ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 17:23
ބ. ހަނިފަރު ސަރަހައްދުން ފެހުރިއްސެއް ދަނީ
ބ. ހަނިފަރު ސަރަހައްދުން ފެހުރިއްސެއް ދަނީ
އަހުމަދު ފާރިހް ރަޝީދު
ފެހުރިހި
ފެހުރިހި - ރާއްޖޭގެ ކަނޑުފަޅުގެ އެންމެ ބިޔަ އެއް ދިރުން
 
ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި ޖަމާވާކަމަށް ރެކޯޑްކުރެވިފައިވަނީ އަރިއަތޮޅު ދެކުނުބުރީގައިވާ "ސަމްޕާ" ސަރަހައްދަށް
 
ފެހުރިއްސަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ބާވަތެއް
 
ރާއްޖޭގެ ކަނޑުފަޅުން ފަސޭހަކަމާއެކު ފެންނަ އެންމެ ބިޔަ އެއް ދިރުން

ދިވެހިރާއްޖެ ފަދަ ކަނޑުގެ އައްސޭރި ފަށުގައިވާ ގައުމުތަކުގެ ކަނޑުފަޅުން ފަސޭހަކަމާއެކު ފެންނަ އެންމެ ބިޔަ އެއް ދިރުމަކީ ފެހުރިހި ނުވަތަ "ވޭލްޝާކް" އެވެ. ފެހުރިއްސަކީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައިއުޅޭ އެންމެ ބިޔަމަހެވެ. މިގޮތުން 2002 ވަނަ އަހަރު ޓައިވާނުން 65 ފޫޓްގެ ފެހުރިއްސެއް ފެނިފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ. ކަނޑުފަޅުގެ ތިލަ ހިސާބުތަކުން ފެންނަ ފެހުރިހީގެ ދިގު މިނުގައި އެވްރެޖްކޮށް 8 މީޓަރު ނުވަތަ 25 ފޫޓް ހުރެއެވެ. މަގުމަތިން ފެންނަ ބޮޑު ބަހެއްގެ ސައިޒެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫނެވެ. އެހެންކަމުން ފެހުރިހި ޖަމާވާ ސަރަހައްދުތަކުގައި ފެތުންތެރިންނާއި ފީނުންތެރިން މިބާވަތުގެ މިޔަރާ ވަރަށް ގައިގޯޅިވެ އުޅެއެވެ. އަދި މިފަދަ ސަރަހައްދުތަކުގައި ފެހުރިހި ބެލުމަށް ހާއްސަކޮށްގެން ފަތުރުވެރިކަން ތައާރަފްކުރެވި، ފެހުރިއްސަކާއެކު ފީނާލުން ވެފައިވަނީ ކޮންމެ ފަތުރުވެރިއެއްގެވެސް "ބަކެޓްލިސްޓް"ގައި ހިމެނޭ ކަމަކަށެވެ.

ފެހުރިހީގެ ކާނާއަކީ ކުދި ފަނިފަކުސާއާއި، ވަރަށް ކުދިމަހާއި، ކަނޑުގެ މަތީބައިގައި އުޅޭ ސޫތްފިތައް ކަމުގައިވާ "ޕްލެންކްޓަންސް" އެވެ. ކާނާ ފުރާނާ އުސޫލުން، މިދަފަ ޕްލެންކްޓަންސްތައް ފެހުރިހީގެ އަނގަތެރެއަށް ފުރާނާލައެވެ. ކޮންމެ އިންސާނެއްގެ އިނގިލީގެ ނިޝާން ތަފާތު ވާހެން، ފެހުރިހީގެ ހަށިގަނޑުގައި ހުންނަ ނިޝާން ("ސްޕޮޓްސް")ތައްވެސް ތަފާތެވެ. މިނިޝާންތައް ވަކިވަކި ފެހުރިހި ދެނެގަންނަން ބޭނުންކުރެއެވެ.

