ނައިބު ރައީސް މިއަދު ހުވަދު އަތޮޅަށް ވަޑައިގަންނަވަނީ
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު


ފައިސަލް ނަސީމް)ވ(
ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުވަދު އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިއީ ނައިބުރައީސް ކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު އެއަތޮޅުތަކަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.
ފައިސަލްގެ މިދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއިން އައްޑޫ އާއި ފުވައްމުލަކަށް ދަތުރުފަތުރު ކުރުމުގެ ޚިދުމަތް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) ފައްޓަވާ ދެއްވާނެއެވެ. އެސްޓީއެލް ފައްޓަވާ ދެއްވާނީ ހުކުރު ދުވަހުގެ ހެނދުނުއެވެ.
މިގެ އިތުރުން އެއަތޮޅުގެ ރަށްރަށަށް ވަޑައިގެން ކައުންސިލަރުންނާއި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުވަދުއަތޮޅަށް ފައިސަލް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.






