ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ވެސް ތަހުނިޔާ ދަންނަވައިފި
16 ޑިސެމްބަރު 2018 | އާދީއްތަ 02:437 އަހަރު ކުރަމުން އައި މިންނެތް މަސައްކަތަށް ޝުކުރުވެރިވަން

ކުރީގެ ރައީސް މައުމޫން ރާއްޖެޓީވީއަށް މީގެ ކުރިން ދެއްވި އިންޓަވިއުގެ ތެރެއިން
ރާއްޖެޓީވީގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ވެސް ތަހުނިޔާ ދަންނަވައިފިއެވެ.
ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނަސާބަތާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެގެން ދިޔަ ހަތް އަހަރު ކުރަމުން އަންނަ މިންނެތް މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ރާއްޖެޓީވީއަށް ތަހުނިޔާ ފޮނުއްވާފައިވާފައިވާއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ރާއްޖެޓީވީގެ އިސްވެރިންނާއި، މުއައްޒަފުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ.
ނޫސްވެރިކަމުގެ ބިރުވެރިކަން ތަޖުރިބާކުރި އެއްތަނަކީ ރާއްޖެޓީވީ ކަމަށްވާ އިރު، މި ސްޓޭޝަނަކީ ފުރަތަމަ 24 ގަޑިއިރަށް ޚަބަރާއި މައުލޫމާތު ބްރޯޑްކާސްޓް ކުރަން ފެށި ޗެނަލްއެވެ.
ރާއްޖެޓީވީގެ ޚިދުމަތް ފަށާފައި ވަނީ 15 ޑިސެމްބަރު 2010 ވަނަ އަހަރުއެވެ. ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖެ ޓީވީ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެ ގޮތުން ސްޓޭޝަނަށް ހަމަލާދީ ރޯކޮށްލުމާއި ނޫސްވެރިންނަށް އެކި އަނިޔާތައް ދިނުމާއި ދައުވާތައްކޮށް ޖަލަށް ލުމުގެ އިތުރުން މިހާރު އުވާލާފައިވާ އަބުރުގެ ގާނޫނުގެ ދަށުން 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން ހިމެނެއެވެ.









