ނާލާފުށި ބިން ހިއްކުން: ކައުންސިލް އިންތިހާބާއި ދިމާކޮށް ޖެހި ބައުންޑްރީ ވޯލް އެއްކޮށް ގިރާލައިފި
24 ނޮވެމްބަރު 2026 | އަންގާރަ 11:46މ. ނާލާފުށީ ބިން ހިއްކުމުގެ މަޝްރޫއު އީއައިއޭ ރިޕޯޓެއް ނެތި ކުރިއަށްގެންދާތީއާއި، ރަށުގެ ހިލަތޮށި ކަނޑާލުމުގެ ސަބަބުން ބައުންޑްރީ ވޯލް އެއްކޮށް ގިރައިގެންދާ މައްސަލައިގައި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މީގެ އިތުރުން ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ނަރުދަމާ ހޮޅިތަކުގެ މައްޗަށް ފަސްއަޅަމުންދާ ކަމަށް ބުނެ، މި މަޝްރޫއަކީ ކައުންސިލް އިންތިހާބުން ވަކި ގޮނޑިތަކެއް ކާމިޔާބު ކުރަން ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށް ތުހުމަތުކޮށްފައި

ނާލާފުށި ބިން ހިއްކުން: ކައުންސިލް އިންތިހާބާއި ދިމާކޮށް ޖެހި ބައުންޑްރީ ވޯލް އެއްކޮށް ގިރާލައިފި | ރާއްޖެ އެމްވީ
މ. ނާލާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖެހި ބައުންޑްރީ ވޯލް ގިރައިގެން ގޮސްފައިވާތީ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނާލާފުށި ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާއި ދިމާކޮށް ބައުންޑްރީ ވޯލް ކޮންމެވެސް ހިސާބަކަށް ޖަހާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ބޮންޑްރީ ވޯލް އެއްކޮށް ގިރާލާފައިވާ ކަމަށް ޒުހައިދު ވިދާޅުވި އެވެ.
ހަމައެއާއެކު ރަށުގެ ދެ ދިމާލަކުން ތޮށިގަނޑު ވެސް ކަނޑާލާފައިވާ ކަމަށާއި މިކަން ކުރީ ކައުންސިލްގެ ހުއްދަ ނުހޯދާ ކަމަށް ޒުހައިދު ވިދާޅުވި އެވެ.
ދެން ހަމަ މިބުނާހެން ހިލަތޮށި ވެސް ރަށުގެ ދެ ދިމާލަކުން މިއޮތީ ކަނޑާލާފައި މިއީ ރަށްގިރުން ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން ޖަހާފައި އޮތް ތޮއްޓެއް މި ތޮއްޓަކީ، ތޮށި ކަނޑާލައިގެން މިއުޅެނީ ދެ ދިމާލަކުން ކަނޑާލައިގެން ބައުންޑްރީ ވޯލް ޖަހަން ހައިމާކު ފައިބާފައި މިވަނީއިބްރާހީމް ޒުހައިދު
ޒުހެއިދު މީގެ ކުރިން ވެސް ވަނީ މި މަޝްރޫއުގެ ކަންބޮޑުވުން ފާޅުކުރައްވާ، ބިން ހިއްކުމުގެ މަސައްކަތް ފެށީ އީއައިއޭ ނުހަދާ ކަމަށާއި މިއަދާއި ހަމައަށް ވެސް އެއްވެސް އީއައިއޭ ރިޕޯޓެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރޮޖެކްޓްގެ އަޕްޑޭޓް ބެލުމަށް އެމްޓީސީސީ އަށް ގުޅުމުން އެންމެ ފަހުގެ އަޕްޑޭޓަކީ އީއައިއޭ ރިޕޯޓު ނުލިބުން ކަމަށް ބުނި ކަމަށާއި ލިބުނުހާ އަވަހަކަށް ޑްރެޖަރު ފޮނުވާނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާލާފުށީގައި ބޭނުން ކުރަމުން ދަނީ އަމިއްލަ ފަރާތަކުން އަޅާފައިވާ ނަރުދަމާއެއް ކަން ފާހަގަކުރައްވައި، ރައްޔިތުންނާއި މަޝްވަރާކުރުމެއް ނެތި ބިން ހިއްކަން ފަސްތައް އަޅަނީ ނަރުދަމާ ހޮޅިތަކުގެ މައްޗައް ކަމަށް ޒުހައިދު އިތުރަށް ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ހޯދައިދީ ބިން ހިއްކުމުގެ މަސައްކަތް ކުރަން ކައުންސިލުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއަކީ ކައުންސިލް އިންތިހާބުން ވަކި ގޮނޑިތަކެއް ކާމިޔާބު ކުރަން ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށް ވެސް ޒުހެއިދު ތުހުމަތުކުރެއްވި އެވެ.











