ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 00:12
އަނިޔާވެރިކޮށް މިއަހަރު މަރާލި ޔާމިން ރަޝީދުގެ މަހާނަ:- މިއަހަރުވެސް މަރުގެ ގިނަ ހާދިސާތަކެއް ހިނގާފައިވޭ
އަނިޔާވެރިކޮށް މިއަހަރު މަރާލި ޔާމިން ރަޝީދުގެ މަހާނަ:- މިއަހަރުވެސް މަރުގެ ގިނަ ހާދިސާތަކެއް ހިނގާފައިވޭ
ރާއްޖެ އެމްވީ
2017 ރިވިއު
2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް
އަނިޔާވެރި ގޮތަކަށް ފަސް މީހަކު މަރާލާފައިވޭ
އެކްސިޑެންޓްތަކުގައި މަރުވި މީހުން އަދަދު ގިނަ
ބައެއް މީހުންގެ ކުއްލި މަރުގެ ހާދިސާތަކުގައި ގިނަ ސުވާލުތަކެއް އެބަ ހުރި

މި އަހަރުގެ ތެރޭގައި ވެސް ގިނަ ބަޔަކަށް ސިހުން ގެނުވި މަރުގެ ހާދިސާތައް ހިނގާފައިވެ އެވެ. އަދި އަނިޔާވެރި ބައެއް ހަމަލާގައި ވެސް ބައެއް މީހުން މި ދުނިޔެ ދޫކޮށްފައިވެ އެވެ.

މި ގޮތުން 2017 ވަނަ އަހަރު ފެށުނީ މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުން ދެމަފިރިންގެ ހަބަރާއެކު އެވެ. މ .ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ތ. ވިލިފުށީ ފޭރުގޭ އުމުރުން 47 އަހަރުގެ ގާސިމް ޝާހިދު އާއި 42 އަހަރުގެ ރަޒީނާ އިބްރާހީމް އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އެ ދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާން ނެތްއިރު އެ މަރަކީ ގުދުރަތީ މަރެއް ކަމަށް ނިންމާން ޖެހުނެ އެވެ.

އޭގެ ފަހުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހެލެނގެލި އައިލެންޑް ރިސޯޓުގައި މަރުވެފާ ދިވެހި ފިރިހެނަކު ފެނިފައިވެ އެވެ. އުމުރުން 33 އަހަރުގެ އެމީހާގެ މަރަކީވެއް ގޮތް ނޭނގޭ ކުއްލި މަރަކަށްވެ އެ ވާހަކަ ވަނީ ނިމިފަ އެވެ.

އެ ދެ މަރުގެ ހަބަރަށްފަހު މާ ގިނަ ދުވަހެއް ނުވެ  24 ޖެނުއަރީ 2017 ގައި 51 އަހަރުގެ އަންހެނެއް ގެއެއްގައި ނިދާފައި އޮއްވާ މަރުވި ހަބަރު ވަނީ އިވިގެން ގޮސްފަ އެވެ. މ. ޏަމްޏަމް ގޭގައި މަރުވެފައިވާ އޮއްވާ އެ އަންހެން މީހާ ފެނުނީ ނިދުމަށްފަހު ހޭނުލައިގެން ބެލިއިރު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.  އެހެން ކަމުން އެ މަރަކީވެސް ވަކި ސަބަބެއް ނޭނގޭ މަރެއްގެ ގޮތުގައި ހިމެނިގެންދިޔަ އެވެ. 

ހެންވޭރު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ފިލްމީ ތަރި އަލީ އަހުމަދު (ކޮމަންޑޫ އައްޔަ)

މީގެ އިތުރުން ފިލްމީ ތަރި އަލީ އަހުމަދު (ކޮމަންޑޫ އައްޔަ) ހެންވޭރު ގާޑެން ބިއުޓީގޭގައި މަރުވެފައި އޮއްވާ ފެނުނު ހަބަރަކީވެސް އާންމުން ސިއްސުވާލި ހަބަރެކެވެ. މިއަހަރުގެ މާޗް 13 ވަނަ ދުވަހު މަރުވެފައި އެނާ މަރުވެފައި އޮއްވާ ފެނުނީ ގޭ ބަންދުގައި ހުއްޓާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ މަރާގުޅޭ ގޮތުން ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލުތަކަށް އަދިވެސް އޮތީ ޖަވާބު ނުލިބި އެވެ. ހައްދުންމަތީ ފޮނަދޫ އަތިރިމަތީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނީވެސް މި އަހަރުގެ އަހަރުގެ މާޗް 30 ވަނަ ދުވަހު އެވެ. އުމުރުން 27 އަހަރުގެ ބަގްލަދޭޝްގެ އެ ފިރިހެންމީހާއަކީ އޭގެ ދެ ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ ކަމަށް ވަނީ ބުނެފަ އެވެ.

