ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 17:57
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ބަޖެޓް 2019
ދައުލަތުގެ އާމްދަނީ: އެހެން އަހަރުތަކަށް ވުރެ ރިއަލިސްޓިކް
 
އާމްދަނީ ހޯދާނެ އާ ކަންތައްތަކެއް ހިމަނާފައެއް ނުވޭ
 
2019 ވަނަ އަހަރު 23 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އާމްދަނީ އަންނަ އަހަރަށް 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވުމެވެ. އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު އެހެން އަހަރުތަކާ ހިލާފަށް ބަޖެޓުގައި އާމްދަނީ ހޯދުމަށް އިތުރަށް ނުވަތަ އަލަށް ކުރާނެ އެއްވެސް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޓެކްސްގެ ގޮތުގައި 16 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ އާމްދަނީ އުޅެނީ 5.8 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޓެކްސް ގެ ތެރެއިން އާމްދަނީ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ބައި ތަކަކީ އިމްޕޯޓް ޑިއުޓީ އާއި ބިސްނަސް އަދި ޕްރޮޕަޓީ ޓެކްސް އާއި މުދަލާ ހިދުމަތުން ނެގޭ ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ނެގޭ ފީތަކެވެ. މިއީ މީގެ ކުރިންވެސް ނުވަތަ މިފާއިތުވެދިޔަ އަހަރުގައިވެސް ބަޖެޓަށް އާމްދަލީ ލިބިފައިވާ ކަންކަމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބަޖެޓްތަކަށް ބާލާއިރު ކޮންމެ އަހަރަކުވެސް އާމްދަނީ ހޯދޭނެ އާ ކަންކަން ހިމަނާފައިވެއެވެ. ގިނަ އާ ކަންތައްތަކެއް ހިމަނާފައިވާކަން ފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓުން އެނގިގެންދެއެވެ.

ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާ ފައިވާ ކަންތައްތަކަށް ބަލާ އިރު ޖުލްމަ އާމްދަނީ 21 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖުން 565 މިލިއަން ރުފިޔާ އާއި ބިންވެރިކޮށްދީގެން ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އާއި މާލޭ ސަރަހައްދުން ނަގާ ކޮންޖެސްޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ އާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނަގާ 200 މިލިއަން ރުފިޔާ އާއި ޕިޒީ ޑްރިންކްސް އާއި އެނަރޖީ ޑްރިންކްސް އިން ނަގާ 9 މިލިއަން ރުފިޔާ އާއި ޓެކްސީ އަދި ފިކަޕް ހިދުމަތުގެ ހުއްދަ ވިއްކައިގެން 12 މިލިއަން ރުފިޔާ އާއި ސްޕެޝަން އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތައާރަފްކޮށްގެން 500 މިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވެ އެވެ. 2016 ވަނަ އަހަރު ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ އެސްއީޒެޑުން ލިބޭނެ ކަމަށް އަންދާޒާކުރިއެވެ.

އެހެން ނަމަވެސް ކިތަންމެ ގިނަ ކަންތައްތަކަކުން އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ހާސިލްވެފައިވަނީ ކުޑަ މިންވަރެކެވެ. މިގޮތަކަށް ކަންކަން ހާސިލް ނުވުމުން މިއީ މިފާތިރުވެދިޔަ އަހަރުތަކުގައި ސަރުކާރަށް ބަޖެޓް މެނޭޖު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ ލިބޭ އާމްދަނީއަށް ބަލައިގެން ކަމަށްވާއިރު ކަނޑައެޅި މިންވަރަށް އާމްދަނީ ނުލިބުމުން އެހެން ގޮތްގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާ ހޯދަންޖެހެއެވެ.

މި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބަޖެޓަށް ވެގެންދިޔަގޮތަށް ބަލައިލާނަމެވެ. މިފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓުގެ އަދަދުތަކަށް ބަލާ އިރު 2014 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ 17.95 ބިލިއަން ރުފިޔާ އެވެ. އެ އަހަރު އާމްދަނީގެ ގޮތުގައި 14.8 ބިލިއަން ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބުނީ 14.5 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު 24.3 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައެޅި އިރު އާމްދަނީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އެވެ. އެހެން ނަމަވެސް ލިބުނީ 17.3 ބިލިއަން ރުފިޔާ އެވެ. މިއާ އެކު ރާއްޖޭގެ ޑެފިސިޓް އެ އަހަރު 4.1 ބިލިއަން ރުފިޔާ އަށް އެރި އެވެ. އެއަހަރުގެ އާމްދަނީ އެހާ ބޮޑަށް ދަށްވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، ސަރުކާރުގެ އެންމެ މުހިއްމު މަޝްރޫއުގެ ގޮތުގައި ސަރުކާރުން ގެނައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށް "ޒީރޯ" ލިބުމެވެ.

2016 ބަލާ އިރު 27.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެވުނު އިރު 22.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރި އެވެ. އަހަރު ނިމުނު އިރު ލިބިފައިވަނީ ގާތްގަނޑަކަށް 18.1 ބިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރު 26.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނި 21.9 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ލިބުނީ 20.2 ބިލިއަން ރުފިޔާއެވެ. މިއަހަރަށް ލަފާކުރި އާމްދަނީ އަކީ 22.4 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ލިބުނީ 21.3 ބިލިއަން ރުފިޔާއެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކެވި އިގްތިސާދީ ދާއިރާގެ ތަޖުރިބާރާކެއް ހާމަކުރިގޮތުގައި ބަޖެޓުގައި އާމްދަނީ ހޯދުމަށް އާ ކަންތައްތައް ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބަޖެޓުގައި ކަނޑައަޅާފައިވާ ޓާގެޓްތައް ހާސިލްވުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. މިފާއިވެދިޔަ ފަސް އަހަރުގައި ބަޖެޓުގައި އާމްދަނީ ލިބޭނެ އާ ކަންކަން ހިމަނާފައިވަނީ މާބޮޑު ދިރާސާއެއް ނުކުރެވި ކަމަށެވެ. އެހެން ކަމުން ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަކީ އެހާ 'ރިއަލިސްޓިކް' އަދަދުތަކަށް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަހަރުގެ ބަޖެޓުގައި އާ ކަންކަން ހިމަނާފައިނުވުމަކީ އެއްގޮތަކުން މާ ރިއަލިސްޓިކް ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރަކުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ބަޖެޓުގައި ކަނޑައަޅާފައިވާ އާމްދަނީ ހާސިލްކޮށް އިތުރު ކަންކަން އުފެއްދުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތަކަށް ނުތަކާވަރަށް ގިނަ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ޑެފިސިޓް ކޮންޓްރޯލު ކުރުމަށް އާމްދަނީ އިތުރު ކުރުމުގެ އިތުރަށް ދައުލަތުގެ ހަރަދުތައްވެސް ކުޑަކުރަން ޖެހެއެވެ. އެހެން ނޫނީ އާ ސަރުކާރެއް އައިކަމުގައިވެސް ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ނުފެންނާނެއެވެ. އަންނަ އަހަރުގެ އާމްދަނީ 23 ބިލިއަން ރުފިޔާއަށް އެރުވުމަށްޓަކައި ހަގީގަތުގައި އެއަހަރު ފެށުމުގެ ކުރިން ކަންކަން ޕްލޭން ކުރަންޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް