ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:14ފަރަންސޭސިވިލާތުގެ ރޫއާންގުއާއި ކާންގއާ ދެމެދު ދަތުރުކުރި ރޭލެއް ދަގަނޑުމަތިން ކަސިޔާރުވެ ހިނގި ނުރައްކާތެރި ހާދިސާގައި 44 މީހަކަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން ދަނީ ފަރުވާދެމުން. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރޭލު ދަތުރުތައް މެދުކަނޑާލައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުން


ފަރަންސޭސިވިލާތުގައި ރޭލެއް ދަގަނޑުމަތިން ކަސިޔާރުވެ ހިނގި ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގައި އޮފިޝަލުން ހަރަކާތްތެރިވަނީ | އޭއެފްޕީ
ފަރަންސޭސިވިލާތުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުކުރު ދުވަހު ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުމަތިން ކަސިޔާރުވެ ހިނގި ހާދިސާއެއްގައި 44 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
އެ ގައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ފިލީޕް ޓާބާރޯ ވިދާޅުވީ، 186 ފަސިންޖަރުންނާ އެކު ނޯމަންޑީގެ ރޫއާންގުއާއި ކާންގއާ ދެމެދު ދަތުރުކުރި މި ރޭލު ދަގަނޑު މަތިން ބޭރަށްނ ކައްސައިލާފައި ވަނީ ހުކުރު ދުވަހުގެ ރޭގަނޑު، އެ ގައުމުގެ ގަޑިން 7:45 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކުއްލި ހާލަތްތަކުގައި އަމަލުކުރާ ކުއްލި ނުރައްކަލުގެ ޕްލޭން އެކްޓިވޭޓްކޮށް، ހަރަކާތްތެރިވާން ފަށާފަ އެވެ. އަދި، ހާދިސާ ހިނގި ސަރަހައްދުގައި 130 ފަޔަރ ފައިޓަރުންނާއި، މެޑިކަލް ފަސް ޓީމެއްގެ އިތުރުން 80 އުޅަނދު ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާތަކުން ބުނެ އެވެ.
ރޫއާންގެ ޕްރޮސެކިއުޓަރު ސެބާސްޓިއަން ގަލްވާ ވިދާޅުވީ، މި ހާދިސާގައި 44 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 18 އަހަރުގެ އަންހެނެއްގެ ހާލު ވަރަށް ސީރިއަސްވުމުގެ ސަބަބުން، ކުއްލި ހާލަތުގައި އޭނާ ވަނީ އެ ސަރަހައްދުން ބަދަލުކޮށްފަ އެވެ. އަދި ސެން-މެރިޓައިމް ޕްރިފެކްޗާގެ އޮފިޝަލުން ވިދާޅުވީ، ހާލު ސީރިއަސްވި ޒުވާނާ ހަސްފަތާލުގައި ރޫއާންގެ ހަސްފަތާލަކަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ރޭލުގައި ހުރި އުމުރުން 24 އަހަރުގެ ލުއީ ނަމަކަށް ކިޔާ ފަސިންޖަރަކު ބުނީ، ކުއްލިއަކަށް ރޭލަށް ލޮޅުންތަކެއް އެރި ކަމަށާއި، އޭގެ ތިން ސިކުންތެއްހާއިރު ފަހުން އެ ލޮޅުންތައް ވަރަށް ބޮޑަށް ގަދަވި ކަމަށެވެ. އަދި، އެ ވަގުތު ގޮނޑީގައި އިށީނދެގެން އިނުމަށް އުނދަގޫވި ކަމަށާއި، ރޭލުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް ދަގަނޑު ދަށުގައި ހުރި ހިލަތައް ރޭލުގެ ކެރިޖް ތެރެއަށް ބުރުއްސައިގެން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި، މިއީ ވަރަށް ބިރުވެރި ތަޖުރިބާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ފަރަންސޭސިވިލާތުގެ ރޭލު ނެޓްވޯކް ބަލަހައްޓާ ކުންފުނިން ބުނީ، އެމަޖެންސީ ޚިދުމަތްތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ރޫޓުގެ ދަތުރުތައް މެދުކަނޑާލައި، ރޭލު ދަގަނޑުތަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އަދި، މި ވަގުތު އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި، އޭގެ ފަހުން ރޭލުގެ ދަތުރުތައް ރައްކާތެރިކަމާ އެކު އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕްރޮސެކިއުޓަރު ގަލްވާ ވިދާޅުވީ، ރޭލު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޓެސްޓު ކުރިއިރު، ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާގުޅޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ










