މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުން ލަންކާގެ ރައީސް ގަބޫލުފުޅު ކުރައްވައިފި
13 މާރިޗު 2020 | ހުކުރު 14:34އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ މިކަމުން ސަލާމަތްވާނެ


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ
ސާރކުގެ މެންބަރު ޤައުމުތަކުން ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އެކަށީގެންވާ ވަރުގަދަ އިސްތިރާޖީއެއް އެކުލަވާލުމަށް ހުށަހަޅުއްވި ހުށަހެޅުން ސްރީލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ގަބޫލުފުޅު ކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިކަން ހުށަހަޅުއްވާ ކުރެއްވި ޓްވީޓަށް ޖަވާބުދެއްވައި ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވީ މި ކަމުގައި ބައިވެރިވެ މައުލޫމަތު ހިއްސާ ކުރުމަށް ތައްޔާރަށްހުރި ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ މިކަމުން ސަލާމަތްވާނެ ކަމަށެވެ. އަދި މިވަގުތަކީ އެންމެން އެކުގައި އަތްގުޅުވަން ޖެހޭ ވަގުތުކަން ސިފަކުރެއްވިއެވެ.
މޯދީ މިދައުވަތު ދެއްވިކަމަށްޓަކައި ގޯޓާބޭ ރާޖަޕަކްސާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ހުކުރު ދުވަހު މޯދީ ވަނީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ގިނަ ޓްވީޓްތަކެއް ކުރާއްވާފައެވެ.
އޭގެ ތެރެއިން އެއް ޓްވީޓެއްގައި ވަނީ ސާރކުގެ މެންބަރު ޤައުމުތަކުން ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އެކަށީގެންވާ ވަރުގަދަ އިސްތިރާޖީއެއް އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިޔާގެ ރައްޔިތުން ދުޅަހެޔޮ ޞިއްހަތެއްގައި ބޭތިއްބުމަށް މަގުފަހިކުރުވާނެ ކަންތައްތަކާއި ބެހޭ ގޮތުން ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން މަޝްވަރާތައް ކުރިޔަށް ގެންދެވިދާނެކަމަށެވެ. އަދި ގުޅިގެން މަސައްކަތްކޮށް ދުނިޔެއަށް މިކަމުގައި މިސާލެއްގެގޮތުގައި ދެއްކިދާނެކަމަށެވެ.
މޯދީގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުޅު ދުނިޔެ ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާއިރު، އެކި ސަރުކާރުތަކުންނާއި ޤައުމުތަކުގެ ރައްޔިތުން އެންމެ އެކަށީގެންވާގޮތުގައި އެއާއި ހަނގުރާމަކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.









