ރައީސް މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާއަށް ވަޑައިގެންފި
13 އޮކްޓޯބަރު 2018 | ހޮނިހިރު 07:27މި ދަތުރުފުޅުގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާނެ


ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ޚާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާއަށް ވަޑައިގެންފިއެވެ.
ދުންޔާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ދިއްލީއަށް ކުރައްވާ މިދަތުރުފުޅަކީ އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިދަތުރުފުޅުގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ.
ދުންޔާގެ މިދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މީގެ ކުރިން ވެސް ރައީސް މައުމޫނުގެ ފަރަތްޕުޅުން ސްރީލަންކާއަށް ވަޑައިގަންނަވާ އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އެހެންކަމުން އިންޑީއާގެ މިދަތުރުފުޅުގައި އިންޑިއާގެ ވެސް އިސް ބޭފުޅުންނާއި، ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.