މުޅި ރާއްޖެ ސަމާލުކަމަށް  އައި އަނެއް ހާދިސާއަކީ ރާއްޖޭގެ މަޝްހޫރު ފެޝަން މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވި ހާދިސާ އެވެ. އުމުރުން 20 އަހަރުގެ ރައުދާ އާތިފް މަރުވެފައިވާ އޮއްވާ ފެނިފައިވަނީ މާޗް 29 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ. އޭނާ ދަންޖެހި މަރުވި ހަބާރާއެކު ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައިރު ބަންގްލަދޭޝް ފުލުހުން  ތަހްގީގަށް ފަހު ނިންމާފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

އިންޑިއާގައި ކިޔަވަމުން ދިޔަ ދިވެހި ފުލަހަކު ދަންޖެހިގެން މަރުވި ހަބަރަކީވެސް ގިނަ ބަޔަކު ސުވާލުތަކެއްގެތެރެއަށް "ގަންބުވާލި" ހަބަރެކެވެ. ފުލުހުންގެ ފޮރިންސިކް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ އޮފިސަރެއް ދަންޖެހުނު ސަބަބެއް ހޯދިފައި ނުވާއިރު އެ މަރާ ގުޅިގެން ފުލުހުން ވެސް މާ ގިނަ ވާހަކަތަކެއް ދައްކާފައިނުވެ އެވެ. އެހެން ކަމުން އެ މަރު ވެސް ވެފައިވަނީ ގޮތްނޭނގޭ މަރުގެ ހާދިސާ އެކެވެ.

މި އަހަރުގެ މެއި މަހު ދިވެހި ޒުވާން ފިރިހެނަކު ލަންކާގައި މަރުވެފައި އޮއްވާ ފެނުން ހަބަރުވެސް ފާހަގަ ކުރެވިފައިވެ އެވެ. ލަންކާގައި ކިޔަވަމުން ދިޔަ އުމުރުން 19 އަހަރުގެ އިސްމާއިލް ޒުލާލު މަރުވެފައި އޮއްވާ ފެނިފައި ވަނީ ޚަބަރެއް ނުވެގެން ހޯދަމުންދާތާ ދެދުވަސް ފަހުން އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުންނެވެ.  ހަމަ އެހެންމެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް މޫދުން ފެނިފައިވެ އެވެ.   މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހުޅުދެލި ކައިރީގައި އޮންނަ ފަޅަކުން ފެނުން އެމީހާ ލައިގެން އޮތީ ޑައިވް ޝޫޓް ވައްތަރަކަށްދާ ޝޫޓެކެވެ. އަދި ފޮޓޯއިން ފެންނަ ގޮތުގައި އެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދެވެ.

ހުޅުމާލެއިން އުމުރުން 22 އަހަރުގެ ތ ތިމަރަފުށީ ފެހުނު އަހުމަދު ހާމީން، އާއި ހުޅުމާލެ ފްލެޓް 36-205 އުމުރުން 18 އަހަރުގެ ފާތުމަތު ސަމާގެ މަރުގެ ހަބަރަކީ އަހަރު ނިމުމަކަށް ދަނިކޮން އިވުނު ފާހަގަ ކޮށްލެވޭ ހާދިސާއެކެވެ. މަރުގެ ސީދާ ސަބަބެއް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ތަފްސީލްކޮށް ހާމަކޮށްފައިއެއްނުވެ އެވެ. އަހަރު ނިމެންދަނިކޮށް ގިނަ ބަޔަކަށް ސުވާލުތައް އުފެދިގެން ދިޔަ އަނެއް ހަބަރަކީ ނ. ލަންދޫގައި ދުއްވާ ދޯންޏަކުން މަހައް ދިޔަ ދެ މީހަކު އެއް ހަފްތާ ތެރޭގައި ކުއްލި ގޮތަކަށް މަރުވި ހަބަރެވެ. ޑިސެމްބަރު މަހުގެ ށ. އަތޮޅު ބޮއިގައި ދޯނި މަސްބާނަން އޮއްވައި، އާދަމް އިސްމާއިލް، 45، ކުއްލި ގޮތަކަށް މަރުވެގެން ވެއްޓުނުއިރު ހަމަ އެ ހަފްތާގައި އެ ދޯނިން މަހަދިޔަ އަހުމަދު ފައިސަލް، 45، މަރުވެފަ އެވެ. އޭނާ ވެސް މަރުވީ ކުއްލި މަރަކުން ކަމަށާއި މަރުވީ ކަނޑުމަތީ ހުއްޓާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ތަފާތު ގޮތް ގޮތައް ވާހަކަ ދައްކަމުންދާއިރު ތަފާތު ތުހްމަތުތައް މީހުން ކުރެ އެވެ. އަހަރު ނިމުނީ އެ ސުވާލުތަކަށް ވެސް ޖަވާބު ނުލިބި އެވެ.

