ކ. މާލެ
|
5 މާރޗް 2018 | ހޯމަ 19:02
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ބަންޑާރަނައިބު މުހައްމަދު އަނިލް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ބަންޑާރަނައިބު މުހައްމަދު އަނިލް
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
 
ކުއްލި ހާލަތުގައި ކުރާ ކަންތައްތަކުގައި ހެޔޮ ފާހަގަ ޖަހަނީ ތިން ފަނޑިޔާރުން
 
ސަރުކާރަށް ފަހިކޮށް ނެރުނު އަމުރުތަކާއި ހުކުމްތައް ލަހެއްފަހެއް ނެތި ތަންފީޒުކުރޭ
 
ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ދެކޮޅު

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގޮތްހުސްވިއެވެ. އިދިކޮޅު ލީޑަރުން ޖަލަށްލައި، ދައުލަތުގެ ބާރުތަކަށް ނަހަމަ ނުފޫޒު ފޯރުވައިގެން ކުރަމުންދިޔަ ވެރިކަން ހިފަހައްޓާނުލެވޭނެކަން ކަށަވަރުވިއެވެ. ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކާއި ހުކުމްތަކުގައި ހިޔަލުގައި ކުރަމުންދިޔަ ވެރިކަން ބަދަލުވެގެންދާނެކަން ޔަގީންވިއެވެ. ފެބްރުއަރީ އެއްވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ހުކުމްތައް ލަހެއްފަހެއް ނެތި ތަންފީޒުކުރަމުން ގޮސްފައިވާއިރު، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރު ތަންފީޒު ކުރަން ދެކޮޅު ހަދައި، ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، ފެބްރުއަރީ ހަވަނަ ދުވަހު ގައުމާއި މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެންނެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފްލެޓް ބައްލަވައިގެންނަވަން ފައިސާ ޚަރަދު ކުރެއްވި ކަމަށް ބުނާ މައްސަލައެއް ހަމަ ކުއްލިއަކަށް ފުލުހުން ތަހުގީގު ކުރަން ފެށީއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހެއްޓިއެވެ. ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އަރައިގެން ގޮސް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރިއެވެ. އުއްތަމަ ފަނޑިޔާރުގެ ވަކީލުން ބުނާ ގޮތުގައި، އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔައީ ބިންމަތީގައި "ދަމާ ކޫއްތާފަ" އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރަން ވެގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވޭނެ ހާލަތުތައް ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބަހުއްޓެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ސަރުކާރުން ބުނަމުންދަނީ ސުޕްރީމް ކޯޓުން ކުރީ "ބަޣާވާތެއް" ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާނެ ކަމަށް ބުނެ، ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތް ހާލަތެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ސަބަބާއި ގުޅޭގޮތުން ރައީސް ޔާމީނާއި ސަރުކާރުގެ ވެރިން ދައްކަވާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި، އެ އަމުރާއެކު ސަރުކާރު ހިފަހައްޓާނުލެވޭނެކަން ކަށަވަރުވީއެވެ. ސަރުކާރު ދަމަހައްޓަން އޮތް ހަމައެކަނި ގޮތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ފަނޑިޔާރުން ހައްޔަރުކުރުމެވެ. މިކަަމަށް ބާރުދޭ ކަމަކީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފިޔަވައި ދެން ތިއްބެވި ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ހެޔޮ ވާހަކަތަކެއް ދެއްކިތާ ދެ ދުވަސް ނުވަނީސް ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އަމުރުގައިވާ ބައި ބާތިލްކުރުމެވެ. އެ ތިން ފަނޑިޔާރުން ތިއްބަވައިގެން، އަމުރުގައި ހުރި ހުރިހާ ބައެއް ބާތިލްކުރުމެވެ. މި ހުރިހާ ކަމެއް ކުރީ އަލުން ސުޕްރީމް ކޯޓަށް ބާރުތައް ދިނުމުންނެވެ. ނެގޯޝިއޭޝަންތައް ކާމިޔާބުވުމުން، އަލުން ބާރުތައް ދިނީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމާލަން ވެސް ބޭނުންކުރީ އެ ތިން ފަނޑިޔާރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ. އެކަމުގައި ހެޔޮ ފާހަގަޖެހީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރުން ލާޒިމް ކަންތައްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށް ލަފާދިނީއެވެ. މިއާއެކު، ކުރިއެކޭ ވެސް އެއްގޮތަށް ސަރުކާރަށް ފަހިވާގޮތަށް ސުޕްރީމް ކޯޓް އެނބުރިފައިވާކަން ހާމަވެގެންދިޔައެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް މަސް ދުވަސް ވީއިރު، ގައުމު މިވަނީ ގާނޫނީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. އެއްބަޔަކު ބުނަމުންދަނީ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ބަންދުގައި ތިއްބަވަނިކޮށް، ތިން ފަނޑިޔާރުން ކުރައްވާ އަމުރުތަކާއި ހުކުމްތައް ސައްޚަ ނުވާނެ ކަމަށެވެ. އަދި، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުއްވި އަމުރު ތަންފީޒުކުރަންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ބަހަކީ ފަހު ބަސް ކަމަށެވެ. އެހެންނަމަވެސް، މިވާހަކަތަކަށް ސަރުކާރުގެ ސަމާލުކަމެއް ނެތެވެ. ސުޕްރީމް ކޯޓުން ބުނާނީ ފަހު ބަސް ކަމަށް ވިޔަސް، ރައީސް ޔާމީން ނުރުހިއްޖެނަމަ އެ ފަހު ބަހުގައި އެއްވެސް އާރެއް ބާރެއް ނެތެވެ. ސުޕްރީމް ކޯޓުގެ ފުރާޅަށް އަރައި، އުއްތަމަ ފަނޑިޔާރު "ދަމާ ކޫއްތާފައި" ހައްޔަރުކޮށްގެން ގެންދިޔައިރު، ޝަރުއީ އެންމެ މަތީ މަރުހަލާގެ ހުރުމަތެއް ވެސް ނުކެނޑުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
80%
0%
20%
ކޮމެންޓް