ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި މުންދު!؟
12 ޖެނުއަރީ 2018 | ހުކުރު 10:51ރައީސް ނަޝީދުގެ ވެރިކަން ދެމި ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވީ މުންދު
ރާދަކްރިޝްނަން އާއި މުންދު ހުކުރު ދުވަހު ކޮޅުނބުގައި ބައްދަލު ކުރައްވަނީ
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި، ރައީސް ޔާމީން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޮޑު ދައުރެއް އަދާ ކުރެއްވި ކަމުގެ ތުހުމަތު ކުރެވޭ ވާހަކަ އެއް ހާމަ ވެއްޖެއެވެ.
އިންޑިއާގެ މަޝްހޫރު ނޫސްވެރި އެއް ކަމަށްވާ ޕީ.ކޭ ރާދަކްރިޝްނަން ހުކުރު ދުވަހު މުންދު އާ ބައްދަލު ކުރެއްވުމަށް ފަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން އެ ހަފްތާ ނިމެންދެން ދެމި ނޯންނާނެ ކަން އޭނާ އަށް ޔަގީން ކޮށްދެއްވި ފަރާތަކީ މުންދު ކަމަށެވެ.
ގާނޫނީ ގޮތުން އިންތިޚާބު ކުރެވުނު ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ރާދަ ކްރިޝްނަން ބުނާ ދުވަހުގެ އެންމެ 5 ދުވަސް ފަހުން ކަމަށް ވުމާއެކު އޭނާގެ މިވާހަކަ ތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ބަޔަކު އޭރު ރާވަމުން ދިޔަކަން އިތުރަށް ހާމަ ވެއެވެ. އަދި މުންދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ރާދަކްރިޝްނަން އާ ބައްދަލު ކުރި ކަމާއި، ރައީސް ނަޝީދުގެ ވެރިކަން ވެއްޓޭނެ ކަމުގެ ހެކި އޭރު މުންދު އަށް ލިބިފައިވާ ކަން ރާދަކްރިޝްނަންގެ ޓްވީޓުން ސާފުކޮށް ފެންނަން އޮތްކަން ވެސް ފާހަގަ ކުރެވެއެވެ.
ގާނޫނީ ސަރުކާރާ ދެކޮޅު އަމަލެއް ހިންގާ ކަމަށް ބުނެ އެތައް ބަޔެއްގެ މައްޗަށް ތުހުމަތު ކޮށް ޝަރީއަތް ހިންގަމުންދާ ރައީސް ޔާމީން ސަރުކާރުގައި އިސް މަގާމު ތަކެއް އަދާ ކުރައްވާފައިވާ މުންދު އަކީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް މާލޭގައި ބޭއްވުނު އެކި އެކި އެއްވުންތަކާއި މުޒާހަރާ ތަކުން ވެސް ފެނިފައިވާ ފަރާތެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމަށް މީހުންގެ ހިތުގައި ރުޅިވެރިކަން އުފެއްދުމަށް ޓީވީ ތަކުގައި ވަރަށް ގިނައިން ވާހަކަ ދައްކަވާ އުޅުއްވި ފަރާތެއް ކަން ވެސް ފާހަގަ ކުރެވެއެވެ.
"މިހާރު އަހަންނަށް ހާމަ ކުރެވިދާނެ، ރައީސް ނަޝީދުގެ ވެރިކަން ހަފްތާ ނިމެންދެން ދެމި ނޯންނާނެ ކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އަހަނަށް ވިސްނައިދީ ގަބޫލު ކޮށްދިން ފަރާތަކީ މުންދު" މުންދު އާ ބައްދަކު ކުރެއްވުމަށް ފަހު ރާދަކްރިޝްނަން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
ރާދަކްރިޝްނަން އާ ބައްދަލު ކުރެއްވުމަށް ފަހު މުންދު ވެސް ވަނީ ސްރީލަންކާ ގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ދެ ފަރާތުން ބައްދަލު ކުރި ފޮޓޯ އާ އެކު ބައްދަލުވުމާ މެދު އުފާ ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
އިންޑިއާގެ ނޫސްވެރިޔާ އާރު.ކޭ ރާދަ ކްރިޝްނަން ކުރު ދަތުރެއްގައި މި ވަގުތު ހުރީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޔަކު އަޑީގައި ތިބެ ގެނައި ބަޣާވާތަކުން ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް އަދި އެ ހާދިސާ ހިނގި އިރު ލައިވް ޓީވީ ތަކުން ފުލުހުންނާއި ސިފައިންގެ ބަޔަކު ރައީސުލް ޖުމްހޫރިއްޔާގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނާ ގަވައިދާ ޚިލާފް އެތައް އަމަލު ތަކެއް ކުރިކަން ފެނިފައިވީ ނަމަވެސް އެކަމާ ގުޅިގެން ބައެއްގެ މައްޗަށް ޝަރީއަތް ހިންގާ ގާނޫނޫގައިވާ އަދަބު ދީފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.