އެކްސިޑެންޓްތަކުގައި މަރުވި މީހުން

މި އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުއްޖަކު މަރުވި ހަބަރަކީ ފާހަގަކޮށްލެވުނު ހަބަރެކެވެ. ކަލައިދޫ، އިރުމަތީގޭ އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލް މަރުވީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އޭގެ ފަހުން ޖެހިގެން ފެބްރުއަރީ މަހު ލ އަތޮޅު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ވަނީ މަރުވެފަ އެވެ. ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ 27 އަހަރުގެ ޒުވާނެކެވެ.  އޭގެ މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އއ. ތޮއްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވަނީ މަރުވެފަ އެވެ. ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޒުވާނަކު މަރުވީ، އޭނާ ދުއްވަން އިން ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ރުކެއްގައި ޖެހި ހިނގި އެކްސިޑެންޓްގަ އެވެ.

މީގެ އިތުރުން މި އަހަރުގެ މާޗް 18 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މާލެ ގެންނަނީ

ލ އިސްދޫގައި އޭޕްރިލް 29 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަނީ މަރުވެފަ އެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ އޭނާ ދުއްވަން އިން ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެންނެވެ.

މަރަދޫފޭދޫ ބޮޑު މަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި ހާދިސާއެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ވެސް މި އަހަރުގެ ޖޫން 14 ވަނަ ދުވަހު އެވެ.

އަދި ޖުލައި 22 ވަނަ ދުވަހު ލ. ގަމު ލިންކު ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ވެސް 66 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. ގަން، ހުނިޔާ، އަބްދުލް ސައްތާރު މުހައްމަދު މަރުވެފައިވަނީ އޭނާ ދުއްވަން އިން ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ.  އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހ. ފޮއްދޫގެ، 64 އިބްރާހިމް ރަޝީދު އާދަމްގެ މަރުވެސް ވީ ފާހަގަ ކޮށްލެވޭ ހާދިސާއަކަށެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ އިބްރާހިމް ރަޝީދު ދުއްވި ސައިކަލު ޕާކު ކުރަން އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.

ޖަލުގައި މަރުވުން

ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ޖަލުތަކުގައި މަރުވި ހާދިސާއަކީވެސް މީޑިޔާތަކުގައި ފާހަގަ ކުރެވިގެން ދިޔަ ހަބަރުތަކެވެ.  މި ގޮތުން މި އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު ވަނީ މަރުވެފަ އެވެ. ސ. ފޭދޫ, ސްނޯވައިޓް, ހަސަން ސައީދު 51އ. ގެ އެ މަރާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ އޭނާ މަރުވީ މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު އިތުރުފާރުވާ އައިޖީއެމްއެޗްގައި ދެމުންދަނިކޮށް ކަމަށެވެ.

ޖަލު ޙުކުމް ތަންފީޒު ކުރަމުންދަނިކޮށް ޖުލައި17 ވަނަ ދުވަހުވެސް މީހަކު މަރުވެފައިވެ އެވެ. ކަރެކްޝަނުން ބުނެފައިވަނީ އެމީހާ މަރުވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މީގެ އިތުރުން މޭޑޭގެ މުޒާހަރާއިން ހަޔަރުކުރި އަބްދުރަޝީދު މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި ހަބަރަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހަބަރެކެވެ. އާއިލާއިން ތުހްމަތު ކުރާ ގޮތުގައި އަބްދުﷲ ރަޝީދުގެ މަރަކީ ބައެއްގެ އިހްމާލުގެ ނަތީޖާ އެވެ.

