ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:45
ބުޑިސްޓުންނާއި މުސްލިމުންދާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް ލަންކާ ސިފައިން މަގުތަކުގައި
ބުޑިސްޓުންނާއި މުސްލިމުންދާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް ލަންކާ ސިފައިން މަގުތަކުގައި
ރޮއިޓަރސް
ސްރީލަންކާގައި ކުއްލި ނުރައްކާ
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
 
ކޮލަންބޯ އާޢި އެހެން ސިޓީތަކަށް ނުރައްކަލެއް ނެތް: ކެންޑީ
 
ހަމަނުޖެހުންތައް ފެނިގެން އެމްބަސީއަށް ރިޕޯޓުކޮށްފައިވޭ: މުންދު
 
ބަޑީގެ އަޑާއި ހުޅުޖެހި މަންޒަރު ބައެއް ދިވެހިންނަށް ފެނުނު

ދީނީ ހަމަނުޖެހުންތައް ބޮޑުވެފައިވާ ސްރީލަންކާގެ ކެންޑީގައި ދިރިއުޅޭ ދިވެހިންގެ އަދަދު މަދެއް ނޫނެވެ. އެކި ބޭނުންތަކަށް އެ ސިޓީގައި ދިރިއޫޅޭ ދިވެހިންގެ އަދަދަކީ 140 ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ. ހައްދު ފަހަނައަޅާފައިވާ ބުޑިސްޓުން ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކާ ހުރެ އެ ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ގޮތް ހުސްވެފައެވެ. ނުރައްކަލަށް ހުށަހެޅިފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ކެންޑީގައި ދިރިއުޅޭ ބައެއް ދިވެހިންނާ ރާއްޖެއެމްވީން ވަނީ ވާހަކަ ދައްކާފައެވެ. އެތަނުގައި ކަން ހިނގަމުންދާ ގޮތާއި ފެންނަ މަންޒަރާއި އިވޭ އަޑުތައް ވަނީ ރާއްޖެއެމްވީއާ ހިއްސާ ކޮށްފައެވެ. އެ ބިރުވެރިކަމާ ހުރެ، ކެންޑީގައި ދިރިއުޅޭ ބައެއް ދިވެހިން ގެއިން ނުނުކުންނަތާ ހަތަރު ދުވަސްވެއްޖެ ކަމަށް ބައެއް ދިވެހިން ވަނީ ބުނެފައެވެ.

ކެންޑީގައި ދިރިއުޅޭ ދިވެހިންގެ ހާލަތާ ގުޅޭ ގޮތުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ "ރާއްޖެޓީވީ"އާ ވާހަކަ ދައްކާފައެވެ.

ކޮލަންބޯގައި ހުންނަވައި ރާއްޖެއެމްވީއާ ފޯނުން ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ކެންޑީގެ ހަމަނުޖެހުންތައް ފެނިގެން، ބައެއް ދިވެހިން އެމްބަސީއަށް ރިޕޯޓު ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ކެންޑީގައި 140 ވަރަކަށް ދިވެހިން ދިރިއުޅޭ ކަމަށާއި އެ ދިވެހިންނާ ވާހަކަ ދައްކައި، އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އެމްބަސީން ދެމުންދާ ކަމަށް މުންދު ވިދާޅުވިއެވެ. ކެންޑީގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުކުތުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި އެ ސިޓީގައި ހަމަނުޖެހުންތައް ކުރިއަށް ދާތީ، އަސްކަރިންޔާއިން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެންޑީގައި ހަމަނުޖެހުންތަކުގައި ބަޑީގެ އަޑާއި ތަންތަން ހުޅުޖަހާފައިވާ މަންޒަރާއި މިސްކިތްތައް ރޯކޮށްފައިވާތަން ފެނިގެން ބައެއް ދިވެހިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"ދެން ބައެއް ބޭފުޅުން ބިރުފުޅު ގަންނާނެ. ތިމަންނާމެންނަށް އަޑުއިވުނޭ ބަޑީގެ އަޑު. އަނެއް ބަޔަކު އެބަ ބުނޭ ތިމަންނާމެންނަށް އެބަ ފެނެއޭ ކޮންމެ ވެސް ތަނެއް ރޯވެފައި ހުއްޓާ. ދެން އެއްބޭފުޅަކު ވިދާޅުވި ތިމަންނަ ގެއާ ވަރަށް ކައިރީގައި މިސްކިތެއް ހުންނާނެއޭ. އެތަނުގައި ރޯވެފައި ހުއްޓާ ދެކުނީމޭ،" އެމްބަސީއަށް ރިޕޯޓު ކުރި ދިވެހިންގެ ވާހަކަތައް ހިއްސާ ކުރަމުން މުންދު ވިދާޅުވިއެވެ.

ލަންކާ ހަމަނުޖެހުން ކޮންޓްރޯލު ކުރަން ސިފައިން ނުކުމެ-- ފޮޓޯ/ އޭޕީ

ކެންޑީގައި ދިރިއުޅޭ ދިވެއްސަކު ރާއްޖެއެމްވީއަށް ބުނީ އޭނާ ދިރިއުޅޭ ގެއާ ކައިރީގައި ހުރި މިސްކިތަކަށް ބުޑިސްޓުންތަކެއް ހަމަލާދޭން އުޅުމުން، ލަންކާގެ އަސްކަރިއްޔާއިން އެ މިސްކިތް ގާޑުކޮށްފައިވާ ކަމަށާއި ހަމަލާތައް ކޮންޓްރޯލުކުރަން ބަޑި ވެސް ޖަހާ ކަމަށް އޭނާ ބުންޏެވެ.

"މީހެއްގެ ފަރާތުން އެނގުނީ އިއްޔެ ބަޑިޖަހާ އަޑުއިވުނީ މިކޮޅަށް ހަމަލަދޭން [ބުޑިސްޓުންތަކެއް] އުޅުމުން. މިތާ ކައިރީގައި މިސްކިތެއް އިނދޭ. އާމީ ވަނީ އެތަން ގާޑުކޮށްފައި. އެތަނަށް ހަމަލާ ދޭން އުޅުނީމަ އެ ބަޑިޖެހީ. އެއީ ހަމައެކަނި ލިބުނު ޚަބަރަކީ،" ކެންޑީގައި ދިރިއުޅޭ ދިވެހި އަންހެނަކު ރާއްޖެއެމްވީއަށް ބުންޏެވެ.

މިހާތަނަށް ލަންކާ ހުންނަ ދިވެހި އެމްބަސީއަށް ލިބިފައިވާ މައުލޫމާތުތަކުން އެ ހަމަނުޖެހުންތަކުގައި ބުޑިސްޓު މީހަކާއި ލަންކާ މުސްލިމަކު މަރުވެފައިވާކަން އެނގިފައިވާ ކަމަށާއި އިތުރު ބަޔަކު މަރުވެފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މުންދު ވިދާޅުވިއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކުގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައެވެ.

މުސްލިމުންގެ ގެތަކާއި ފިހާރަތަކުގައި ވަނީ ހުޅުޖަހާފައި-- ފޮޓޯ/ އޭޕީ

މުންދު ވިދާޅުވީ ރައްކާތެރި ސަރަހައްދަކަށް ކެންޑީގައި ތިބި ދިވެހިން ގެންދިއުމަށް އަދި މަސައްކަތް ނުކުރާ ކަމަށެވެ. އިތުރު ހަމަނުޖެހުމެއް ކުރިއަށް ނުދާނެ ގޮތަށް ލަންކާ އަސްކަރިއްޔާއިން ފިޔަވަޅު އަޅާފައިވުމުން ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންޑީގައި ތިބި ދިވެހިން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބުނީ ދިވެހިންގެ ހާލު ބެލުމަށް އެމްބަސީން ގުޅާފައި ވަނީ ހަމަނުޖެހުންތައް ހިނގަމުންދާތާ ދުވަސްތަކެއްފަހުން ބުދަ ދުވަހު ކަމަށެވެ. ދިވެހިގެ ހާލަތު ބެލުމަށް އެމްބަސީގެ އޮފިޝަލުން ކެންޑީއަށް ދާނެ ކަމަށް ބުނި ކަމަށާއި ނަމަވެސް ލަންކާ ސަރުކާރުން ހުއްދަ ނުދޭތީ، އެކަން ނުކުރެވިވާ ކަމަށް އެމްބަސީން ގުޅާފައި ބުނެފައިވާ ކަމަށް އެ މީހުން ބުންޏެވެ.

މުންދު ވިދާޅުވީ އެމްބަސީގެ ޑޭޓާ ބޭސްގައި ހުރި ކެންޑީގައި ދިރިއުޅޭ ދިވެހިންނަށް ގުޅާފައިވާ ކަމަށާއި ނަމަވެސް ބައެއް ދިވެހިންނަށް ގުޅުމުގައި ދައްޗާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ނަމްބަރު ބަދަލުވެފައި ހުރުމުން، އެ ދިވެހިންނަށް ގުޅޭ ގޮތް ނުވެފައިވާ ކަމަށާއި އެފަދަ ބޭފުޅުން ވެސް ދިވެހި އެމްބަސީއަށް ރިޕޯޓު ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އެމްބަސީގެ ހޮޓްލައިން ނަމްބަރު 0768816666 ނަމްބަރަށް ގުޅައި އެ މީހެއްގެ ވަނަވަރާއި ހުރި ސަރަހައްދު ރިޕޯޓު ކުރުމަށް އޭނާ ވަނީ އެދިފައެވެ.

"ކެންޑީ މުނިސިޕަލް އޭރިއާ، އެ ސަރަހައްދުގައި އެއްވެސް ދިވެއްސަކު ހުންނެވިއްޔާ ގޭގެ ތެރޭގައި ތިއްބަވާށޭ. އެއްވެސް ބޭފުޅަކު ބޭރަށް ނުކުމެވަޑައި ނުގަންނަވާށޭ. ޕަބްލިކް ޕްލޭސް ކަމުގައިވާ ޕާކުތަކާއި މަގުތަކަށް ނުނުކުންނާށޭ. އަޅުގަނޑުމެންގެ ޑޭޓާ ބޭސްގެ ހުރިހާ އެންމެންނަށް ގުޅިއްޖެ،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު ލަންކާގައި އިއުލާންކޮށްފައި ވިޔަސް، ކޮލަންބޯ އާއި ކޮލަންބޯ ކައިރި ސަރަހައްދެއްގައި ހަމަނުޖެހުމެއް ނެތް ކަމަށެވެ. އަސްކަރިއްޔާއިން ކޮލަންބޯ އާއި ކޮލަންބޯ ކައިރި ސިޓީތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި ފުލުހުންގެ ބަދަލުގައި އާންމުންނާ މުއާމަލާތް ކުރާނީ ސިފައިން ކަމަށް އޭނާ ވިދާޅުވިއެވެ. ކޮލަންބޯ ހިސާބުގައި ބޭރަށް ނުކުމެ އުޅޭ ކަމުގައިވާނަމަ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ އައިޑީ ހިފައިގެން ބޭރަށް ނުކުތުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

މުންދު ވިދާޅުވީ މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް އެހެން ސަރަހައްދުތަކަށް ފެތުރިޔަ ނުދިނުމަށް ލަންކާ ސަރުކާރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މުސްލިމުންނާއި ބުޑިސްޓުން ލޭ ކެކި، އިތުރު ހަމަނުޖެހުމަކަށް ހިނގައިދާނެފަދަ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.

"ވިސްނައިވަޑައިގަންނަވަންވީ ވަރަށް ވާހަކަ އެބަ އޮތް. ސޯޝަލް މީޑިއާ ބްލޮކް ކުރުމާއި އިންޓަނެޓް ބޭންޑްވިތު ދަށް ކުރުމާއި މި ހުރިހާ ކަމެއްގެ އަސާސަކީ ދޮގު ވާހަކަތަކެއް ބަޔަކު ފަތުރަމުން މި ދަނީ. ނުވާ އެތައް ބައިވަރު ކަންތައްތަކެއް ވީ ކަމަށް ދައްކަން އުޅެނީ. ލޭ ކަންކުވާލާފަދަ ވާހަކަތެއް މި ފަތުރަނީ،" މުންދު ވިދާޅުވިއެވެ.

ހަމަނުޖެހުންތަކާ ގުޅިގެން، އެހެން ސަރަހައްދުތަކަށް ހަމަނުޖެހުން ފެތުރުމަށްޓަކާ، ދައްކަމުންދިޔަ ވާހަކަތައް ހުއްޓުވުމަށްޓަކާ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ލަންކާގައި ވަނީ ސޯޝަލް މީޑިއާ ބްލޮކްކޮށްފައެވެ. ފޭސްބުކާއި ވައިބާ އަދި ވަޓްސްއަޕް ފަދަ ވަސީލަތްތައް ބަންދު ކުރީ ލަންކާ ސަރުކާރުން އެދިގެން އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީ)އިންނެވެ. މަގުތަކުގެ އަމަން ބެލެހެއްޓުމަށް ފުލުހުން ނެރުމުގެ ބަދަލުގައި ހަތިޔާރާއެކު ކެންޑީގައި ހަރަކާތްތެރިވަމުންދަނީ އެ ގައުމުގެ އަސްކަރިއްޔާއިންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި ބުޑިސްޓު ހާމުދުރުންނާއި ހަމަނުޖެހުންތަކަށް ގޮވާލި މީހުން ވަނީ ހައްޔަރު ކުރަމުންނެވެ. ލަންކާގައި މުސްލިމުންގެ ވިޔަވާރިތައް ފުޅާވެ، މުސްލިމުން ބައިބޯ ވަމުންދާތީ ބުޑިސްޓުންގެ ނަފުރަތު މުސްލިމުންނަށް އަމާޒުވެ، ހަމަނުޖެހުންތައް މީގެ ކުރިން ވެސް ލަންކާގައި ހިނގާފައެވެ. އެކާވީސް މިލިއަނަށް ވުރެ ބޮޑު އާބާދީގެ ހަތްދިޔަ ޕަސެންޓަކީ ބުޑިސްޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
13%
0%
63%
13%
13%
0%
ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 09:36
ދިވެއްސެއް.
އެމްބަސީ އިން އެކަށިގެންވާ ގޮތަށް މަސައްކަތް ކުރެއޭ ބުނެވޭކަށްނެތް.. އެކަށިގެންވާ ގޮތަކަށް މަސައކަތް ކުރާނަމަ ކެންޑީ ގެ ހަމަނުޖެހުން ހިގަމުންދާ 140 ދިވެހިންނެރެ ސަލާމަތާ ރައްކާތެރި ސަރހައްދަށް ބަދަލުކުރުމަށް މަސައކަތް މިހާރުން މިހާރަށްވެސް ކުރީސް.