ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 22:10
ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުން ހަނި ކުރުމަށް ވޯޓު ދިން މެމްބަރުން-- ފޮޓޯ
ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުން ހަނި ކުރުމަށް ވޯޓު ދިން މެމްބަރުން-- ފޮޓޯ
މުހައްމަދު ޝަރުހާން
ހިޔާލުފާޅު ކުރުން
ކެހި ކަނޑުލުގެ ހިތި ފިލުވާން ޖެހޭނީ ހަމަ އެ މީހުންނެވެ.
 
އެއްވެ އުޅުން ހަނިކުރީ 37 މެމްބަރުންގެ އަގުލަބިއްޔަތުން
 
އަބުރުގެ ގާނޫނު ފާސްކުރި ޕާޓީން މިއަދު ދަނީ ވަގަށް ގޮވަމުން
 
މުޒާހަރާ ކުރަން ނުކުތީ، އެއްވެ އުޅުން ހަނިކުރި މީހުން

"އަބަދުވެސް މި ދައްކަނީ ތަންތަނަށް އެއްނުވެވޭ ވާހަކަ. ބަލަ ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީއެއް ނޫންތޯ،" ރިޔާސީ ކެމްޕޭން ނިންމާލުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެ ހަޖޫ ޖެއްސެވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށެވެ. ހުރަސް އެޅުއްވީ ދުސްތޫރުން މުތުލަގަށް ޔަގީންކަން ދީފައިވާ މިނިވަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ސަރުކާރަށް ގަބޫލު ކުރެވޭ ކަމަކަށްނުވެއެވެ.

ތަންތަނަށް އެއްވަންޏާ ހައްޖަށް ދާށޭ ވިދާޅުވެ، މުޒާހަރާ ކުރާ އާންމު ރައްޔިތުންނަށް އަމާޒުކޮށް ފާޑުވިދާޅުވިތާ، 13 ވަނައަށްވީ ދުވަހު އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ މުޒާހަރާއަކަށެވެ. ސަޕޯޓަރުން އެއްކޮށްލައިގެން އަޑު އުފުއްލެވީ ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ދެކޮޅަށެވެ. ތިރީސް އަށްހާސް ވޯޓުގެ ފަރަގުން ލިބުނު ނާކާމިޔާބީއާ ގުޅިގެން، މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ރައީސް ޔާމީން ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންގެ ހައްގެއް، ހިތުގެ ޝުއޫރުތައް ފާޅުކުރުމަކީ. މިކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ލިބެންދެން އަޅުގަނޑުމެން މިކުރާ އިހުތިޖާޖުގެ މަސައްކަތަށް ހަމަ ބާރަށް ކުރިއަށް ދާންޖެހޭނީ. އިރާދަ ކުރެއްވިއްޔާ މާދަން ރޭވެސް ކުރިއަށް ގެންދާނަން. ހަމަ ރަށްރަށުގައި ވެސް މިކަން ކުރައްވަންވީ،" ޔާމީން ވިދާޅުވިއެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ އެއްވެ އުޅުމުގެ ހައްގަށް މަލާމާތް ކުރިތާ ދެ ހަފްތާ ނުވަނީސް އެ ހައްގުގެ މިނިވަންކަން ރައީސް ޔާމީން މުހިއްމު ވެއްޖެއެވެ. ހިޔާލުފާޅުކުރުމާއި ބަސް ބުނުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެމަނިކުފާނަށް ވިސްނިވަޑައިގެންފިއެވެ. ނަމަވެސް އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ޔާމީން ޕްރޮމޯޓް ކުރައްވަމުން ގެންދެވީ ޑިމޮކްރަސީއާއި ބީރައްޓެހި ވާހަކަތަކެވެ.

"ކޮންމެ ދުވަހު ގޭ ދޮށަށް އެއްވާނެ. ހަޅޭ ފަޅޭ ލަވާނެ. ކޮންމެ ދެތިން ރޭ ގާ ވެސް އުކާނެ. މިއަދު ހަމަގައިމުވެސް އަގުލަބިއްޔަތަށް ބަލާކަމުގައި ވަންޏާ، ތާއިދަށް ބަލާކަމުގައި ވަންޏާ އަޅުގަނޑުމެންގެ ތާއިދު ބޮޑު... ކީއްވެގެންތޯ ކެތްކޮށްލަން ނުކުރިގެން މިއުޅެނީ ރައްޔިތުންގެ ވޯޓަކާ ހަމައަށް،" ރިޔާސީ ކެމްޕޭނަށް ދިއްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ސުލްހަވެރި އެއްވުންތަކާއި އަޑު އުފުލުންތަކަށް ހުރަސް އެޅުމަށް މަޖިލީހުން ގާނޫނު ހެދީވެސް ޕީޕީއެމުންނެވެ. މާލޭގައި މުޒާހަރާ ކުރުން މަނާކޮށް، ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް ހެދީވެސް އެ ޕާޓީންނެވެ. އެއްވުންތައް ހުއްޓުވުމަށް އިސްލާހު ހުށަހެޅުމަށްފަހު ޕީޕީއެމްގެ މެމްބަރުން މަޖިލީހުގައި ދެއްކި ވާހަކަތައް މިއަދު އަމާޒު ވަނީ އެ ބޭފުޅުންނާއެވެ. އެ ބިލް ފާސްކުރަން ވޯޓުދިން 37 މެމްބަރުންނަށެވެ.

"ކުއްލި ކުއްލިއަށް ދިމަ ދިމާލަށް އެއްވުމުން، އެ މީހުންގެ ބޭނުންތައް ވަރަށް ބޮޑެތި އުނދަގޫތަކެއް ތަހަމްމަލް ކުރަމުންދާހިނދު، މާލޭގެ ބައެއް ހިސާބުގަނޑުގައި ކޮންމެ ރެއަކު، އެއްވެސް އުސޫލެއް، ގޮތެއް ފޮތެއް ނެތި، ބާރަށް އަޑުގަދަ އެބަހުރޭ،" އެއްވެ އުޅުން ހަނިކުރުމަށް 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް އިސްލާހު ހުށަހަޅުއްވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެފައިވެއެވެ.

"މުޒާހަރާތަކާ ގުޅިގެން އެ މީހުންގެ ވިޔަފާރިތައް ހުއްޓި، އާމްދަނީ ލިބެން ހުރި ވަސީލަތްތައް ނެތި، އެތައް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި. މިހާރު މި އޮތްގޮތުން މުޒާހަރާ ކުރަންޖެހޭނި ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި،" އެ ދުވަހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވެއެވެ.

ހަމަ ހަގީގަތުގައި ވެސް ފޭހުނު އިލޮށި އަމިއްލަ ލޮލަށް އެ ވަނީ ހެރިފައެވެ. ޑިމްކޮރަސީގެ މުހިއްމު އަސާސެއް ނިގުޅައިގަތުމަށް ހިންގި އެ އަމަލުގެ ރަހަ މިއަދު ތަހައްމަލް ކުރަންޖެހެނީ ހަމަ އެ ބޭފުޅުންނެވެ. އަބުރުގެ ގާނޫނޭ ބުނެ، 47 މެމްބަރުންގެ ވޯޓުން، ހިޔާލުފާޅުކުރުން ނިގުޅައިގަތް ޕީޕީއެމްގެ މެމްބަރުން މިއަދު އެ ދަނީ އިލެކްޝަންސް ކޮމިޝަނަށް ވަގަށް ގޮވަމުންނެވެ. އެއްވުންތަކަށް ނުކުތް މީހުން ހިފައި ހައްޔަރުކޮށް، އާއިލާއާ އެކަހެރިކޮށްގެން އުފުލި ދައުވާތަކުގެ ހިތި ފިލުވަން މަޖުބޫރުވާނީ ޕީޕީއެމަށެވެ.

އެފަދަ ގާނޫނުތަކެއް މަޖިލީހުން އޭރު ފާސް ކުރި ދަނޑިވަޅުގައި ވެސް ހިންނަވަރު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އިލްތިމާސް ކުރެއްވީ ގާނޫނުއަސާސީގެ މަގުސަދާއި މަފްހޫމާއި ހިލާފު ގާނޫނުތައް ފާސްނުކުރުމަށެވެ.

"މިއަދު މިކުރެވޭ ކަމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ބާރު ސަރުކާރަށް ނެގުމުގެ މަސައްކަތް މި ކުރެވެނީ. ރައްޔިތުން އަޑުފުލައި، ރައްޔިތުން ހިޔާލުފާޅުކޮށް، ރައްޔިތުން ބަސް ބުނުމަށް އޮތް ހުރިހާ މާއްދާތަކެއް، މިއަދު މި ދަނީ ބަދަލު ކުރަމުން. މިއަކީ އަޅުގަނޑަކަށް ތާއިދު ކުރެވޭނެ ކަމެއް ނޫން،" މާލޭގައި އެއްވުން މަނާކުރުމަށް ހުށަހެޅި ބިލާ ދެކޮޅަށް އިބޫ ވިދާޅުވިއެވެ.

މަޖިލީހުގެ ޔައުމިއްޔާތައް ބަލާލުމުން، ހައްގަށް ވަކާލާތު ކުރި މީހުން އެނގޭނެއެވެ. ރައްޔިތުންގެ ހައްގުގައި ބަސް ބުނި ރައްޔިތު މީހާ ވެސް އެނގޭނެއެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ މަންފާއަށް އާޑަފުރައްސާރަ ކުރި މީހުން މިއަދު މި ދަނީ އެނގި ހާމަވަމުންނެވެ.

ބަސް ބުނުމަށްފަހު ބަހުގެ އަޅަކަށް ތިމާ ވާނެއޭ ބުނަނީ އެހެންވެގެންނެވެ. އެ މީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ ވެސް ހަމަ އެ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
7%
7%
0%
0%
0%
86%
ކޮމެންޓް
9 އޮކްޓޯބަރ 2018 | އަންގާރަ 05:10
އަހުމަދު
ވެރިކަމުގާތިބިއިރުކިޔަމުންދިޔައީމުޒާހިރާނުކުރެވޭނޭ މިހާރުކުރިޔަސްއޯކޭ ތަރުޖަމާމިހާރުތިހުންނެވީކޮންގާނޫނެއްގެމަތީ