ފެލިވަރު މަސް ބަންދުކުރާ ކާރުޚާނާ
ކެޔޮޅު އާދަނު ބޭނި މަސް، ހައްވައްތަގެ ސުފުރާ މައްޗަށް މަސްދަޅެއްގެ ގޮތުގައި އަންނަނީ ލައްކަ މަސައްކަތުންނެވެ
 
ކޮންމެ މަރުޙަލާއެއްގައިވެސް މަހުގެ ކޮލިޓީ ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރޭ
 
ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ސާޅީހަކަށް ޓަނުގެ މަސް ޕްރޯސެސް ކުރޭ
 
މަސް ކިރާއިރުވެސް، މަހުގެ ކޮލިޓީ ޗެކު ކުރަމުންދޭ
ލައިޝާ އަހްމަދު
ކ. މާލެ |
ފެލިވަރަށް އަންނަ ބޯޓުތަކުން މަސް ކިރުމަށްފަހު، މަސް ބަންދުކުރާ ކާރުޚާނާއަށް ގެންގޮސް، ފަރުވާތެރި ކަމާއެކު ޕްރޯސެސް ކުރޭ
ރާއްޖެއެމްވީ

މަސްދަޅަކީ ދިވެހިންގެ ކެއްކުންތަކާއި ސުފުރާމަތި އެއާ ނުލައި ފުރިހަމަ ނުވާނެ އެއްޗެކެވެ. އެންމެ އާދައިގެ ނޫޑްލްސް ކޮޅަކުން ފެށިގެންގޮސް، މީރު ރިހަގަނޑެއް ތައްޔާރު ކޮށްލަންވިޔަސް، އޭގެ ރަހަ މީރު ކޮށްލައި، ފުރިހަމަ ކޮށްލުމަށް މަސްދަޅު ބޭނުން ކުރެއެވެ. ނުވަތަ އާދައިގެ ގޮތަކަށް ބަތްކޮޅެއް ކެއި ނަމަވެސް، އެއް ފަރާތެއްގައި މަސްދަޅެއް ބަހައްޓާނުލެވިއްޖެ ނަމަ ކެއުން ފުރިހަމަ ނުވާ މީހުންވެސް އުޅެއެވެ.

ސުފުރާމަތީގައި މަސްދަޅަށް އިންސާފު ކުރަމުންދާއިރު، ގާތްގަނޑަކަށް 15 ގްރާމް ހުންނަ މި ދަޅު ސުފުރާމައްޗަށް އަންނަނީ ދިގު ރާސްތާ އެއް ކަޑައްތު ކޮށްފައެވެ. ކެޔޮޅު އާދަނުގެ ދޯނިން ބާނައިގެން ދާ މަސްތައް، މިފްކޯ މަސް ބަންދުކުރާ ކާރުޚާނާއާ ހިސާބަށްގޮސް، ދުލަށް ނުހަނު މީރު މަސްދަޅެއްގެ ގޮތުގައި ސުފުރާމަތި ފަޅުފިލުވާލުމަށް ލިބިގެންދާއިރު، އޭގެ ފަހަތުގައި ކަވި އަދި ނުހަނު ބުރަ މަސައްކަތްތަކެއް ހިމެނެއެވެ. އެތައް ބައެއްގެ ހަކަތައާއި، ވަގުތު އޭގައި ހިމެނެއެވެ. މި ރިޕޯޓުގައި ބަލާލާނީ މި ދެންނެވި މުހިއްމު މަރުޙަލާތައް ކުރު އަދި ޚުލާސާ ގޮތެއްގައި ގެނެވޭތޯއެވެ. އެހެން ނަމަވެސް، މިއިން ކޮންމެ މަރުޙަލާއެއްގައިވެސް ނުހަނު ގިނަ ވަގުތު ބޭނުންވާ އަދި ހުނަރު ބޭނުންވާ ކަންކަން ހިމެނެއެވެ.

މަސް ކިރުން- އެއަށް ފަހު, ކޯލްޑް ސްޓޯރޭޖަށް!