ރާއްޖެއައި ބައެއް ޓޫރިސްޓުން މަރުވެފައިވޭ 

އޮޅުވެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު އެ ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ކުއްލި ގޮތަކަށް މަރުވި ހަބަރުވެސް ފާހަގަ ކުރެވިގެންދިޔަ އެވެ.  ޖަރުމަނު ވިލާތުގެ 55 އަހަރުގެ ފިރިހެން މީހާގެ މަރުވީ މި އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ.

އަދި ކ.އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނުނީވެސް މި އަހަރެވެ. އުމުރުން 35 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މި އހަަރުގެ މަހުގެ މާޗް 30 ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވަނީ މި އަހަރުގެ މެއި ފަސް ވަނަ ދުވަހު އެވެ. އުމުރުން 30 އަހަރުގެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ރޫމް ތެރޭގައި އޮއްވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު މި އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު މަރުވެފައިވާ އޮއްވާވެސް ވަނީ ފެނިފަ އެވެ. ސްނޯކްލިން އަށް ގޮސްގެން އުޅެނިކޮށް އެފަހަރު މަރުވެފައިވަނީ 28 އަހަރުގެ ޗައިނާ ފިރިހެނެކެވެ.

އަދި އދ. ތުނޑުފުށި ރިސޯޓުން ސްނޯކްލިންގ އަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

އަނިޔާވެރި މަރުތައް

މި އހަަރަކީވެސް ބައެއް މީހުން އަނިޔާވެރި ގޮތަކަށް މަރާލާފައިވެ އެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް މަރަކީ މަޝްހޫރު ބްލޮގަރ ޔާމީނު ރަޝީދުގެ މަރެވެ. އޭޕްރީލް 23 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގެއެއްގެ ސިޑިގޮޅި ކައިރީގައި މަރާލާފައި އޮއްވާ ފެނުން ހަބަރާއެކު ގިނަ ބަޔަކު ރޮއްވާލި އެވެ.

އޭގެ ފަހުން ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) 54، ގެ މަރުގެ ރަހްމުކުޑަ އަމަލުވެސް ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖޫން 16 ވަނަ ދުވަހު އެވެ. އެކަން ކޮށްފައިވާ ކަމަށް އިއުތިރާފުވެފައިވަނީ އިއްސެ ގެންގުޅުން ބިދޭސީ މީހެކެވެ.

އޭގެ ފަހުގައި ހއ ތަކަންދޫ،24 އަހަރުގެ ނަދީމް އަބްދުއްރަހީމް ގެ ބޮލައް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާއަށް ހަމަލާދީފައިވަނީ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ.

އޭގެ ފަހުން ހަމަ އެމަހުގެ ތެރޭގައި މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ވަޅިން ހަމަލާދިން ޒުވާނަކު ވަނީ މަރާލާފަ އެވެ. އެފަހަރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވަނީ މުހައްމަދު އަނަސް އެވެ.

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ އަނަސް

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ވެސް މީހަކު މަރާލާފައިވެ އެވެ. އެ ފަހަރު މަރުވެފައިވަނީ އުމުރުން.19 އަހަރުގެ މޫސާ  އަހުމަދު މަނިކު ކިޔާ، ވ ކެޔޮދޫ ޒުވާނެކެވެ.

ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބިދޭސީއަކު މަރުވެފައި އޮއްވާ ހުޅުމާލެއިން ފެނިފައިވަނީ ވެސް މި އަހަރު އެވެ. އޭނާ ފެނުނީ ހުޅުމާލެ ދަމާސް ސައިޓްގައި މަރާލާފައި އޮއްވަ އެވެ. އެއީ ބަންގްލަދޭޝްގެ 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

އެހެން ކަމުން މި އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުގެ ހާދިސާތަކުން އެކަނިވެސް ރާއްޖޭގެ މުޖުތަމައުގެ ނުރައްކާތެރިކަން ހަމާވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 ޑިސެންބަރ 2017 | އާދީއްތަ 08:48
Boahalaaku
Hendeyya marun salaamai vaane gotheh kaley bunebala ginafaharah maruvany sababakaa laigen dhanjassa maraaliyas thalhaa maraaliyas ae eynage fahu vaguthu eyeh avaheh vex laheh vvex nuvvaane. Dhen goi neygey marey gudhurathy marey ekam suvaalu ufedheyey v gotheh balan beynumey kiyaigen ulhe ulhe huhta kaley vex maru vaane