ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވެވުން އަންނަ މަހުގެ 03 ވަނަ ދުވަހު!
6 ޖެނުއަރީ 2020 | ހޯމަ 07:46އެދުވަހު ސަރުކާރު ބަންދުވާނެ


ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އަންނަ މަހުގެ 03 ވަނަ ދުވަހު އިއްވެވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ފެބްރުއަރީ 03 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވާ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.