މާ ސިންގާ ކަނޑުތަކުގައި ފެހުރިހީގެ އުމުރު ހޭދަ ކުރާގޮތަކީ، ދިރާސާކުރާ ފަރާތްތަކަށާއި ސައިންސްވެރިންނަށް ބޮޑު "މިސްޓްރީ" އެކެވެ. ފެހުރިއްސަކީ އޭތީގެ ހަޔާތުގައި ވަރަށް އަޑިއަށް ފީނާ ހަދާ އަދި ވަރަށް ދުރަށް ދަތުރު ކުރާ އެއްޗެކެވެ. އަހަރެއްގެ ތެރޭގައި އެތައް ހާސް ކިލޯމީޓަރަކަށް ދަތުރުކުރެއެވެ. މިސަބަބުތަކާހުރެ މިތަކެތީގެ "ބިހޭވިއަރ" އަދި ދަތުރު ކުރާ ރާސްތާ ދެނެގަތުމަށް ސްޓެލައިޓް ޓެގް ހަރުކޮށްގެން މާބޮޑު ކާމިޔާބެއް ނުލިބެއެވެ. މާ އަޑިއަށް ފީނުމުންނާއި ދުރަށް ދަތުރުކުރުމުން ސިގްނަލް ގެއްލުން ފަދަ ހާދިސާތައް ކުރިމަތިވެ ދިރާސާކުރުމަށް އެތައް ގޮންޖެހުކަމާއި ކުރިމަތިވެއެވެ. 2018 ވަނަ އަހަރު ޝާއިއުކުރެވުނު ދިރާސާ ރިޕޯޓެއްގައި ވާގޮތުން، ޕެނަމާގެ އައްސޭރިފަށުން ޓެގްކުރެވުނު އަންހެން ފެހުރިއްސެއް ވަނީ ދެ އަހަރާއި ތިން މަހުން 12،500 މޭލަށް ދަތުރުކޮށް، ކަނޑުގެ އެންމެ ފުން ސަރަހައްދުކަމަށް ރެކޯޑް ކުރެވިފައިވާ "މެރިއަނަރ ޓްރެންޗް" ސަރަހައްދަށް ދަތުރުކޮށްފައެވެ.

އަދިމިހާތަނަށް ކަނަޑުފަޅުން މާބަނޑުކަމަށް ޔަގީންކުރެވޭ ފެހުރިއްސެއް ފެނިފައިނުވެއެވެ. އަދި ފެހުރިހި ވިހާއާލާވާ ސަރަހައްދެއްވެސް ހޯދިފައެއްނެތެވެ. ނަމަވެސް 1998 ވަނަ އަހަރު ޓައިވާނުން ބޭނި ފެހުރިއްސެއްގެ ބަނޑުން 300 ކުދި ފެހުރިހި ފެނިފައިވެއެވެ. މިއީ ފެހުރިހީގެ މާބަނޑު ދުވަސްވަރާއި ވިހާއާލާ ވުމާއި ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ހަމައެކަނި މައުލޫމާތެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފެހުރިހިތައް ކުރާ ދިގު ރާސްތާ ދަތުރުގައި އެހެން ފެހުރިހިތަކާ ދިމާވެ އާބާދީ އާލާ ކުރުމުގެ ފުރުސަތު އެ މިޔަރުތަކަށް ލިބޭކަމެވެ. ޅަ ފެހުރިހީގެ އުމުރުގެ ކުރީކޮޅުގެ އަހަރު ހޭދަކުރާތަނެއްވެސް އަދި މިހާތަނަށް ހޯދިފަ އެއްނެތެވެ. ނަމަވެސް 4-3 މީޓަރުގެ "ޖުވެނައިލް" ފެހުރިހިތައް ޓްރޮޕިކަލް ގައުމުތަކުގެ ކަނޑުފަޅުން އާއްމުކޮށް ފެނެއެވެ. މާކަނޑުގެ ފުނަށް ފީނުމަށްފަހު، އެދިރުންތަކުގެ ހަށިގަނޑު ހޫނުކުރުމަށާއި އަދި ކާނާއާއި ރައްކާތެރިކަން ހޯދުމަށް ރާއްޖެކަހަލަ ގައުމުތަކުގެ ކަނޑުފަޅަކީ އެންމެ އެކަށީގެންވާ މާހައުލުކަމަށް ވެދާނެއެވެ.

