށްޓެހިން ނުވަތަ ޢާއިލާ މީހުންގެ ގެ ތަކަށް ޒިޔާރަތްކުރުން މަދު ކުރަންވީއެވެ.

އަދިވެސް މާލޭގެ މަގުމައްޗަށް ބަލާލުމުން ނިޞްބަތުން މީހުން ގިނަކަން ފާހަގަކުރެވެ. ދުއްވާ އެއްޗެހީގެ އަޑެއް ނުކެނޑެއެވެ. ދާން ބޭނުން ކޮންމެ ތާކަަށް "ހާސްކަނޑާލާފައި" ހަމަ ދަނީއެވެ. ކޮވިޑް-19 ގެ ވައިރަސް ރާއްޖެގައި ނެތް ކަހަލައެވެ. އަޔަސް "ތިމަންނާއަށް ކޮން ކަމެއް ހޭ" ބުނާ ކަހަލައެވެ. ވިސްނުމެއް ޚިޔާލެއް ނެތެވެ. މި ވައިރަހުން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ވެސް އެކި ފިޔަވަޅުތައް އަޅަމުންދާއިރު ދުނިޔޭގެ އެކި ޤައުމުތަކުން ވެސް އަންނަނީ ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ރާއްޖެއިން މިހާރު މި ވަނީ އަނެއްކާ ވެސް އެއް ހަފުތާއަށް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ވެސް ބަންދުކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް މާލެ ޞަރަޙައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައެވެ. އަދި ވަކި ވަގުތެއްގައި އެއްވެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ. މި ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅަމުން މި ދަނީ އެއްފަހަރާ ގިނަ މީހުން އެއްތަނަކަށް އެއްވުން މަދުކުރުމަށްޓަކައެވެ. އެއީ މިވަގުތަށް މި ބަލިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތްކަމަށް ވާތީއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައެވެ.

މީގެ އިތުރުން މުޅި ދުނިޔެއިން ވެސް މިކަމަށް އެކި ފިޔަވަޅުތައް އަޅަމުންދެއެވެ. އެގޮތުން ގިނަ އިސްލާމީ ޤައުމުތަކުގައި ވެސް ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާ، ބައެއް މިސްކިތްތައް ބަންދުކޮށްފައިވެއެވެ. ސަޢުދީ ޢަރަބިއްޔާ އިން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރުން މަނާކުރުމާއި، މަސްޖިދުއް ނަބަވީއާއި މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. މިއަދު މިވަނީ މާތްވެގެންވާ ޙަރަމްފުޅަށް ވެސް ޖަމާނުވެވޭ ޙާލަތާއި ކުރިމަތިލާން ޖެހިފައެވެ. ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ތިމާގެ ފަރާތުން އަނެކާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. މަގުމަތީގައި ގިނަވެގެން އުޅޭއިރު ވިސްނާލަން މުހިންމު ކަމެއް އެބައޮތެވެ. އަމިއްލަ ނަފުސާ ސުވާލު ކޮށްލުން މުހިންމުކަމެއް އެބައޮތެވެ. އެއީ އެފަދަ މާތް މުޤައްދަސް ބިމަށް މިއަދު ޖަމާނުވެވޭ އިރު ވަކި ތިމާ ޖަމާވާނެ ތަނެއް އެބައޮތްތޯއެވެ؟

މި ބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތަކީ ބަލިމަޑުކަމަށް ޝިފާދެއްވުމަށް އެދި އިސްތިޣުފާރު ކުރުމާއި ދުޢާ ކުރުމުގެ އިތުރުން ގޭގައި މަޑުކުރުމެވެ. މިކަމުގައި ވަކި ނަޞްލެއް ފަރުދެއް ތަފާތެއް ކުރެމެއްނެތެވެ. އިރުޝާދުތައް ކަނުލައި އަޑު އަހަންވީއެވެ!!!

މިއަދު ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ ފަރުދެއްގެ ރައްކާތެރިކަމަށް ކަށަވަރު ކުރުމަށް ސަރުކާރުން ވަމުންދާ ގުރުބާނީގެ ބަދަލުގައި މިއަދު ސަރުކާރުން މި އެދެނީ ރައްޔިތުންގެ ކިބައިން ހަމަ އެންމެ ކަމެކެވެ. ގޭގައި މަޑުކޮށްލަދިނުމަށެވެ. ނަމަވެސް މި އަޑު ނީވޭ މަދުބަޔަކު މުޖުތަމަޢުގައި އެބައުޅެއެވެ. އެމީހުންނަށް ކަން ހިނގާ ގޮތް ފުރިހަމަ މަޢުލޫމާތު ނޭގެނީ ބާވައެވެ. ނޫނީ އެކަން އެނގިތިބެ، އިޖާބަނުދެނީބާވައެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ މިއަދު ބީރުކަންފަތެއް ދީފިނަމަ، ތިބާ އާއި ތިބާ އެންމެ ލޯބިވާ މީހުން ކަރުނަ އަޅަން ޖެހިދާނެ ފަދަ ޙާލަތެއް މެދުވެރިވުމެވެ. އެއީ، ތިބާއަށް ވެވޭ އިހުމާލަކުން، ވީކަމެއްކަން އިނގޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.

ނިކަން މިކަމާ ވިސްނާލަމާތޯއެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެ ޢާއިލާ މީހުންގެ އަޅާލުން ނުލިބޭ ހިސާބުގައި އެކަހަރި މާާޙައުލެއްގައި ދުވަސްތައް ގުނަންޖެހޭ މީހުންގެ ވާހަކަތަކާއި އިހުސާސްތައް އަޑުއަހާލުމުން މިކަމުގައި ހުރި ވޭނާއި ހިތްދަތިކަން ފަހުމުކުރަންވެސް ދައްޗެވެ. އެފަދަ ކަމެއް އެހެން މީހަކަށް ތަޖުރިބާކުރަން ނޭދޭ ކަމަށް އެމީހުންދަނީ ބުނަމުންނެވެ. މި ބަލީގެ ނުރައްކާތެރިކަން ބޮޑުވެފައި އަސަރު ބޮޑުވުމުންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނަވާ ގޭގައި މަޑުކޮށްލަދެއްވާށެވެ!

އިހަށް ނުވި ރައްކަލެއް ފަހަކުން ވެސް ނުވެވޭނެއެވެ!!!

އިތުރަށް ކިޔާލަން

27 ޖޫން 2018

ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!

27 ޖޫން 2018
ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!
05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
15 ފެބުރުއަރީ 2018

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!
13 ފެބުރުއަރީ 2018

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

13 ފެބުރުއަރީ 2018
ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
26 ޖެނުއަރީ 2018

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު