މިނިސްޓަރު މުއްތަލިބުގެ ކިބައިގައި ވަޒީރުކަމުގެ އަހުލާގާއި ނަފްސާނީ ގާބިލުކަން ނެތް، ރަސްމާލެ މަޝްރޫއުގައި އަމަލުކުރެއްވީ ގާނޫނާ ހިލާފަށް: ޒަރިޔަންދު
29 ނޮވެމްބަރު 2026 | އާދީއްތަ 16:21ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓަރު މުއްތަލިބު ގާނޫނުއަސާސީއާއި މާލިއްޔަތު ގަވާއިދާ ހިލާފުވެފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ޒަރިޔަންދު ވިދާޅުވި. މިނިސްޓަރުގެ ބަސްމަގު ހުރި ގޮތުން އެބޭފުޅާގެ ކިބައިގައި ވަޒީރުކަން ކުރުމުގެ ގާބިލުކަން ހުރި ކަމާމެދު ޒަރިޔަންދު ވަނީ ސުވާލު އުފައްދަވާފައި. އެ މަޝްރޫއުގެ މައުލޫމާތު ހާމަނުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި


ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމުގައި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ކިބައިގައި ދައުލަތުގެ ވަޒީރުކަން ކުރުމުގެ އަހުލާގާއި ނަފްސާނީ ދުޅަހެޔޮކަމުގެ ގާބިލުކަން ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ރަސްމާލެ މަޝްރޫއުގައި އޭނާ އަމަލުކުރައްވާފައި ވަނީ ގާނޫނުއަސާސީއާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ކަންކަމުގައި މިނިސްޓަރު މުއްތަލިބު އެއްފަހަރު ދައްކަވާ ވާހަކައާއި އަނެއްފަހަރު ދައްކަވާ ވާހަކަ ދިމާނުވާ ކަމަށެވެ. އަދި ހުޅުމާލެއަށް ނިދަން އަރާ ވާހަކަ ފަދަ ގޮތްގޮތަށް ވާހަކަދެއްކެވުމުން ދޭހަވަނީ، ވިދާޅުވާން ބޭނުންވާ އެއްޗެއް ދޭހަކޮށްދެއްވުމުގެ ވިސްނުން ވެސް އޭނާގެ ކިބައިގައި ނެތުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ދައުލަތެއްގެ ވަޒީރުކަން ކުރުމުގެ އަހުލާގާއި އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ގާބިލުކަން އެހާ ރަނގަޅަށް ހުރި ހެންނެއް [ހިއެއްނުވޭ]. އެހެން މި ދަންނަވަނީ މި ކަމުގައި މިހާރު ޑރ. މުއްތަލިބު އެ ގެންގުޅުއްވާ ވިސްނުމަކީ އެއްފަހަރު ދައްކާ ވާހަކަ އަނެއްފަހަރު ދިމައެއް ނުވޭ. އެހެންވީމާ ޑރ. މުއްތަލިބުގެ މައިގަނޑު މައްސަލައެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މި ދަންނަވާ ނަފްސާނީ މައްސަލަތައް ހުރިކަމަށް ގަބޫލުކުރެވޭއިރުގައި އަސްލު ވަޒީރުކަން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް މިހާރު އޮތް ކަމަކަށް ނުދެކެންއިސްމާއީލް ޒަރިޔަންދު
ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުންނަށް މަލާމާތަކަށްވާ ގޮތަށް މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ފެންނަ ވަރުގަދަ ދެކޮޅުވެރިކަމުގެ ސަބަބުން މާޔޫސްވެވަޑައިގެންފައިވާތީ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުގެ އިޖުރާއަތްތަކަށް އަލިއަޅުއްވާލައްވައި ޒަރިޔަންދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އެ މަޝްރޫއު ހަވާލުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.22 ގެ ދަށުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް، އަބޫދާބީގައި ސޮއިކުރެއްވި ދުވަހު އެ މާއްދާގެ ދަށުންނޭ އެކަން ކުރެއްވީ ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރު މުއްތަލިބު އާއި ބަންޑާރަނައިބު އަހުމަދު އުޝާމު ބަދަލުކުރެއްވި އެ ގަވާއިދުގައި ބަޔާންކުރާ ގޮތުން، ވަކި ޕްރޮޖެކްޓަކަށް ބަޔަކު ޕްރޮޕޯސަލް ހުށަހެޅުމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ބިޒްނަސް ޕްލޭނެއް ހައްދަވައި ކެބިނެޓަށް ހުށަހަޅުއްވަންޖެހޭއިރު، އެ މައުލޫމާތު މިނިސްޓްރީގައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަދަދު ނޫހުން މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން، އާރްޓީއައިގައި އެދުމުން އެ މައުލޫމާތު ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާތީ، އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް ނޫންކަން ސާފުވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ދައުލަތުގެ ބިން ކުއްޔަށް ދިނުމުގައި ގާނޫނެއް އޮންނަންޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ، ކުރިން ބިން ކުއްޔަށް ދިނުމަށްފަހު ފަހުން އެކި ގަވާއިދުތަކުގެ ވާހަކަ ދެއްކެވި ނަމަވެސް އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
މުއްތަލިބުގެ ބަސްމަގު އެހެން ހުރިކަމަކު މުއްތަލިބުގެ މައިގަނޑު މައްސަލައަކީ ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށޭ އެހެރީ އަމަލުކުރައްވާފައި. އަދި އެއާއެކީގައި މި ބާވަތުގެ ކަމެއް ދައުލަތުން ބިލިއަނެއްހާ ރުފިޔާ ހަރަދުކުރި ތަނެއްގެ މައްސަލައިގައި މިހާ މާޔޫސްކަން އެއަށް ދޭހަވަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ އާންމުކޮށް ކުރިއަށް ރިޝްވަތު ނަގައިގެން ކަންކަން ކުރާ ފަރާތްތަކުން އެ ކަންކަން ނުހިނގީމާ ހުންނަ މާޔޫސްކަމެއް އެ މުއްތަލިބުގެ ފަރާތުން އެ ފެންނަނީއިސްމާއީލް ޒަރިޔަންދު
މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ ދައުލަތުން ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާމެދު ސުވާލު އުފައްދާނެ ޖާގަ ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.











