ކ. މާލެ
|
3 ޖޫން 2019 | ހޯމަ 16:18
ސަލްގާޑޯ އާއި އޭނާގެ އަންހެނުން
ސަލްގާޑޯ އާއި އޭނާގެ އަންހެނުން
ޓްވިޓަރ
ތިމާވެށި
ދެމަފިރިންގެ މަސައްކަތުން އަވަށަކަށް ދިރުން!
 
20 މިލިއަނަށް ވުރެ ގިނަ ގަސް ވަނީ ހައްދާފައި
 
އެއީ ބްރެޒިލްގެ އަވަށެއް

ދުނިޔޭގެ އެކިކަންކޮޅުތަކުގެ އަބަދުވެސް އަޑު އިވޭ އެއް ވާހަކައަކީ ''ޑީފޮރެސްޓޭޝަން'' ނުވަތަ ގަސްކެނޑުމުގެ ސަބަބުން ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ވާހަކައެވެ. ގަސްތައް މަދުވެ، ފެހި ބިންތައް ހަނަފަސް ސަހަރާތަކަށް ބަދަލުވުމަކީ ދުނިޔޭގެ ދިރުންތައް ނެތިދިއުމަށް އޮތް ބިރެކެވެ. އެއް ދުވަހުން އަނެއް ދުވަހަށް ދުނިޔެ ހޫނުވެ ކަނޑު ލޮނުގަނޑު ދަނީ އުފެލުމުންނެވެ. މިކަމުގެ ބިރު އޮތް ތަނަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކެވެ. އިންސާނާގެ އަމަލުތަކުން ތިމާވެށި ހަލާކުވެގެންދާއިރު، ވެށި ހިމާޔަތް ކުރުމަށް އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރާތަނެއް ނުފެނެވެ. ނަމަވެސް އެކަމުގެ މިސާލެއް ބްރެޒިލްގެ ދެމަފިރިން މިވަނީ ދައްކުވައިދީފައެވެ.

އަވަށުން ގަސްކަނޑާ މަދުވުމުގެ ސަބަބުން ހަނަފަސްވެފައި

ބްރެޒިލްގެ ޖާނަލިޒަމް ފޮޓޯގްރަފަރެއް ކަމަށްވާ ސަބާސްޓިއާއޯ ސަލްގާޑޯއާ އޭނަގެ އަންހެނުން ލެލިއަރ ދެލޫޒް ވެނިކް ސަލްގާޑޯ ވަނީ މަދުބައެއްގެ އެހީތެރިކަމާ އެކު ހަނަފަސްވެފައިވާ ސަރަހައްދެއް ފެހިކޮށްލާފައެވެ. އަދި ދެ މީހުންނަށް ވެސް ކުރެވޭނެ ކަމެއްކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ގަސް އިންދުމަށް ފަހު މުޅި އަވަށަށް ވަނީ ދިރުން އައިސްފައި

ފޮޓޯ ޖާނަލިޒަމްއިން އެތައް އެވޯޑެއް ހާސިލްކުރި ސަލްގާޑޯ އަވަށުން ބޭރުގައި އެތައް އަހަރެއް ވަންދެން ދިރިއުޅުމަށް ފަހު 1990 ވަނަ އަހަރު އޭނާގެ އުފަން އަވަށަށް ދިޔައެވެ. ނަމަވެސް އުފާވުމުގެ ބަދަލުގައި އޭނާ އަށް ބޮޑު ހިތްދަތިކަމެއް ލިބުނީ ގަސްތަކުން ފުރިފައިވާ އެވަށް ހަނަފަސްވެފައިވާ މަންޒަރު ފެނުމުންނެވެ. ސަލްގާޑޯ ހިތްނުތަނަވަސްވި މި ދަނޑިވަޅުގައި އޭނާގެ އަންހެނުން ވަރަށް ހިތްވަރު ދިނެއެވެ. އަދި ވެސް ގަސް އިންދައިފި ނަމަ ކުރިން އޮތް ގޮތަށް ފެހިކަން ލިބޭނެ ކަމުގެ ޔަގީންކަން ދިނެއެވެ.

