ސީޕްލޭނެއް ފާލަމުގައި ޖެހި ހިނގި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަނީ
12 ނޮވެމްބަރު 2026 | ބުރާސްފަތި 13:06ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ޓާމިނަލުން ސީޕްލޭނެއް ނައްޓާލަން އުޅުމުގެ ތެރޭގައި ފާލަމުގައި ޖެހި ހިނގި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަން ފަށައިފި. މި ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑަންޓަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. ތަހުގީގަށްފަހު މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް އެ ބޯޑުން ބުނޭ


ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގާ ކެބިން ކުރޫއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައި | ރާއްޖެ އެމްވީ
ސީޕްލޭނެއް ފާލަމުގައި ޖެހި ހިނގި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަމުންދާ ކަމަށް އެ ބޯޑުން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި އޮތް ސީޕްލޭނެއް ފާލަމުގައި ޖެހި ހިނގި ހާދިސާއެއްގައި މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހާދިސާ ހިނގީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ ސީޕްލޭނެއް ފާލަމުން ނައްޓާލަން އުޅުމުގެ ތެރޭގައި ފާލަމުގައި ޖެހިގެން ކަމަށް އެ ބޯޑުން މައުލޫމާތު ދީފައިވެ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ ބޯޓުގައި މަސައްކަތްކުރާ ކެބިން އެޓެންޑަންޓަކަށެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެ ބޯޑުން ހާމައެއް ނުކުރެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ބުނެ އެވެ.
އެގޮތުން މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށާއި އަދި ތަހުގީގަށް ފަހު ކަން ހިނގާދިޔަ ގޮތުގެ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ބޯޑުން ވަނީ ބުނެފައި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އަކީ ދިވެހިރާއްޖޭގެ އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓްތައް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާއެކެވެ. މި އިދާރާ އުފައްދަވާފައިވަނީ 8 އޭޕްރީލް 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުންނެވެ.











