އަޅުގަނޑުމެން އަބަދު ދައްކަނީ އެފްރިކާގެ ޤައުމުތަކުގައި ހުދުމުޚުތާރު ވެރިން ވެރިކަން ކުރައްވާ ވާހަކައެވެ. އެބޭފުޅުން ވެރިކަން ދޫކުރުމަށް ދެކޮޅު ހައްދަވައި، ރައްޔިތުންނަށް އަނިޔާކޮށް، ވެރިކަމުގައި ބަގުޑި ބައްދަވާ ވާހަކައެވެ. އެހެން ނަމަވެސް ބުދަ ދުވަހު އިވިގެން ދިޔައީ ހައިރާންކުރުވަނިވި، އެހެނަސް އިބުރަތުން ފުރިގެންވާ ޚަބަރެކެވެ. ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވިފައިވާ ޖެކޮބް ޒޫމާ ދެކުނު އެފްރިކާގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ޚަބަރެވެ.
ޒޫމާއަކީ އިނގިރޭސީންގެ އަތް ދަށުން ދެކުނު އެފްރިކާ މިނިވަންކޮށް، އެޤައުމުގައި އޮތް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރެއްވި ލީޑަރެކެވެ. ނެލްސަން މަންޑޭލާއާ އެކު ރޮބެން އައިލެންޑް ޖަލުގައި 10 އަހަރު ހޭދަކުރެއްވިއެވެ. އަދި 1999 ވަނަ އަހަރު ދެކުނު އެފްރިކާގެ ނާއިބު ރައީސްކަމަށް ވަޑައިގަތެވެ. އެހެން ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، 2005 ވަނަ އަހަރު އެމަޤާމުން އެމަނިކުފާނު ދުރުކުރެވުނެވެ. ކޮރަޕްޝަންގެ ދައުވާތައް ހުއްޓާލުމާ އެކު 2009 ވަނަ އަހަރު ދެކުނު އެފްރިކާގެ ވެރިކަމަށް ޒޫމާ ވަޑައިގަތެވެ. އެހެންނަމަވެސް ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ދިޔައެވެ. އެގޮތުން ޒޫމާގެ އަމިއްލަފުޅު ގެކޮޅު ސަރުކާރުގެ ފައިސާ އިން ހެއްދެވުމާއި، މިފަދަ އެތައް ތުހުމަތުކުރެވުނެވެ. އަދި މަޝްހޫރު ގުޕްތާ އާއިލާއަށް މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވައިދެއްވިކަމުގެ ތުހުމަތު ކުރެވުނެވެ.
އެންމެ ފަހުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެކުނު އެފްރިކާގެ ސުޕްރީމް ކޯޓުން ޒޫމާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ފަސާދައިގެ 18 ތުހުމަތެއްގެ މައްސަލަ ބެލުމަށް އަމުރު ނެރުނެވެ.
އެ އަށް ފަހު އެމަނިކުފާނު މަޤާމުން ދުރުކުރުމުގެ މަސައްކަތް ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސްއިން ފެށިއެވެ. އެންމެ ފަހުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޤާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގާނެކަން އެންގުމުން ޒޫމާ އިސްތިއުފާ ދެއްވިއެވެ. ޒޫމާ ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި މީހުންގެ ލޭ އޮހޮރި، ޕާޓީ ބައިބައިވުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ.
ދެން އެންމެ ޑިމޮކްރެޓިކް ކަމަށް ހެދިގެން އުޅޭ ރާއްޖެއަށް ޖެހިލަމާތޯއެވެ. އެމަނިކުފާނުގެ ނަމުގައި މީހުންގެ ލޭ އޮހޮރި، ޕާޓީ ބައިބައިވުމަށް އެދިވަޑައި ނުގަންނަވާ ކަމަށް ޖެކޮބް ޒޫމާ ވިދާޅުވިއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅާ ވިދާޅުވަނީ އެމަނިކުފާނުގެ ދިފާޢުގައި މީހުން މަގުތަކަށް ނިކުމެ ކަންކަން ހިންގާނެ ވާހަކައެވެ. އެއީ ލޭއޮހޮރުވުމަށް ދެވޭ ހިތްވަރަކަށް ނޫނީ ނުވޭތޯއެވެ؟ ޕާޓީ ބައިބައިވުމަށް ޒޫމާ އެދިވަޑައި ނުގެންނެވިއިރު، ރައީސް ޔާމީން މެޓައެއް ފަރިއްކުޅުއްވާހާ ފަސޭހައިން އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ އެ ފުނޑުފުނޑު ކޮށްލެއްވީ މުޅި ޤައުމުގެ ކުރިމަތީގައެވެ.
