ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޕީޖީއިން ބުނީ މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ބުދަ ދުވަހު ކަމަށެވެ.
މިމައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ފުލުހުން އެމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްދެއްވުމަށް ފުލުހުން އެދިފައިވާއިރު، އެ މައްސަލައިގައި އާޒިމާގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނީ މަނީ ލޯންޑަރ ކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިކަން ދެއްވުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތެވެ.
ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލަ ބަލަމުން ދާތީ އެ އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކޮށްފައިވާ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އިރު އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ވެސް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގައި ރައީސް ޔަމީނުގެ ނަމުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީން ބަލަމުން ދެއެވެ. އެ ފައިސާ މިހާރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ.