ރައީސް ޔާމީނަށް އަމާން ދިނުން ނޫން އެއްވެސް ގޮތެއް ނެތް: ރިޔާޒު
6 އޮކްޓޯބަރު 2018 | ހޮނިހިރު 14:07ނޮވެންބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އާއި ނައިބް ރައީސް ހުވާ ކުރައްވާނެ


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާން ދިނުން އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ހުންނެވީ، އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ޕީޕީއެމުން ބުނުމާއި ގުޅިގެންނެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާންދިނުން ނޫން އެއްވެސް ގޮތެއް ރައީސް ޔާމީނަށް ނެތް ކަމަށާއި، އެއީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ޣާފިލްކަންމަތީ ތިބެ ދައްކާ ވާހަކައެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ކޮންމެ ވާހަކައެއް ދެކެވުނު ކަމުގައި ވިޔަސް މާތްﷲގެ އިރާދަފުޅާއެކު ނޮވެންބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި، ނައިބް ރައީސް ފައިސަލް ނަސީމު ހުވާ ކުރައްވާނެ ކަމަށެވެ.
ޕީޕީއެމުން ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލާފައިވާ ކަމަށް ދެކެވޭ ވަހަކަތަކުގެ ހަގީގަތް ހޯދާނެ ކަމަށާއި، ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވީ، އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށެވެ.