ޕާޓީގެ ނަމުގައި ވެރިކަން ކުރައްވާ ބޭފުޅަކު ކޮރަޕްޝަން ހިންގަވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އެފްރިކާގެ ޤައުމެއްގެ ވެރިކަން ކުރާ ޕާޓީއަކުން އެ ވެރިމީހާ މަޤާމުން ދުރުކުރިއިރު، ޕީޕީއެމްގެ ވެރިން ތިއްބެވީ ކޮން ޙާލެއްގައިތޯއެވެ؟
މެންބަރު އަބްދުއްރަހީމާއި ވަޒީރު ޒަމީރު ތިއްބަވަނީ ރައީސް ޔާމީން ގުޅުއްވާ ގަޑީގައި ފުރަތަމަ ރިންގުން ފޯނު ނުނެންގެވިދާނެތީ އެކަމާ ބިރުންނެވެ. ސިޔާސީ ޕާޓީއެއްގެ ނާއިބު ލީޑަރުންނޭ ވިދާޅުވެ މޭގައި އަތް ޖައްސަވާއިރު، އެމަޤާމުގައި ތިއްބައިވައިގެން ކުރައްވަން ޖެހޭ އަދި ކުރެއްވޭނެ ހަމައެކަނި ކަމަކީ ކެމެރާ ކުރިމައްޗަށް އަރައި ރައީސް ޔާމީނަށް ސަނާ ކިޔުމެވެ. ޕޯޑިއަމަށް އަރައި ވާހަކަ ދައްކާ އެކްޓިވިސްޓެކޭ، ނާއިބު ލީޑަރު އަބްދުއްރަހީމެކޭ ތަފާތެއް ނެތެވެ. ސުޕްރީމް ކޯޓުގެ އަމުރު ނެރުމާ އެކު އަބްދުއްރަހީމް އުޅުއްވި ގޮތޭ ކިޔައި މީހުން ފާޑު ފާޑުގެ ވާހަކަ ދައްކަނީ އެފަދަ ކަންކަން ކުރެއްވިފައި ހުރުމުންނެވެ.
އެހެންވީމާ ދެކުނު އެފްރިކާއަށް ވީވަރު ވެސް ރައީސް ޔާމީނަށާއި، ޕީޕީއެމްއަށް ނުކުރެވުނެވެ. އެހާ ގަޓެއް ނެތެވެ.
އިސްތިއުފާ ދެއްވަން ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގެން ޒޫމާ އެ ވާހަކަ ދެއްކެވި ގޮތް ބައްލަވާށެވެ. ނުލާހިކު ހަމަޖެހިވަޑައިގެން އިސްތިއުފާ ދެއްވަން ވަޑައިގެން ނޫސްވެރިންނާއި އެކުރެއްވީ ސަމާސާއެވެ. ގަޓު ހުރުމަކީ އެއީއެވެ. ރައީސް ޔާމީން ތިދައްކަވަނީ ގަޓެއް ނޫނެވެ. ކޮންމެ ރެއަކު ޕޯޑިއަމަށް އަރާވަޑައިގެން ކޯފާ އިސްކުރައްވައި، ކުޑަ ކުއްޖަކު ޝަކުވާ ކުރާ އުޞޫލުން ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ޝަކުވާ އެކުރައްވަނީ ޝަކުވާ ހުށަހަޅުއްވަން އޮތް މަޖިލީސް ތަޅުލާފައެވެ. އެއީ ފިނޑިކަމެވެ. ގަޓު ކަމެއް ނޫނެވެ.
