ޔަހޫދީންނާ ގުޅުން އޮންނަ ޔޫއޭއީގެ ފްލައިދުބާއީއިން ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް އަލުން ދަތުރުތައް ފަށަނީ
27 ނޮވެމްބަރު 2026 | ހުކުރު 09:59ފްލައިދުބާއީގެ ބޯޓެއް ވައްޓައިލަން ކޯ-ޕައިލެޓަކު މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ހާދިސާއާ ގުޅިގެން މެދުކަނޑައިލި ދަތުރުތައް އަންނަ މަހުގެ ތިނެއްގައި އަލުން ފަށަން ވަނީ ނިންމާފައި. ސެޕްޓެންބަރު މަހު ހިނގި މި ހާދިސާގައި ކޯ-ޕައިލެޓް ވަނީ ބޯޓުގެ ކެޕްޓަނަށް ހަމަލާދީ، 174 މީހުންނާއެކު ބޯޓު ވައްޓާލަން އުޅެފަައި ކަމަށް ތުހުމަތު ކުރެވޭ. ނަމަވެސް، ފަސިންޖަރުންގެ އެހީތެރިކަމާއެކު އޭނާ މައިތިރިކޮށް، ބޯޓު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ކުއްލި ގޮތަކަށް ޖައްސާފައި

![ކޮކްޕިޓު ތެރޭގައި ދެ ޕައިލެޓުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ދުބާއީން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަދިންދާބޯޓެއް ސަޢުދީ ޢަރަބިއްޔާގެ އެއާޕޯޓަކަށް ޑައިވާޓުކޮށް ޖައްސަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/3ac32b1f-8b4b-428b-94a4-24fce8f93167.webp)
ކޮކްޕިޓު ތެރޭގައި ދެ ޕައިލެޓުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ދުބާއީން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަދިންދާބޯޓެއް ސަޢުދީ ޢަރަބިއްޔާގެ އެއާޕޯޓަކަށް ޑައިވާޓުކޮށް ޖައްސަނީ [ފައިލް] | ރޮއިޓަރސް
ޔަހޫދީ ދައުލަތާ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދާ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އެއާލައިނެއް ކަމަށްވާ ފްލައިދުބާއީއިން އަންނަ ހަފުތާގައި އިސްރާއީލުގެ ތެލް އަވީވްއަށް ސީދާ ދަތުރުތައް އަލުން ފަށާނެ ކަން އިއުލާނުކޮށްފި އެވެ. އެ ކުންފުނިން ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައި އޮންނަތާ ހަފުތާތަކެއް ވެފައިވާއިރު، އެ ފިޔަވަޅު އެޅީ އެ ކުންފުނީގެ މަތިންދާބޯޓެއް ވައްޓައިލަން ކޯ-ޕައިލެޓަކު މަސައްކަތްކުރި ހާދިސާއަކާ ގުޅިގެންނެވެ.
"ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބުމާ ގުޅިގެން، ދުބާއީ އިންޓަރނޭޝަނަލްއާއި (ޑީއެކްސްބީ) ތެލް އަވީވްގައި ހުންނަ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއާޕޯޓާ (ޓީއެލްވީ) ދެމެދު ފްލައިދުބާއީގެ ސީދާ ދަތުރުތައް ޑިސެންބަރު 3 އިން ފެށިގެން އަލުން ފަށާނެ،" ފްލައިދުބާއީ ކުންފުނީގެ ތަރުޖަމާނު ވިދާޅުވި އެވެ.
ފްލައިދުބާއީން ޔަހޫދީ ދައުލަތުގެ ރަށްތަކަށް ކުރާ އުދުހުންތައް މެދުކަނޑައިލީ، ދުބާއީން ފުރައިގެން ތެލް އަވީވްއަށް ދަތުރުކުރި އެ ކުންފުނީގެ މަތިންދާބޯޓެއް ސެޕްޓެންބަރު މަހު ސަޢުދީ ޢަރަބިއްޔާއަށް ކުއްލި ގޮތަކަށް ޖައްސަން ޖެހުނު ހާދިސާއަކާ ގުޅިގެންނެވެ.
އެ ދަތުރުގައި ހަރަކާތްތެރިވި ޢުމާންގެ ކޯ-ޕައިލެޓް ބޯޓުގެ ކެޕްޓަނަށް ހަމަލާދިނީ ޔަހޫދީ ދައުލަތުގެ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓައިލުމުގެ މަގުސަދުގައި ކަމަށް ޔޫއޭއީގެ ޕަބްލިކް ޕްރޮސެކިއުޓަރު އޮކްޓޫބަރު މަހުގެ ކުރީކޮޅު ބުންޏެވެ. އެއީ، ދުރާލައި ރާވައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށް ވެސް ޕްރޮސެކިއުޓަރު ތުހުމަތުކުރެ އެވެ.
އެ ހާދިސާ ހިނގިއިރު ބޯޓުގައި 174 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ޔަހޫދީންގެ 166 މީހުން ހިމެނޭ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި، އެ ކޯ-ޕައިލެޓް މައިތިރިކޮށް ހުއްޓުވީ، ބޯޓުގައި ދަތުރުކުރި ފަސިންޖަރުން ކުރި މަސައްކަތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޯޓު ކުއްލިއަކަށް ގާތްގަނޑަކަށް 5,000 މީޓަރު ތިރިއަށް ވެއްޓެން ފެށުމުން، ފަސިންޖަރުން ކޮކްޕިޓާ ދިމާއަށް ދުވެ، ބޯޓުގެ ކޮންޓުރޯލު ހޯދުމަށް ކުރިމަތިލުމެއް ހިނގި ކަމަށް ފަސިންޖަރުން ކިޔައިދީފައިވެ އެވެ. ނަމަވެސް، މި ހާދިސާ ހިނގި ގޮތާމެދު ގިނަ ބަޔެއްގެ މެދުގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. އަދި، މިއީ ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ސަރުކާރުން ރާވައިގެން ކުޅެފައިވާ ޑުރާމާއެއް ކަމަށް ވެސް ބަޔެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.
އެމެރިކާ މެދުވެރިވެގެން 2020 ވަނަ އަހަރު އެކުލަވާލި އަބްރަހަމް މުއާހަދާގެ ދަށުން ޔަހޫދީ ދައުލަތާއި ޔޫއޭއީއާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުންތައް ގާއިމުކުރި ފަހުން، އެ ދެ ގައުމު ވަނީ ގާތް ބައިވެރިންނަށް ވެފަ އެވެ.
މަސްދަރު: ސީއެންއޭ











