އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
24 ނޮވެމްބަރު 2026 | އަންގާރަ 08:45ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވާ "ބްރަދަރ އަބްދުﷲ" އަކީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުތޯ މަޖިލީހުގައި ކުރި ސުވާލަށް އެމަނިކުފާނު ޖަވާބެއް ނުދެއްވި. އޭގެ ބަދަލުގައި މިނިސްޓަރު ވަނީ ރަސްމާލެ މަޝްރޫއަކީ ދިވެހިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭނެ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ތަނެއް ކަމަށް ވިދާޅުވެ އެ މަޝްރޫއު ދިފާއުކުރައްވާފައި


އެއްބަސްވުމުގައި ޔޫއޭއީގެ އީގަލްސް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވުމަށްފަހު | ހައުސިންގ މިނިސްޓްރީ
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުތޯ ސުވާލު ކުރެއްވުމުން މިނިސްޓަރު މުއްތަލިބު އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރަސްމާލެ މަޝްރޫއުގެ ދިފާއުގައި ވާހަކަދައްކަވައިފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރަސްމާލެގެ ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ރަސްމާލެގައި ގާއިމުކުރެވޭނެތޯ އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލު ކުރައްވާފަ އެވެ.
މި ސުވާލުތަކުގެ ޖަވާބުގައި މެންބަރު ބޭނުންވަނީ ދިވެހީން ނިދަން އަރާ ހާލިތަކެއް ހަދަން ކަމަށް ވިދާޅުވެ ރަސްމާލެ މަޝްރޫއުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.
އެއްވެސް ވަރަކަށް ވަޒީފާގެ ފުރުސަތެއް ކާންބޯން ކުރާނެ މަސައްކަތެއް އޮތް ތަނެއް ތަރައްގީ ކުރަން ބޭނުންފުޅު ނުވޭ ކަންނޭނގެ. އެގޮތަށް ސިފަ ވަނީ. މިސާލަކަށް ހުޅުމާލެ 1997 ވަނަ އަހަރު ހިއްކަން ފަށައިގެން އެތާ މީހުން ދިރިއުޅެ 2018 ވަނަ އަހަރު ބްރިޖް އެޅެން ދެން އެތަނަކީ ހަމަ ނިދަން އަރާ ހާއްޔެއްޑރ އަބްދުﷲ މުއްތަލިބު
މިސަރުކާރުން މިއުޅެނީ މާލެ ސިޓީއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭ ފަދަ ތަނެއް ތަރައްގީކުރަން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. އަދި ރަސްމާލެ މަޝްރޫއަށް ހުރަސް އެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ތަނަވަސް ކަމަށް ހުރަސްއެޅުން ގޮތުގައި މިނިސްޓަރު މުއްތަލިބު ސިފަކުރެއްވި އެވެ.
ނަމަވެސް ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ކުރެއްވި ސުވާލަށް އެއްވެސް ޖަވާބެއް މިނިސްޓަރު ނުދެއްވާ އެެވެ.
ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި "އަބްދުﷲ" ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމަށް ވިދާޅުވިކަން އިތުބާރު ހުރި ގޮތަކަށް "ރާއްޖެއެމްވީ" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.