ފެލިވަރުގެ ކާރުބާރޫ ބޮޑު ބަނދަރު ސަރަޙައްދުގައި ދޯނިތަކުން މަސް ކިރުމުގެ ކަންކަން ކުރިއަށް ދެއެވެ. އެގޮތުން މަސް ކިރާއިރުވެސް، މަހުގެ ކޮލިޓީ ޗެކު ކުރުމަށް އެވަގުތުވެސް ކޮލިޓީ ކޮންޓްރޯލް ޓީމުތަކުން ޙަރަކާތްތެރިވެއެވެ. ބޭނުމަކީ ފުރާނައިގެން ވީހާވެސް ރަނގަޅު، ތާޒާ އުފެއްދުންތައް ކަސްޓަމަރުންނާ ހިސާބަށް ފޯރު ކޮށްދިނުމެވެ. ފެލިވަރުގެ ޓީމުން ދޯނިތަކަށް އަރައި، އެކަމަށް ޚާއްސަ ކުރެވިފައިވާ އާރްއެސްޑަބްލިއު ބާސްކެޓުތަކަށް މަސްއަޅައި މަސް ކިރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްފަހު، ދެން އެ ބާސްކެޓުތައް ވައްދަނީ ކޯލްޑް ސްޓޯރޭޖަށެވެ.

ފެލިވަރު ބަނދަރު ސަރަޙައްދުގައި މަސް ކިރުމަށްފަހު، އާރްއެސްޑަބްލިއު ބާސްކެޓަށް މަސްތައް އަޅަނީ

ކެޕޭސިޓީގައި ގާތްގަނޑަކަށް 800 ޓަނު ހުންނަ ކޯލްޑް ސްޓޯރޭޖުގައި ދެން ކުރިއަށްދަނީ މާ ޝައުޤުވެރި މަސައްކަތްތަކެކެވެ. އެއީ ބާސްކެޓުތަކުގައި ހުރި މަސްތައް ނެގުމަށްފަހު، ބައިބަޔަށް މަސްތައް އެޅުމުގެ ކަންކަމެވެ. މާނައަކީ އެކި ސައިޒުގެ މަސް ވަކިކޮށް، މަސް ބޭނި ތާރީޚާއި، އޭގެ ބާވަތްތައް އެނގޭނެހެން ވަކި ކުރުމުގެ ކަންކަމެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައިވެސް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ޚާއްސަ ސަމާލުކަމެއް ދޭކަން ފާހަގަ ކުރެވެއެވެ. ފެލިވަރުގައި 32 އަހަރު ހޭދަކޮށް، މިހާރު މި މަސައްކަތުގެ އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހިމްބެ ބުނާ ގޮތުގައި މަސްތައް އެކި ބައިބަޔަށް އެޅުމުގެ ބޭނުމަކީ ކޭނަރީގެ މަރުޙަލާއަށް ދާންވާއިރަށް، އެކި ސައިޒުގެ މަސް ވަކިކޮށް، ފަސޭހައިން ދެނެގަނެވޭ ގޮތަކަށް ރައްކާތެރި ކުރެވިފައި ހުރުމެވެ. ސަބަބަކީ ކެއްކުމާއި، އެކި މިންގަނޑުތައް (މެޝަރމެންޓްސް) ދެނެގަތުމުގައި ފަސޭހައަކަށް ކަމަށް އިބްރާހިމްބެ ބުންޏެވެ.

ގާތްގަނޑަކަށް 4 ސައިޒަކަށް މަސްތައް ބަހާލާއިރު، މިގޮތަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ސާޅީހަކަށް ޓަނުގެ މަސް އެކި ބައިބަޔަށް ވަކިކޮށް އަޅައެވެ.

މަސްތައް ސޯޓްއައުޓްކޮށް، އެކި ސައިޒުގެ މަސް ވަކި ކުރަނީ، ދެން މަސްތައް ގެންދާނީ ކޭނަރީއަށް

ކޭނަރީއަށް ވަނުމަށް ޚާއްސަ ހެދުމެއް އަޅަންޖެހޭ، އެތެރޭގެ އިންތިޒާމުތައް ފުރިހަމަ

ކޭނަރީއަށް މަސް ޕްރޮސެސް ކުރުމަށް ގެންދާއިރު، އެތަނަށް ވަނުމަށްޓަކައި ޚާއްސަ ހެދުމެއް އަޅަންޖެހެއެވެ. ބަރު، ގަން ބޫޓަކާއި، ގަޔަށް ބޮޑު ކޯޓެއް މަހާލުމުގެ އިތުރުން، ބޮލުގައި އަޅާ ސްކާރފާއި، ތޮފި މިއީ މީގެ ކުޑަ މިންވަރެކެވެ. މި ހުރިހާ ފިޔަވަޅުތަކާއެކުވެސް ކޭނަރީއަށް ވަދެވެނީ ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމަށްފަހުއެވެ. އެގޮތުން ފައިގެ ތަނބިކައްޓާއި ހަމައަށް ހުންނަ ތިލަ ފެންގަނޑަކަށް އެރި ފައިދޮވެގެން ކޭނަރީ ހުންނަ ބަޔަށް ދާއިރު، ކްލޮރިނޭޓެޑް ފެނާއި، އާދައިގެ ފެނުން އަތް ދޮންނަން ޖެހެއެވެ. މި ހުރިހާ ފިޔަވަޅުތަކަކަށް ފަހު ކޭނަރީއަށް ވަނުމުން ފެނިގެން ދިޔައީ، މި މަސައްކަތުގެ އަސްލު ކަވިކަމާއި، ބުރަކަމެވެ.

