ޔާމީންގެ ވެރިކަމުގައި ފެނަކައިގެ ތަސައްވުރު އޮތީ ކިލަނބުކޮށްލާފައި: ސައީދު
4 އޮކްޓޯބަރު 2019 | ހުކުރު 07:39މުއައްޒަފުންނާއި ކުންފުނީގެ ވަސީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކޮށްފައިވޭ

ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތަސައްވުރު އެކީ ކިލަނބުކޮށްލާފައިވާ ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "މަގޭ ކުންފުނި" ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ ސިޔާސީ ބޭނުމަށް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށާއި، ކުންފުނީގެ މެންޑޭޓުން ބޭރުން އެތައް ކަމެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ގިނަ މުއައްޒަފުންތަކެއް އިތުރުގަޑިއާ އެލަވަންސް އަދި އެހެނިހެން އިނާއަތްތައްދީގެން ރާއްޖޭގެ އެކި ސަރަހައްދުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުން ކުރަމުންދިޔަ ކަމަށާއި، ހަމައެގޮތަށް ކުންފުނީގެ ބައެއް ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށެވެ.
އިންތިޚާބަށްދިމާކޮށް ގިނަ އަދަދެއްގެ މީހުންނަށް ކޮންޓްރެކްޓްގެ އުސޫލުން ވަޒީފާދީފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެފަދަ މުއައްޒަފުންގެ ކޮންޓްރެކްޓް އައުނުކުރާ ކަމަށެވެ. ސައީދު ވިދާޅުވީ މިހާރު ފެނަކައިން ވަޒީފާ ދެމުންދަނީ އުސޫލުގެ ތެރެއިން އެންމެ އެކަށީގެންވާ މީހުންނަށް ކަމަށާއި، ސިޔާސީ ގޮތުން ވަޒީފާދިން ސިލްސިލާ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ރަށްރަށަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހާލަތަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 70 އިންސައްތަ އާބާދީއަށް ފެނަކަ މެދުވެރިކޮށް މިޚިދުމަތްދޭއިރު އަދިވެސް އެންމެ ހިތްހަމަޖެހޭގޮތަށް ރައްޔިތުންނަށް މިޚިދުމަތް ނުދެވޭ ކަމަށެވެ. އަދި ވިދާޅުވީ މިޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
އެގޮތުން ފާއިތުވި 08 މަސް ދުވަހުގެ ތެރޭގައި 53 ރަށަކަށް އާ އިންޖީނުތައް ގެންދެވިފައިވާ ކަމަށާއި، މުޅި ރާއްޖެ ސިންކްރޮނައިޒްކުރުމަށް ގެންދާ ޕްލޭންގެ ދަށުން މިހާރު ޖުމްލަ 11 ރަށް ފިޔަވައި ހުރިހާ ރަށެއް ސިންކްރޮނައިޒް ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން ސައީދު ވިދާޅުވީ އިންޖީނުގެ ރީލޮކޭޓް ކުރުމުގެ ޕްރޮގްރާމްއަކީ ވެސް ޚާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށާއި، މިއަހަރު ނިމެންވާއިރަށް 26 ރަށެއްގެ އިންޖީނުގެ ބަދަލުވެގެންދާނެ ކަމަށެވެ.
ސައީދު ވިދާޅުވީ ޖުމްލަ 61 އިންޖީނުގެ ބަދަލުކުރަންޖެހޭއިރު، ފާއިތުވި 08 މަސް ދުވަހުގެ ތެރޭގައި 12 ރަށެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމާށެވެ. އަދި ކުރިއަށް އޮތް 03 މަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ރަށްތަކުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ފެނަކައިގެ ދަރަނީގެ ހާލަތަށް އަލިއަޅުއްވާ ލައްވާ ސައީދު ވިދާޅުވީ އެސްޓީއޯގެ އިތުރުން ފިއުލްސް ސަޕްލައި މޯލްޑިވްސްއަށް 700 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި، އާންމު ފަރުދުންނަށް، ކަންމަތީ ފިހާރަތަކަށް، ބޯޓު ފަހަރުތަކުގެ ނާލަށް އަދި ބައެއް ސަޕްލައިރުންނަށް، ގާތްގަނޑަކަށް 60 މިލިއަންއަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ސައީދު ވިދާޅުވީ ދަރަނިތަކުގެ ބޮޑު ބައި މިހާރު ހަލާސްކުރެވިފައިވާ ކަމަށާއި، އެސްޓީއޯއަށް ދައްކަމުންދާ މިންވަރު ދައްކަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެކުއާޓަރުގައި ކުންފުންޏަށް ގެއްލުމުގައި ނުހިނގާނެކަމަށް ސައީދު ވިދާޅުވިއެވެ.










