ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމްތަކެއްގައި "އިހުތިރާމު އަދާކުރުން" ޚާއްސަ މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމައިފި
16 ނޮވެމްބަރު 2026 | ހޯމަ 10:34ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ހުރިހާ ތަމްރީނުތަކެއްގައި "އިހުތިރާމު އަދާކުރުން" މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމާފައިވާ ކަމަށް. މީގެ އިތުރުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމާއި އަތޮޅުތެރޭގެ ސްޓޭޝަންތަކަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސީޕީ ފާހަގަކުރެއްވި


ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ޚާއްސަ ޕެރޭޑެއްގެ ތެރެއިން | ޕޮލިސް
ޕޮލިސް ކޮލެޖުން ހިންގާ އަސާސީ ތަމްރީނު ކޯހާއި ކުރިއަށް ހުރި ހުރިހާ ތަމްރީނު ޕްރޮގްރާމުތަކެއްގައި "އިހުތިރާމު އަދާކުރުން" ޚާއްސަ މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމައިފި އެވެ.
ލ. ހިތަދޫގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި، އެ ރަށުގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ، ސަރުކާރުން އިފްތިތާހުކުރި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ސީޕީ ވިދާޅުވީ، އިހުތިރާމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައާއި އެހެން ފަރާތްތަކާ އެކު ކުރެވޭ މުއާމަލާތްތަކުގައި ވެސް ކޮންމެ ފުލުހަކު ހިފަހައްޓަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ. އަދި މި އަސާސް ހަރުދަނާކުރުމުގެ ގޮތުން ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ޚާއްސަ ތަމްރީނުތައް ހިމެނޭހެން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫއަކީ ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސްލަހަތު ދެމެހެއްޓުމަށް ދެމުންދާ ޚާއްސަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ކިތަންމެ ކުޑަ މުޖުތަމައެއް ނަމަވެސް، އަމަންއަމާންކަން ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިފައި ނެތް ނަމަ އެ ތަނެއްގެ ކުރިއެރުމަށް ގިނަ ދޮރުތަކެއް ބަންދުވެގެންދާނެކަން ސީޕީ ފާހަގަކުރެއްވި އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް ނިންމައި ހުޅުވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި ފުލުހުންގެ ސީޕީ ވިދާޅުވީ، މި މަރުކަޒުގައި ޚިދުމަތް ފެށިއިރު މުވައްޒަފުންގެ އަދަދު މަދުވި ނަމަވެސް، އަތޮޅުތެރޭގެ ސްޓޭޝަންތަކަށް ބޭނުންވާ ފުލުހުން ހަމަކުރުމަށް މިހާރު އިއުލާނުކޮށްފައިވާ ރެކްރޫޓްމަންޓް މަރުހަލާތަކާއެކު، ކުރިއަށް އޮތް ތަނުގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް އިތުރު ފުލުހުން ހަމަޖެހޭނެ ކަމަށެވެ.
ސީޕީ ވިދާޅުވީ، ކުދި މުޖުތަމައުތަކުގައި ފުލުހުންގެ މަސައްކަތް ކާމިޔާބު ކުރެވޭނީ ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކޮށް، ދެފަރާތުގެ ދެމެދުގައި އޮންނަ އިތުބާރު ބަދަހިކޮށްގެން ކަމަށެވެ. އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް ޚިދުމަތް ދިނުމަށް ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ސީޕީ އިރުޝާދު ދެއްވި އެވެ.