ކޭނަރީއަށް ވަނުމަށް ޚާއްސަ ކޮސްޓިއުމް ލުމަށްފަހު، ކޭނަރީއަށް ދާ މަގުގައި އޮންނަ ތިލަ ފެންގަނޑު

ބާސްކެޓުތަކުގައި މަސް ގެނައުމަށްފަހު، ކޭނަރީގައި ފުރަތަމަ ކުރިއަށްދަނީ މަސް ކެނޑުމުގެ (ބުޗަރިންގ) މަސައްކަތެވެ. މިއީ މަސް ބަންދު ކުރުމަށް ފުރިހަމަ ކުރަންޖެހޭ 40 މަރުޙަލާގެ ތެރެއިން 10 ވަނަ މަރުޙަލާ ކަމަށްވެއެވެ. މި ރިޕޯޓުގައި ޚުލާސާ ގޮތެއްގައި އަލިއަޅުވާލާފައިވާނީވެސް މީގެ ތެރެއިން މައިގަނޑު ބޮޑެތި މަރުޙަލާތަކަށެވެ. މި މަރުޙަލާގައި މަސް ކެނޑުމަށްފަހު، އެކަމަށް ޚާއްސަ ރެކްތަކުގައި އެ މަސްތައް ބަހައްޓައެވެ. ބޭނުމަކީ ރެކުތަކުގައި މަސް ކައްކަން ވެއްދުމެވެ.

މަސް ކައްކަން ވެއްދުމަށްފަހު، ކޮންމެ ރެކެއްވެސް ޚާއްސަ ކުރެވިފައިވާ ވަގުތެއް ވަންދެން ކައްކައެވެ. ކުރިން ދެންނެވި، ބައިބަޔަށް މަސް އެޅުން މުހިއްމުވަނީ މި ސަބަބާހެދިއެވެ. އެކި ސައިޒުގެ މަސް ކައްކަން ޖެހެނީ އެކި ވަގުތަށް ކަމަށް ވާތީއެވެ. އެންމެ ބޭނުންވާ ފިނިހޫނުމިނުގައި މަސް ކެއްކުމަށްފަހު، ވަކި ވަގުތެއް ވަންދެން މަސް ހިހޫ ކުރުމަށް (ކޫލިންގ އަށް ޚާއްސަ) ތަނުގައި ގާތްގަނޑަކަށް 6 ގަޑިއިރު ވަންދެން ބަހައްޓައެވެ. ދިލަ ހޫނެއް އެކުލެވިގެންވާ ކޫލިންގ އޭރިއާގައި މަސް ކައްކާ ވަސްގަނޑުވެސް ނިކަން ގަދައަށް ހިފާލާފައި ހުރެއެވެ. ކުޑައިރު، ދުމަށި މަތީގައި ބަހައްޓައިގެން މާމަމެން މަސް ދިލަޖައްސާ ހަނދާންތައް އެ ވަސްގަނޑާއެކު، އާވެގެން ދިޔައެވެ.

މަސް ކެއްކުމަށްފަހު، ކޫލިންގ އަށް ބަހައްޓާފައި

ހަން ނޮޅައި، ކަށި ވަކިކޮށް، ކަސްޓަމަރު ބޭނުންވާ މިންގަނޑަށް މަސް ސާފު ކުރޭ

ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު، ދެން މަސްތައް ގެންނަނީ ކޭނަރީގެ މަސް ސާފު ކުރާ ބަޔަށެވެ. އެތަނުގައި ގިނަ އަދަދެއްގެ މުއައްޒަފުން ޙަރަކާތްތެރިވާއިރު، މަހުގެ ހަން ނޮޅުމާއި، ކަށިތައް ސާފު ކުރުމުގެ ކަންކަން އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށް ދެއެވެ. މި މަސައްކަތްވެސް އެންމެ ފުރިހަމައަށް ކުރުމަށް ކޮންމެ މަރުޙަލާއެއްގައިވެސް މަސް ސާފު ކުރުމަށް ވަކި މަސައްކަތްތަކެއް ކުރެއެވެ.

