ރައީސް މައުމޫނަށް 29 މިލިއަން ދެއްވި ކަމަށް ވިދާޅުވެ، ޖާބިރު ހެއްދެވީ އިތުރުފުޅެއް: އެމް.އާރް.އެމް
28 ނޮވެމްބަރު 2018 | ބުދަ 17:57ކެމްޕެއިން ޓީމަށް، ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހެއްދެވީ އިތުރުފުޅެއް ކަމަށް މައުމޫންގެ ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ބުނެފިއެވެ.
ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވިކަމަށް ވިދާޅުވެ ޖާބިރު ޓްވީޓް ކުރެއްވީ ބުދަ ދުވަހުއެވެ.
މިޓްވީޓާއި ގުޅިގެން އެމް.އާރް.އެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ޖާބިރު، ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، މީސް މީޑިއާގައި ކުރައްވާފައިވާ ޓްވީޓަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބު ކުރުމަށްޓަކައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ޓީމަށް، ޖާބިރު އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމް.އާރް.އެމްއިން މިބަޔާނުގައި ވަނީ ބުނެފައެވެ.
ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި ވެސް ހަވާލުވެ ހުންނެވި ޖާބިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިނގިލީ ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ.
ޖާބިރުގެ މިޓްވީޓާއެކު ރައީސް މައުމޫނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް، ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލަމުންނެވެ.









