ހައިޕަރސޮނިކް މިސައިލް ހަރުކުރި އައު ނިއުކްލިއަރ ސަބްމެރިންއާއެކު ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ ވަރުގަދަކުރަނީ
28 ނޮވެމްބަރު 2026 | ހޮނިހިރު 05:02ރަޝިއާގެ ކަނޑުގެ އަސްކަރީ ގާބިލު ކަން އިތުރުކުރުމަށް ފާއިތުވި އަށް އަހަރު ތެރޭގައި 18 ސަބްމެރިން ހިދުމަތަށް ނެރެފައިވާ ކަން ރައީސް ޕުޓިން ހާމަކުރައްވައިފި. މީގެ ތެރޭގައި ހައިޕަސޮނިކް މިސައިލް ހަރުކޮށްފައިވާ ޒަމާނީ ނިއުކްލިއަރ ސަބްމެރިންތައް ހިމެނޭއިރު، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ޓަކައި ކަނޑުގެ ލަޝްކަރު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި


ރަޝިއާގެ އައު ސަބްމެރިނެއް ހިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވްލަޑިމިއަރ ޕުޓިން ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ
ކަނޑުމަތީގެ އައު ނުރައްކާތަކާ ކުރިމަތިލުމަށް ޓަކައި، ރަޝިއާގެ ސަބްމެރިން ފްލީޓުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމާއި ޒަމާނީ ކަނޑުގެ ޔުނިޓްތައް ތަރައްގީކުރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.
ބަނދަރުމަތީ ރަށެއް ކަމަށްވާ ސެވެރޮދްވިންސްކްގައި ރަޝިއާގެ ނިއުކްލިއަރ ސަބްމެރިން ބާރުތައް ތަރައްގީކުރުމާ ގުޅޭގޮތުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވާހަކަފުޅު ދެއްކެވި އެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ، ގައުމުގެ އިސްތިގުލާލާއި ސަލާމަތްތެރިކަން ރައްކާތެރިކުރުމުގައި ކަނޑުގެ އަސްކަރިއްޔާއިން އަދާކުރާ ދައުރަށް އަލިއަޅުއްވާލައްވާފަ އެވެ. ކަނޑުމަތިން ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމަށް ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާގެ ހުރިހާ ބައިތަކެއް އަބަދު ވެސް ތައްޔާރީ ހާލަތުގައި އޮންނަންޖެހޭނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ކަނޑުގެ އަސްކަރިއްޔާގެ، ހާއްސަކޮށް ސަބްމެރިން ފްލީޓުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކޮށްފައިވާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ. މި ގޮތުން، ފާއިތުވި އަށް އަހަރުގެ ތެރޭގައި ރަޝިއާއިން 18 ސަބްމެރިން ހިދުމަތަށް ނެރެފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ. އޭގެ ތެރޭގައި ބެލިސްޓިކް މިސައިލް އުފުލާ ނިއުކްލިއަރ ހަކަތައިގެ ބާރުގައި ދުއްވާ ފަސް ސަބްމެރިން ހިމެނެ އެވެ. މީގެ އިތުރުން، އިތުރު ސަބްމެރިންތައް ބަނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، އެ އުޅަނދުތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރަމުންދާ ކަމަށް ރަޝިއާގެ ރައީސް ވިދާޅުވި އެވެ.
"ހަލުވިކަމާއެކު ބަދަލުވަމުންދާ އަސްކަރީ އަދި ސިޔާސީ މާހައުލެއްގައި، ހަވާލުކުރެވޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވޭ ފަދަ، ޒަމާނީ ހަތިޔާރުން ބާރުވެރިކޮށްފައިވާ، ހަމަހަމަ އަދި ހަލުވި ޔުނިޓްތައް އަޅުގަނޑުމެން ތަރައްގީކުރާނަން،" ޕުޓިން ވިދާޅުވި އެވެ. "އަދި، ސަބްމެރިން ފްލީޓުގެ އަސްކަރީ ގާބިލުކަން ނިޒާމީ ގޮތެއްގައި އިތުރުކުރުން މެދުނުކެނޑި ކުރިއަށް ގެންދާނަން."
ސަބްމެރިން ފްލީޓާއި މުޅި ކަނޑުގެ އަސްކަރިއްޔާ ވަރުގަދަކުރުމަކީ ރަޝިއާގެ އަސްކަރީ މަގުސަދުތައް ހާސިލުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމުގެ ޔަގީންކަން އޮތް ކަން ވެސް ޕުޓިން ފާހަގަކުރެއްވި އެވެ. ހަމަމިއާއެކު، ކަނޑުގެ އަސްކަރިއްޔާ ތަރައްގީކުރުމަށް އެކި ދާއިރާތަކާއި ވިޔަފާރިވެރިންގެ ގާބިލުކަން އެއްކޮށްލުމުގެ މުހިންމުކަމަށް އޭނާ ބާރުއެޅުއްވި އެވެ. މި މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގައި ރަޝިއާގެ މަގާމު އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.
ރަޝިއާގެ ހުޅަނގު އުތުރުގެ އާކަންގެލްސްކް ސަރަހައްދުގައި އޮންނަ ހުދު ކަނޑުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސެވެރޮދްވިންސްކަށް ޕުޓިން ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން، ހުކުރު ދުވަހުގެ ކުރީކޮޅު އޭނާ ވަނީ 'ޕެއަރްމް' ނަމަކަށް ކިޔާ ސަބްމެރިންގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. މިއީ، 'ޔަރްސެން-އެމް' މަރުކާގެ ހަތަރުވަނަ ޖީލުގެ ނިއުކްލިއަރ ސަބްމެރިންއެކެވެ. ކްރެމްލިންއިން ނެރުނު ބަޔާނެއްގައި ބުނީ، 'ޕެއަރްމް' އަކީ 'ޒިރްކޯން' މަރުކާގެ ހައިޕަސޮނިކް ކްރޫޒް މިސައިލް ހަރުކޮށްފައިވާ ފުރަތަމަ ސަބްމެރިން ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











