ލާމު ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގެ ސީލިންގުގެ ބައެއް ވެއްޓިއްޖެ، މީހަކަށް ގެއްލުމެއް ނުވޭ
22 ނޮވެމްބަރު 2026 | އާދީއްތަ 07:40ލާމު ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ އޭސީއަކުން ފެން ލީކުވެ ސީލިންގުން ބައެއް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. މި މައްސަލަ މިހާރު ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނެސްފައިވާއިރު، ހޮސްޕިޓަލުގެ ފެންވަރު ދަށްވުމުގެ ސަބަބުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި


ލާމު ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގެ ސީލިންގުން ފިލައެއް ވެއްޓި ހާދިސާއެއް ހިނގައިފި | ލާމު އެމްވީ
ލާމު ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގެ ސީލިންގުން ފިލައެއް ވެއްޓި ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ވެއްޓިފައިވަނީ އައިސީޔޫގެ ސީލިންގުގައި އަޅާފައި ހުރި ޖިޕްސަމް ބޯޑުތަކުގެ ތެރެއިން ބައެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ހޮސްޕިޓަލުން ބުނީ، އައިސީޔޫގައި ހަރުކޮށްފައި ހުރި އޭސީއަކުން ފެން ލީކުވުމުގެ ސަބަބުން ސީލިންގުގެ އެ ފިލާގަނޑު އޮތީ ވަރަށް ބޮޑަށް ފޯވެފައި ކަމަށެވެ. ފިލާގަނޑު ވެއްޓުނީ އެކަމުގެ ސަބަބުން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ނަމަވެސް، މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި މީހަކު ނެތުމުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމުގެ ޔަގީންކަން ހޮސްޕިޓަލުން ވަނީ ދީފަ އެވެ.
ހޮސްޕިޓަލުން އިތުރަށް ބުނި ގޮތުގައި، ސީލިންގުން ފިލާގަނޑު ވެއްޓުމާއެކު އެ ތަން މިހާރު ވަނީ މަރާމާތުކޮށްފަ އެވެ. އަދި މި ހާދިސާގެ ސަބަބުން އައިސީޔޫއިން ދެމުންދާ އެއްވެސް ހިދުމަތަކަށް ބުރޫއަރާފައި ނުވާކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތްތައް އާންމު އުސޫލުން ކުރިއަށްދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ހޮސްޕިޓަލުގެ އޭސީއިން ފެން ލީކުވާ މައްސަލައަކީ މަސްތަކެއް ވެފައިވާ ބޮޑު މައްސަލައެކެވެ. އެކަން ހައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާތީ، މިއީ ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.






