ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީއަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން: ޝަރީފް
27 ނޮވެމްބަރު 2026 | ހުކުރު 07:34ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމަށް ފުލުހުންގެ ކޮލެޖުން ހިންގި ޕްރޮގްރާމް 150 މުވައްޒަފުން ފުރިހަމަކޮށްފި. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ މައި ދޮރާށީގެ ސަލާމަތީ ކަންކަމަކީ އެއްވެސް ހާލެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށް. އަދި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެއަރޕޯޓުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތަކީ އެހެން އިދާރާތަކުން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއްކަމަށް


އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު | ޕޮލިސް މީޑިޔާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީއަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ މުވައްޒަފުންނަށް ހިންގި ސެކިއުރިޓީ އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ އިގުތިސާދީ މައި ނާރު އަދި ދުނިޔެއަށް ހުޅުވިފައިވާ މައި ދޮރާށި ކަމަށެވެ.
އެގޮތުން، އެއަރޕޯޓުގެ އެތެރޭގެ ކަންކަން އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި، އެއަރޕޯޓުގެ ސެކިއުރިޓީ އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ހަމައެކަނި ކުންފުނީގެ ކާމިޔާބީއެއް ނޫން ކަމަށާއި އެއީ މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން، ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީއަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވާހަކަދައްކަވަމުން ވިދާޅުވީ އެއަރޕޯޓު ފަދަ ގައުމުގެ މުހިންމު ދޮރާއްޓެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމްއޭސީއެލްގެ ލީޑަރޝިޕުން ދެއްވާ އަހަންމިއްޔަތުކަމަކީ ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުން ވެސް ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ.
ފުލުހުންގެ ސީޕީ ވިދާޅުވީ ކުރިއަށް އޮތް އަހަރު ވެސް އެމްއޭސީއެލްއާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، އެޑްވާންސް ޕްރޮގްރާމަކަށް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ މުވައްޒަފުންނަށް ހިންގި ސެކިއުރިޓީ އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި 150 އޮފިސަރުން ވަނީ ދަސްވެނިވެ، ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 06 ބެޗަކަށް ބަހާލައިގެން 01 ފެބްރުއަރީ 2026 އިން 14 މެއި 2026 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ސެކިއުރިޓީ އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގާއި މަސައްކަތު މާހައުލުގެ ރިވެތި އާދަތަކާއި ކަމާގުޅޭ ގާނޫނުތަކާއި ދިމާވާ މައްސަލަތައް ގާނޫނީ އަދި އަމަލީ ގޮތުން ހައްލުކުރާނެ ގޮތްތަކުގެ އިތުރުން ފިޒިކަލް ފިޓްނަސްއާއި ސެލްފް ޑިފެންސްގެ އުކުޅުތައް އުނގަނައިދީފައިވެ އެވެ.