ފެހުރިއްސަކާއެކު ސަމްޕާ ސަރަހައްދަށް ޒިޔާރަތްކުރި ބަޔަކު ފަތާފައި ދަނީ - މޯލްޑިވްސް ވޭލް ޝަރކް ރިސަރޗް ޕްރޮގްރާމް

ރާއްޖޭގައި ފެހުރިހި

ފެހުރިއްސަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުން ފެންނަ މިޔަރެކެވެ. ފެހުރިއްސަކީ ރާއްޖޭގައި ޙިމާޔަތް ކުރެވިފައިވާ ބާވަތެއްކަމުން، ފެހުރިހި ހިފުމާއި، މެރުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. ދިރޭތަކެތީގެ ބާވަތްތައް ހިމާޔަތްކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެތަކެތީގެ މާހައުލު ހިމާޔަތްކުރުމެވެ. މިގޮތުން، ރާއްޖޭގެ ކަނޑުފަޅުގައި އެންމެ ގިނައިން ފެހުރިހި ޖަމާވާކަމަށް ރެކޯޑްކުރެވިފައިވާ ސަރަހައްދުވަނީ 2009 ވަނަ އަހަރު ހިމާޔަތްކުރެވިފައެވެ. މިއީ މުޅިދުނިޔެއަށް ބަލާއިރުވެސް، އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ބިޔަ ފެހުރިހިތައް އައިސް ޖަމާވާ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި އޮތް މިފަދަ ހަމައެކަނި ތަނެވެ. އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލި ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯ މީޓަރުގެ ސަރަހައްދުކަމުގައިވާ "ސައުތު އަރި މެރިން ޕާކް" ނުވަތަ މަޝްހޫރު ނަމުންނަމަ "ސަމްޕާ" އެވެ.

ފެހުރިއްސާއެކު ފަތާލައި ފީނުމަށް، ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން، ސަމްޕާ ސަރަހައްދަށް ޒިޔާރަތްކުރެއެވެ. ދެހާސްސާދަ ވަނަ އަހަރު ކުރެވުނު ދިރާސާ "ވޭލް ޝާކް އިކޮނޮމިކްސް: އަ ވެލުއޭޝަން އޮފް ވައިލްޑްލައިފް ޓޫރިޒަމް އިން ސައުތު އަރި އެޓޯލް، މޯލްޑިވްސް"ގައިވާ ގޮތުން ވޭލްޝާކް ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 9.4 މިލިއަން ޑޮލަރު ވަދެ އެވެ. އަރިއަތޮޅުގެ ފަތުރުވެރިކަމުގައި ވޭލްޝާކް ޓުއަރިޒަމްގެ ހިއްސާބޮޑެވެ.

ކަނޑގައިވާ އެންމެ ބޮޑު މިޔަރަކީ އިންސާނުންނަށް ނުރައްކަލެއް ކުރިމަތިކުރުވާ ދިރުމެއްނޫނެވެ. ނަމަވެސް، ސަމްޕާ ސަރަހައްދަށް ފެހުރިހި ބަލަން ޒިޔާރަތްކުރާ ފަރާތްތައް އިތުރުވާ ވަރަކަށް، ފެހުރިހިތަކަށް އިންސާނުންގެ ފަރާތުން ކުރިމަތިވާ ނުރައްކަލާއި ލިބެމުންދާ ގޯނާތައް ވަނީ ބޮޑުވާން ފަށައިފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޒިޔާރަތްކުރާ ފަރާތްތަށް އިތުރުވާ ވަރަކަށް އެސަރަހައްދަށް ވަދެނިކުމެ ހަދާ އުޅަނދުތައް އިތުރުވެ، ކަނޑު އުޅަނދުފަހަރުގެ ބުރަފަތިން ޖެހިގެން، ފެހުރިއްސަށް އަނިޔާލިބުމެވެ.

މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ)އިން މިއަހަރު ނެރުނު ދިރާސާ ރިޕޯޓްގައިވާގޮތުން، ދިރާސާގައި މޮނިޓަރކުރި ފެހުރިހީގެ ތެރެއިން %61 ފެހުރިހީގެ ހަށިގަނޑުގައި ބުރަފަތިން ޖެހިގެން ލިބިފައިހުރި ޒަހަމްތައް ހުއްޓެވެ. އަދި 2014 އިން ފެށިގެން 2019އާ ހަމައަށް ބަލާއިރު، ކޮންމެ އަހަރަކު ސަމްޕާ ސަރަހައްދުން ފެންނަ ފެހުރިހީގެ އަދަދު ދައްވަމުން ދާކަންވެސް ދިރާސާއިން ދައްކައެވެ. މިދިރާސާއިން ފެހުރިއްސަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތައް ހާމަވެއެވެ.

