ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި، މިނިމަމް ވޭޖް ކަނޑައަޅާނީ ގެއްލުން ނުވާނެހެން!
5 މާރިޗު 2020 | ބުރާސްފަތި 02:28އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ


އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ދިވެހިންގެ ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ކަމަށާއި، މިނިމަމް ވޭޖް ކަނޑައަޅާނީ އެ ވިޔަފާރިތައް ހަލާކުނުވާ އުޞޫލަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދަށް އެކިއެކި ބަދަލުތަކަށް އަންނާނެ ކަމެއް ކަމަށެވެ. މިކަމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ އަސަރުތަކެއް ނުވަތަ ނުބައި އަސަރެއް ވެސް ކޮށްފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަމިއްލަ އެއްވެސް ޚިޔާލެއް ނުވަތަ ރަޢުޔުއެއްނެތް ކަމަށާއި، ބޭނުންވަނީ ވިޔަފާރިތައް ވެސް ހަލާކުނުވާވަރުގެ އެއްޗަކަށް މިނިމަމް ވޭޖްވުން ކަމަށެވެ. ދިވެހިންގެ ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައިކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޚާއްޞަ ގޮތެއްގައި މި ވިޔަފާރިތަކަށް ބަލާނެ ކަމަށާއި، އެ ވިޔަފާރިތަކަށް ވެސް ގެއްލުން ނުވާނެހެން މިނިމަމް ވޭޖް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި އެކަނޑައެޅޭ ޢަދަދުން މުސާރަ ނުދެވޭކަމަށްވަނީ ނަމަ ގެއްލިގެންދާނީ ވަޒީފާތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިޔަފާރިއަކީ ރިސްކުގައި ކުރާކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިމަމް ވޭޖް ކަނޑައަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް މިކަން ކުރަން ލަސްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ އެއްދުވަހުން ނުވަތަ ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ވެސް މިނިމަމްވޭޖްގެ މަޝްވަރާތައް ކުރެވުނު ކަމަށާއި، އެދުވަހު މިކަންކުރި ނަމަ މިއަދު މިއުދަނގޫތަކާ ކުރިމަތިލާން ނުޖެހޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު ހަދާފައިވާ މުހިންމު ދިރާސާތަކުގެ އަލީގައި ކަމަށެވެ. އަދި މިނިމަމްވޭޖްގެ ބޯޑުން މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާއެކުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.









