ތައުލީމާއި، ވަޒީފާގެ ފުރުސަތަށްޓަކައި ކޯޒްވޭގެ މަސައްކަތް ނާލާފުއްޓަށް މުހިއްމު، ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށް ނުދިއުން!
2 އޯގަސްޓު 2026 | އާދީއްތަ 06:38މ. މުއްޔާއި ނާލާފުށި ގުޅާލުމަށް ކުރިއަށްގެންދާ ކޯޒްވޭގެ މަޝްރޫއު ހުއްޓި، އެއްވެސް އަދާހަމައެއް ނުލިބޭތީ ނާލާފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް މުއްޔަށް ބަރޯސާވާންޖެހޭ ނާލާފުށީ ރައްޔިތުންނަށް މި މަޝްރޫއު ލަސްވުމުގެ ސަބަބުން ދަތުރުފަތުރުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށް ކައުންސިލުން ބުނޭ. އެހެންކަމުން މި މަސައްކަތް އަވަސްކޮށްދިނުމަށް ރަށުގެ ރައްޔިތުން ދަނީ އެދެމުން

ތައުލީމާއި، ވަޒީފާގެ ފުރުސަތަށްޓަކައި ކޯޒްވޭގެ މަސައްކަތް ނާލާފުއްޓަށް މުހިއްމު، ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށް ނުދިއުން! | ރާއްޖެ އެމްވީ
މީމު އަތޮޅު މުއްޔާއި ނާލާފުށި ގުޅާލުމަށް ކުރިއަށްގެންދާ ކޯޒްވޭގެ މަޝްރޫއު ހުއްޓި، މަސައްކަތުގެ އެއްވެސް އަދާހަމައެއް ނުލިބޭތީ ނާލާފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީއާ މައުލޫމާތު ހިއްސާކުރަމުން ނާލާފުށީ ކައުންސިލުން ބުނީ، މިއީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ މަޝްރޫއެއް ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ވެސް ރައްޔިތުންނަށް ހުވަފެންތަކެއް ދައްކަމުން އައި މަޝްރޫއެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދައުރުން ފެށިގެން މިއަދާ ހަމައަށް ވެސް މި މަޝްރޫއުގައި އަމަލީ ސިފައެއް ޖެހިފައި ނުވާކަން ކައުންސިލުން ފާހަގަކުރެ އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މި މަޝްރޫއު ބަޔަކާ ހަވާލުކުރި ނަމަވެސް، އޭރުވެސް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެ އެވެ.
މ މުއްޔާއި ނާލާފުށީ ކޯޒްވޭ ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި އެމްޑީޕީ ސަރުކާރުން ހަވާލުކުރީ 30 އޮގަސްޓް 2023 ގަ އެވެ. މުލި-ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ އަގަކީ 125,587,778.40 ރ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މިހާރު އޮތް ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް މި މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރަމުން ކައުންސިލުން ބުނީ، މަސައްކަތް ހުއްޓިފައި އޮތް ސަބަބެއް ނުވަތަ މަސައްކަތް ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ހިއްސާކުރަމުން ނުދާ ކަމަށެވެ. މިއީ ރަށުގެ ތަރައްގީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ކައުންސިލުން ދެކެ އެވެ.
ނާލާފުށީ ރައްޔިތުންނަށް މި ކޯޒްވޭ މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ، އެ ރަށުގެ ތައުލީމީ ދާއިރާއާއި ވަޒީފާގެ ފުރުސަތުތައް މުލީގެ މުއައްސަސާތަކާ ގުޅިފައި އޮތުމެވެ. ނާލާފުށިން ކިޔަވަންދާ ދަރިވަރުންނަށް ފެރީގެ ހިދުމަތް ހަމަޖައްސާފައި އޮތް ނަމަވެސް، މޫސުން ގޯސްވާ ދުވަސްވަރު ކަނޑުގަދަވުމުގެ ސަބަބުން ދަރިވަރުންނަށް ދަތުރުކުރުމުގައި ބޮޑެތި ނުރައްކާތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހެ އެވެ.
މީގެ އިތުރުން، މުލީގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ނާލާފުށީގެ ގިނަ ރައްޔިތުން ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހެ އެވެ. ކޯޒްވޭއަކުން ދެ ރަށް ގުޅާލެވިއްޖެނަމަ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ނާލާފުށީގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ. އެހެންކަމުން މި މަޝްރޫއު އަވަސްކޮށްދިނުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.