އިންސްޓިޓިއުޓޯ ޓޭރާ ޓީމުން ގަސްއިންދުމުގެ މަސައްކަތް ކުރަނީ

ސަލްގާޑޯގެ އަނބިމީހާ ދިން ހިތްވަރާ އެކު އެ އަވަށުގައި ގަސް އިންދަން ފެށިއެވެ. 0.5 އިންސައްތާގައި ގަސް ހުރި އެ ބިމުގައި އަލުން ގަސްތައް ހެދޭ މަންޒަރު ނި ދޫނުސޫފާސޫފިތައް އާލާވަންތަން ފެނުމީ މި މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބުނު ކަމެއް ކަމަށް ވެސް ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ސަލްގާޑޯ ބުނެފައިވެއެވެ.

މި މަސައްކަތް ފުޅާވެގެން ދިއުމުގެ ނަތީޖާއަކަށް ވީ ''އިންސްޓިޓިއުޓޯ ޓޭރާ'' ނަމުގައި ޖަމިއްޔާއެއް އުފައްދާ ގަސް އިންދަން ފެށުމެވެ. ދުވަހެއް ދުވަހަކަށް މަސައްކަތް ފުޅާވެ ޖަމިއްޔާއާ ގުޅޭ ފަރާތްތައް އިތުރުވެ އެތައް ބަޔަކަށް މި ކަމުގެ ހިތްވަރު ލިބުނެވެ. އެ އަވަށުގައި 20 އަހަރު ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ ގަސް އިންދުމުގެ އިތުރުން، ގައުމުގެ އެކި ސަރަހައްދުތަކުގައި އެ ޖަމިއްޔާ އިން ހަތަރު މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައި ވެއެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ސަލްގާޑޯ ބުނީ ހަނަފަސްވެފައިވާ އަވަށަށް ގަސްތަކުން ދިރުން ގެނައުމުން ކުރިން، ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ ހަނަފަސްވުމުގެ ކުރިން އެ އަވަށުގައި ހުރި ގަސްތައް ދެނެގަނެ އެ ގަސްތައް އާލާކުރުމެވެ. އެއީ އެ ސަރަހައްދުގައި އެގަސްތައް ފަސޭއިން ހެދި، ޖަނަވަރާއި، ދޫނި ސޫފާސޫފި އަލާވުމަށް ފަސޭހަވާ ނެތީއެވެ. އާ ވައްތަރެއް ނަމަ އެކަން ކުރަން ތަންކޮޅެއް އުނދަގޫވުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.

އިންސްޓިޓިއުޓޯ ޓޭރާ ޓީމުގެ މެންބަރުން

ދެމަފިރިންގެ އިސްނެގުމުގެ ގޮތުން ފެށި މަސައްކަތުގައި މިހާތަނަށް އެވަށުގައި ގާތްގަނޑަކަށް 172 ވައްތަރުގެ ދޫނީގެ ބާވަތްތަކާއި 33 ބާވަތުގެ ޖަނަވާރާއި، 293 ބާވަތެއްގެ ގަސް ހެދި މުޅި އަވަށަށް ވަނީ ދިރުން ލިބިފައެވެ.

2000 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ތަފާތު، މިހާރު އެވަށަކީ ގަސްބޯ ރީތި އަވަށެއް

ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1990 އިން ފެށިގެން 129 މިލިއަން ހެކްޓަރުގެ ޖަންގަލީގެ ސަރަހައްދެއް ވަނީ ވީރާނާވެގެން ގޮސްފައެވެ. އަދި ކޮންމެ އަހަރަކު ''ޕެނަމާ ގައުމު''ވަރުގެ ސަރަހައްދެއް ހަނަފަސްވެގެންދެއެވެ. ގާތްގަނޑަކަށް 15 އިންސައްތަ ގްރީން ހައުސް ގޭސް ދުނިޔެއަށް ބޭރުވުމުގެ އެންމެ ބޮޑު އަސްލަކީ މިފަދަ ބޮޑެތި އަދަދުން ގަސްތައް ނެތި، ބިންތައް ހަނަފަސްވުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ސަބަބުތަކަށްޓަކައި ގަސްތައް އިންދަން ތިމާވެއްޓާ ބެހޭ އެކި ޖަމިއްޔާތަކުންނާއި މާހިރުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ. އެންމެ މީހަކު ނުކުމެގެން އިންދާ ގަސްތަކަކުން ބޮޑު ބަދަލެއް އައިސްދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް ސަލްގާޑޯގެ ދެމަފިރިން މިވަނީ އެކަން ސާބިތުކޮށްދީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަ މީހުން ގިނަވެއްޖެ ނަމަ ދުނިޔެ އަށް ފެހިކަން އައުމުގެ އުންމީދު ބޮޑުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
75%
0%
25%
0%
0%
ކޮމެންޓް