ކިނޮޅަހުގެ ބަނދަރު ހަދާފައިވާ ގޮތް ރައްކާތެރިކަން ނޫން: ހަސަން
19 އޮކްޓޯބަރު 2019 | ހޮނިހިރު 08:07ބަނދަރު އާންމުންނަށް ހުޅުވާލިއިރު ވެސް މައްސަލަހުރި

ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން
ރ.ކިނޮޅަހުގެ ބަނދަރު ހަދާފައިވާ ގޮތް ރައްކާތެރިކަން ނޫން ކަމަށާއި، ދިޔަވަރުބޮޑުވާ މޫސުންތަކުގައި ރައްޔިތުންނަށް ގެއްލުންވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
އެތެރެދުނި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކިނޮޅަހުގެ ބަނދަރު ހަދާފައިވަނީ ހަދަންޖެހޭ ސަރވޭތައް ހަދައި ބަލަންޖެހޭ ބަލަންޖެހޭ ވަރަށް ބެލުމަށްފަހު ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، ބަނދަރު އާންމުންނަށް ހުޅުވާލިއިރު ވެސް ބޮޑެތި މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.
ހަސަން ވިދާޅުވީ ބަނދަރަށް ވެލިވަނުމާއި، ކަނޑުތޮށި ތިލަވުމުގެ ސަބަބުން ހިފެހެއްޓުމެއްނެތި ބޮޑެތި ރާޅުތައް ވަނުމުގެ މައްސަލައާ އަދި އެއްގަމު ޖެޓީ ކައިރިން ވެލި ގަބާ މައްސަލަ ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ދިޔަވަރު ބޮޑުވާ މޫސުންތަކުގައި ވެސް ރަށަށް ރާޅު އަރައި އާންމުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ މިމައްސަލަ 2011 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް މާ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ނުވާ ކަމަށާއި، މިމައްސަލައަށް ހައްލު ނުލިބުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް ރައްޔިތުންނާއި ގާތުން މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މިސަރުކާރާއެކު ކިނޮޅަހުގެ ރައްޔިތުންގެ އުންމީދުތައް ވެސް އާވެފައިވާ ކަމަށެވެ. މިހާރު ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ކުލަ ޖެހުމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ވިދާޅުވީ ރަށުގެ ތަރައްގީއަށް ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރެވިފައިވާ ކަމަށާއި، އުންމީދު ކުރަނީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ބަނދަރުގެ ސަރވޭ ކުރިއަށް ގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.