ކޭނަރީގައި މަސް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ- މި މަސައްކަތުގައި ގިނަ މުވައްޒަފުން ޙަރަކާތްތެރިވޭ

މަސް ސާފު ކުރުމަށްފަހު، އެއްވެސް ބާވަތެއްގެ ދަގަނޑު ފަދަ މައުދަނެއް އެކުލެވިގެންވޭތޯ ބެލުމަށް "މެޓަލް ޑިޓެކްޓް" ކުރެއެވެ. އަދި އެއަށްފަހު ބޭނުންވާ މިންގަނޑަށް މަސް ހިމުން ކުރެއެވެ. އެހިސާބުން ދަޅުތަކަށް އެޅުމަށްފަހު، ދެން ގެންދަނީ އެއަށް ބޭނުންވާ "މީޑިއާ" އެޅުމަށް ޚާއްސަ މަރުޙަލާއަށެވެ. މާނައަކީ އަޅުގަނޑުމެން ކިޔާ ގޮތުންނަމަ، ތެޔޮ މަސްދަޅަށް ބޭނުންވާ ތެލާއި، ފެން މަސްދަޅަށް ބޭނުންވާ ފެން، ނުވަތަ ގިތެޔޮ މިރުސް މަސްދަޅެއް ނަމަ އެއަށް ބޭނުންވާ މީޑިއާ އެޅުމުގެ މަރުޙަލާއެވެ. މި މަރުޙަލާއަށްފަހު، ފަހު ފަހަރަށް މަސް ދަޅުތައް ޗެކް ކޮށްލައެވެ. އެއަށްފަހު މަސްދަޅުތައް ބަންދު ކޮށް، އަނެއްކާވެސް ބާސްކެޓުތަކުގައި މަސްދަޅުތައް ގެންދަނީ "ފަހު ކެއްކުމަށް" ޚާއްސަ އުނދުނަށެވެ. މި ހުރިހާ މަރުޙަލާއެއްގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުން އޭގެ ކޮލިޓީ ޗެކްކޮށް، ބޭނުންވާ މިންގަނޑުތައް ހުރިތޯ ކަށަވަރު ކުރަމުން ދެއެވެ.

މަސްދަޅު މަތިޖަހައި ބަންދު ކުރުމަށްފަހު، ފަހު ކެއްކުމަށް އުނދުނަށް ވައްދަނީ

ފަހު ކެއްކުމަށް ފަހު، އަނެއްކާވެސް ހިހޫކުރަން ބާސްކެޓުތައް ބަހައްޓައެވެ. އެއަށްފަހު ދެން ގެންދަނީ "ލޭބަލިންގ އެންޑް ޕެކިންގ" މަރުޙަލާއަށެވެ. ފެލިވަރުގެ ޚާއްސަ ސީލްއާއި ލޭބަލްގައި ދަޅުތައް ބަންދުކޮށް، ރަށްރަށާއި، ފިހާރަތަކަށް ފޮނުވުމަށް ކުރިއަށްގެންދާ މި މަރުޙަލާއަކީވެސް ކުޑަ މަރުޙަލާއެއް ނޫނެވެ. މި މަރުޙަލާގައިވެސް ގިނަ ބަޔަކު ޙަރަކާތްތެރިވާއިރު، ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުން ބޭނުންވާ މިންވަރަށް ސާމްޕަލް ނަގައި، ޓެސްޓު ކުރުމަށްފަހު، އެކަށީގެންވާ މިންގަނޑުތައް ހުރިނަމަ، އެ ކޮންޓެއިނަރެއް ފާސް ކުރެއެވެ. އަދި މި މަރުޙަލާ ނިމުމުން ބޭނުންވާ "ފައިނަލް ޕްރޮޑަކްޓް" ލިބިގެންދެއެވެ.

ކޮންމެ ދުވަހަކުހެން އަޅުގަނޑުމެންގެ ސުފުރާމަތި ފަޅު ފިލުވާލަދޭ މި މީރު ޕްރޮޑަކްޓް ތައްޔާރު ކުރާ ގޮތް ކުރު ގޮތަކަށް ބަޔާން ކޮށްލި ނަމަވެސް، މި މުޅި މަސައްކަތުގައި އެތައް ބައެއްގެ ބައިވެރިވުމާއި، ހުނަރާއި ހަކަތަ ހޭދަވެގެން ދެއެވެ. ދެން މަސްދަޅެއް ކަނޑައިގެން އިންސާފު ކޮށްލުމަށް އިށީންނައިރު، މިއީ ހަމަ ގައިމުވެސް ހިތަށް އަންނާނެ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
20%
އަންތަރީސް ވެއްޖެ
80%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް