ކަޅުވަކަރު މިސްކިތުގެ މެދު މިސްކިތް އެތުރުމުގެ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2019 | އަންގާރަ 07:24އިސްކަން ދެނީ ވީހާވެސް ރަނގަޅަށް މަސައްކަތް ކުރިއަށް ގެންދިއުމަށް


ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށްދަނީ
ކަޅުވަކަރު މިސްކިތުގެ މެދު މިސްކިތް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކަޅުވަކަރު މިސްކިތުގެ ޕްރޮޖެކްޓްގެ މެނޭޖަރު އައިމިނަތު ޝިފާނާ ވިދާޅުވީ ކަޅުވަކަރު މިސްކިތް, ބަރަފޯސް ލެވަލްއާ ހަމައަށް ނިމިފައިވާ ކަމަށާއި، ހޯމަ ދުވަހު މެދު މިސްކިތުގެ މަސައްކަތް ފަށައިވާ ކަމަށެވެ.
މެދު މިސްކިތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ދޮރާ, ކުޑަ ދޮރު ހަރުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާނާ ވިދާޅުވީ މިސްކިތް ރޭވުމުގައި އިސްކަމެއް ދެނީ އަވަހަށް ނިންމަން ނޫން ކަމަށާއި، ވީހާ ވެސް ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ކޮންވަޒޭޝަން އޮފިސަރ އަހުމަދު ޒަމީރު ވިދާޅުވީ މިސްކިތުގެ ބައި ރޭވިފައިވާ ކަމަށާއި، މިސްކިތް ރޭވީ ޖަހާފައިވާ ނަންބަރުގެ ތަރުތީބުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ކަޅުވަކަރު މިސްކިތުގެ މަތިވަޑާންގަނޑު އޮތީ އެއްކޮށް ހަލާކުވެފައި ކަމަށާއި، މަތިވަޑާންގަނޑު ހަދަނީ ހައިވަކަރުން ކަމަށެވެ. މިސްކިތުގެ މަސައްކަތް ނިމާއިރު މިސްކިތުގެ އަސްލު ނުގެއްލޭނެ ކަމަށާއި، މިސްކިތުގެ ވަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލާއި ކަޅުވަކަރުގެ ކުރެހުންތައް ކަނޑާނެގިފައިވާއިރު، މިސްކިތުގެ އެތެރޭގެ ބައިތައްވެސް ހުންނަނީ ލާފެންކުރެވިފައެވެ. މި މިސްކިތަށް ކަޅުވަކަރު މިސްކިތޭ ކިޔުނީ މިސްކިތުގެ އެތެރޭގެ ވަޑާމަށް ކަޅުވަކަރު ބޭނުންކޮށްފައި ހުރުމުންނެވެ. ބުނެވޭ ގޮތުގައި މި ކަޅުވަކަރަކީ ގިޔާސުއްދީން ރަދުންގެ ގަނޑުވަރުގައި ބޭނުންކޮށްފައި ހުރި ކަޅު ވަކަރެވެ.