ދެން އޮތީ ދިވެހިން އެންމެ ރުޅި އަންނަ އިސްރާއީލުގެ ވާހަކައެވެ. އެންމެ ލައްކައެއްހާ ޑޮލަރުގެ މައްސަލައިގައި އެޤައުމުގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން އެފޮނުވީ ފުލުހުންނެވެ. ތަހުޤީޤުކޮށްފައެވެ. ސުވާލުކުރަން ސީދާ ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހުއެވެ. ސުވާލުކުރި ފުލުހުންގެ މަޤާމެއް ނުގެއްލެއެވެ. މައްސަލަ ބެލި މުއައްސަސާގެ ވެރިން ކަނޑާފަ ގެއަށް ފޮނުވައެއް ނުލައެވެ. އެތަހުޤީގަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއްބާރުލުން ދެއްވާފައެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތަހުޤީގު ނިމުމަށް ފަހު މައްސަލަ މިހާރު އެވަނީ ދައުވާކުރުމަށް އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައެވެ.
ލައްކައެއްހާ ޑޮލަރާ ހެދި ޔަހޫދީ ދައުލަތް އިސްރާއީލުގެ ބޮޑުވަޒީރު ސަލާމަތްވެވަޑައި ނުގެން އުޅުއްވާއިރު، މި އިސްލާމީ ދައުލަތުގެ ރައީސްގެ އެކައުންޓަށް މިލިއަނެއްހާ ޑޮލަރު ޖަމާކުރިކަން އެންމެހާ ރައްޔިތުންނަށް ހާމަވުމުން ވެސް ކަމެއް ވީކަމަށް ވެސް ކަމަ ބެހޭ ފަރާތްތަކުން ނުހެދިއެވެ. މިލިއަން ޑޮލަރު ކޮބާހޭ ރައީސް ޔާމީން ކައިރީ އަހާލާނެ މީހަކު މި ފަސްގަނޑުގައި ހިނގާ ތަހުޤީޤީ އިދާރާއަކު ހުރި ކަމަކަށް ނުވިއެވެ. ދައުލަތުގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން އޭސީސީގެ ފަސް ބޭފުޅުން އެހެން ތިއްބަވާއިރު، އެ މުސާރަ ހަލާލުވާނެތޯ އަމިއްލައަށް ސުވާލު ނުކުރައްވާ ބާވައޭ ހިތަށް އަރައެވެ.
ޒޫމާ އާއި ނަތަންޔާހޫ ވެސް އެތިއްބަވަނީ ކޮންމެހެން ހިތްޕުޅު ހަމަޖެހިވަޑައިގެންނެއް ނޫނެވެ. ޒޫމާ އިސްތިއުފާ ދެއްވީ އޭއެންސީގެ ނިންމުންތަކަށް ރުހިވަޑައިގެންނެއް ނޫނެވެ. އެކަމަކު އޭއެންސީގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށެވެ. ނަތަންޔާހޫ ފުލުސް އޮފީހަށް ވަޑައިގަންނަވަނީ ރިޝްވަތު ނެންގެވިކަމަށް އެއްބަސްވެވަޑައިގަންނަވާތީއެއް ނޫނެވެ. އެހެން ނަމަވެސް އެބޭފުޅުން އެޤައުމުތަކުގެ އޮންނަ އުޞޫލުތައް ޤަބޫލުކުރައްވާތީއެވެ. ވެރިންގެ ގޮތަކީ އެއީއެވެ. އެބޭފުޅުން ކުރެއްވި ކުށްތަކުން އެބޭފުޅުން ބަރީއައެއް ނުވެއެވެ. ޒޫމާ ހިންގެވި ކޮރަޕްޝަން ނުހިންގާ ކަމަކަށް ނުވާނެއެވެ. ނަތަންޔާހޫ އެތައް މުސްލިމުންނަކަށް އެޖައްސާ ޙާލާއި، ރިޝްވަތު ނެންގެވި ނެންގެވުން އެއީ ނުވާ ކަންކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް ފޮތުގައި އޮތް އެއްޗެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވައެވެ.