ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް އެޅި ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ނޫން: ގައިސް
31 ޑިސެމްބަރު 2019 | އަންގާރަ 17:51ޖުމްލަ 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ


ރާއްޖެޓީވީއަށް ތަފާތު ފިއްތުންތަކާއި ގެއްލުންތައް ދައުލަތުގެ މުއައްސަސާތަކުން ކުރިމަތިކޮށްފައިވޭ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގަ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ރާއްޖެޓީވީއާ މެދު އަޅާފައިވާ ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގަ، ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ މިފާއިތުވެގެން ދިޔަ އަހަރުތަކުގައި ބްރޯޑްކޮމްއިން ބްރޯޑްކާސްޓަރުންނާ މެދު ޢަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެކި ބްރޯޑްކާސްޓަރުންނާމެދު ޢަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށެވެ.
އެގޮތުން ރާއްޖެޓީވީއަށް ބްރޯޑްކޮމުން އެޅިފިޔަވަޅުތަކަކީ އަޅަންޖެހޭނެ ފިޔަވަޅުތަކެއް ކަމަކަށް ޤަބޫލުނުކުރާ ކަމަށާއި، ކޮމިޝަންގެ މެންބަރަކަށް ވުމުން މިހާރު އެކަން ޔަޤީންވާ ކަމަށް ގައިސް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީއަށް ތަފާތު ފިއްތުންތަކާއި ގެއްލުންތައް ދައުލަތުގެ މުއައްސަސާތަކުންނާއި އެކި އެކި ފަރާތްތަކުން ކުރިމަތިވެފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގައި ތިން ނޫސްވެރިއަކު ޖޫރިމަނާކޮށްފައިވާއިރު އަބުރުގެ ޤާނޫނު ސަބަބަކަށް ހަދާ ބޭއިންސާފުން 3.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވެސް ވެއެވެ.
ބްރޯޑްކޮމްގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ގައިސް ވިދާޅުވީ ބްރޯޑްކާސްޓަރުން ބްރޯޑްކޮމަށް ކުރާ ނަފްރަތު ބަދަލުކުރަން ޖެހޭ ކަމަށާއި، އެކުގައި މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި އެކުވެރިކަން ބަދަހިކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެޓީވީގެ ''ސިހުރުގެ ވެރިކަން'' ޕްރޮގުރާމް އޮންއެއަރ ކުރުމަށް ބްރޯޑްކޮމުން މަނާކޮށްފައިވާއިރު، އެމައްސަލަ އަލުން ބަލާނެ ކަމަށް ވެސް ގައިސް ވިދާޅުވިއެވެ. އޭރުގެ ކޮމިޝަނުން އެޕްރޮގުރާމް ހުއްޓުވާފައި އޮތީ އިސްލާމިކް މިނިސްޓްރީގެ ފަތުވާ ކޮމެޓީގެ ރަޢުޔުއާއެކު ކަމަށާއި، އަލުން މައްސަލަ ބަލާނީ ވެސް ފަތުވާ ކޮމެޓީ ބައިވެރިވުމާއެކު ކަމަށް ވެސް ގައިސް ވިދާޅުވިއެވެ.