ސަމްޕާ ސަރަހައްދުން ގިނައިން ފެންނަނީ ޖުވެނައިލް ފިރިހެން ފެހުރިއްސެވެ. ބޮޑަށް ބެލެވެނީ ސަމްޕާ ސަރަހައްދަކީ އެސޮރުމެންގެ ޅަފަތުގެ ރައްކާތެރިކަމުގެ ގޮވަތިކަމުގައެވެ. ސަމްޕާ ސަރަހައްދުގައި އުޅޭ ފެހުރިއްސަށް އަނިޔާވުމުންވެސް، އެސޮރުމެން ސަމްޕާ ސަރަހައްދު ދޫނުކޮށް އިތުރަށް އެސަރަހައްދުގައި ދެމިތިބޭކަން ދިރާސާއިން ފާހަގަކުރެވުނެވެ. މިގޮތަށް "އޮވަރސްޓޭއި" ކުރާނަމަ، މިކަމުގެ ނެދެވޭ އަސަރު ފެހުރިހީގެ އާބާދީއަށް ކުރާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ. ސަބަބަކީ ފެހުރިއްސަކީ މަދުންއުޅޭ މިޔަރަކަށްވެފައި އެއީ ދުނިޔެއިން ނެތިފަނާވެދާނެކަމުގެ ބިރު ހީވެފައިވާ ބާވަތަކަށް ވާތީއެވެ. އަދި ޅަފުރައިގެ ފިރިހެން ފެހުރިހިތަކަށް ބޮޑެތި އަނިޔާތައްލިބި، ފުރާފުރިހަމަ ވުމަށް ފުރުސަތު ނުލިބޭނަމަ، ފެހުރިހި ވިހާއާލާވުމަށް ހުރަސް އެޅޭނެއެވެ. އެހެން ފެހުރިހިތަކާ ދިމާނުވުމުން އާބާދީ އާލާ ކުރަށް ލިބޭ ފުރުސަތު ކުޑަވާނެއެވެ.

ސަމްޕާ ސަރަހައްދުގައި ފެހުރިހީގެ ދިރާސާކުރުމަށް މައުލޫމާތު އެއްކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ - މޯލްޑިވްސް ވޭލް ޝަރކް ރިސަރޗް ޕްރޮގްރާމް

ރާއްޖޭގެ ސަމްޕާ ސަރަހައްދުގައި ފެހުރިހީގެ ހިމާޔަތަށްޓަކައި ފިޔަވަޅުތަކެއް އެޅިފައިވެއެވެ. މިގޮތުން، މިސަރަހައްދުގައި ބޭނުންކުރާ އުޅަނދުތައް އީ.ޕީ.އޭގައި ރަޖިސްޓްރީކުރަންޖެހެއެވެ. އަދި މިސަރަހައްދުގައި އުޅަނދުތައް ދުއްވޭނެ ބާރުމިނާއި، ދެ އުޅަނދު ދޭތެރޭގައި ބަހައްޓަންޖެހޭ ދުރުމިނާއި މިސަރަހައްދުގައި ފެހުރިހި ބަލަން ހަރަކާތްތެރިވެވޭނެ ދުރުމިންވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރަށްވެސް ދިއްލައިގެން ފެހުރިހި ތިލަކުރުންވެސް ވަނީ މަނާ ކުރެވިފައެވެ. ފެހުރިހީގެ މާހައުލުގައި އިންސާނުން ހަރަކާތްތެރިވާއިރު ގެންގުޅެންޖެހޭ އުސޫލުތައް ވަނީ އެކުލަވާލެވިފައެވެ. ހިތާމަޔަކީ މިހުރިހާ ފިޔަވަޅުތަކާއެކުވެސް، ސަމްޕާ ސަރަހައްދުގައި ފެހުރިއްސަށް ލިބެން ޖެހޭ ރައްތާކެރިކަން ނުލިބޭކަމެވެ. މާގިނަ ބޯޓްތަކާއި މާގިނަ ޒިޔާރަތްކުރާ މީހުންނަށް އެސަރަހައްދުގެ ބޭނުން އެއްފަހަރާ ކުރެވެނީއެވެ. "ފްރީރައިޑް" ކުރެވެނީއެވެ.

ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ފެހުރިހި ބެލުމަށް ވަކި ދުވަސްވަރެއްގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ އެއް ސަރަހައްދު ކަމަށްވާ އޮސްޓްރޭލިއާގެ ނިންގަލޯ ފަރުގެއެވެ. މިސަރަހައްދުގައިވެސް ފެހުރި ބެލުމުގައި އަމަލުކުރަންޖެހޭގޮތުގެ އުސޫލުތައް ހުރެއެވެ. އަދި ރާއްޖެއާއި ހިލާފަށް ނިންގަލޯގައި އެއްފަހަރާ ފެހުރިއްސާއިއެކު ފަތާފައި ނުވަތަ ފީނާފައި އެންމެ ގިނަވެގެން އެއްފަހަރާ ދެވޭނެ މީހުންވަނީ ކަނޑައަޅާފައެވެ. އަދި ހަމަ އެއާއިއެކު އެއްފަހަރާ ފެހުރިހި ބެލުމުގައި ހަރަކާތްތެރި ވެވޭނެ އުޅަނދުތަކުގެ އަދަދުވެސް ވަނީ ކަނޑައަޅާފައެވެ. މިސަރަހައްދުގައި ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށާއި އުޅަނދުތަކަށް "ކެރީން ކެޕޭސިޓީ" އެއް ކަނޑައަޅާފައެވެ. ތިމާވެށީގެ ނަޒަރަކުން ބަލާއިރު މާހައުލީ ނިޒާމެއްގެ ނުވަތަ ވަކި ސަރަހައްދެއް ބޭނުން ކުރުމުގެ "ކެރީން ކެޕޭސިޓީ" އަކީ އެފަދަ ސަރަހައްދެއްގެ ތަބައީ ސިފަތަކާއި އެސަރަހައްދެއްގައި އުޅޭ ދިރުންތަކާއި އެހެނިހެން ނިޒާމްތަކަށް ގެއްލުންނުވެ، އެސަރަހައްދެއްގެ ބޭނުންކުރެވޭނެ އަދަދެވެ. ނިންގަލޫ ފަރުގައި ފެހުރިހި ބެލުމަށް ހަރަކާތްތެރިވެވޭނެ "ކެރީން ކެޕޭސިޓީ" ކަނޑައަޅާފައިވުމުގެ ސަބަބުން މިސަރަހައްދަށް ޖަމާވާ ފެހުރިހިތަކަށް، ފަތުރުވެރިކަމުގައި ޒިޔާރަތްކުރުމުން އިންސާނުންގެ ފަރާތުން ކުރިމަތިވާ ގެއްލުންތައް ވަރަށް ބޮޑުތަން ކުޑަވެގެންދެއެވެ.

އޮސްޓްރޭލިއާގެ ނިންގަލޫ ފަރުގެ ސަރަހައްދުގައި ފެހުރިހީގެ ފަތުރުވެރިކަން ކުރަނީ، އެސަރަހައްދަށް ފެހުރިހި ޖަމާވާ ދުވަސްވަރާ ދިމާކޮށް ވަކި ދުވަސްވަރެއްގައެވެ. އެއާ ހިލާފަށް ރާއްޖޭގެ ސަމްޕާ ސަރަހައްދަކީ އަހަރުގެ ހުރިހާ ދުވަހެއްގައި ފެހުރިހި ފެންނަ ހަމަ އެކަނި ސަރަހައްދެވެ. ރައްކާތެރިގޮތެއްގައި ބެލެހެއްޓިއްޖެނަމަ، މިތަނުގެ ފައިދާ ކުރިއަށް އޮތް ޖީލުތަކަށްވެސް ލިބޭނޭ ތަނެކެވެ. އެންމެން ގުޅިގެން މިކަމަށް ހައްލެއް އެބަ ބޭނުން ވެއެވެ. ވަކި ނިޒާމެއްގެ ދަށުން، ފެހުރިއްސަށާއި އަރިއަތޮޅުގެ ފަތުރުވެރިކަމަށް ގެއްލުންނުވާނެ ގޮތަކަށެވެ. ސަމްޕާ ސަރަހައްދުން ޅަފުރައިގައި ރައްކައުތެރިކަން ހޯދަން އަންނަ ފެހުރިހިތައް އެތަނަށް އައުން ހުއްޓުމުގެ ކުރިންނެވެ. ސަމްޕާ ސަރަހައްދަށް ޒިޔާރަތްކޮށްގެން "ވޭލް ޝާކް" ފަތުރުވެރިކަމުން ލިބޭ އިގްތިސާދީ ނަފާ އަބަދުވެސް ލިބިލިބި ތިބުމަށްޓަކައެވެ. "ސައުތު އަރި މެރިން ޕާކް" ނުވަތަ "ސަމްޕާ" ހުރިހާގޮތަކުންވެސް ދަމަހައްޓަން އެބަޖެހެއެވެ. ފައިދާ ބޮޑީ އެގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
17%
0%
83%
ކޮމެންޓް