ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ވިސާގެ އެގްރީމެންޓުގައި ސޮއި ކުރައްވާނެ: ޝާހިދު
28 ނޮވެމްބަރު 2018 | ބުދަ 16:30ވިސާ ހެއްދުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެ

ޝާހިދު އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދްއާއި ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ވިސާގެ އެގްރީމެންޓުގައި ސޮއި ކުރައްވާނެ ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުގައި އައު ވިސާ އެގްރީމެންޓްގައި ސޮއިކުރައްވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރު ކިޔަވާ ކުދިންނާއި އަދި ބެލެނިވެރިންނަށް ވަމުންދާ އުނދަގުލަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރަށް ޝާހިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއަށް ގުޅުން ހީނަރުވެ، އިންޑިއާއަށް ދަތުރު ކުރުމުގައި ގިނަ ދަތިތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިމަތި ވެފައިވާކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުގައި ހުރިހާ ކަމެއް ހައްލުވާނެ ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމާއި، ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށެވެ. އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 17 ގައެވެ.









