ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
13 އޮކްޓޯބަރު 2026 | އަންގާރަ 07:49ޕާކިސްތާނުގެ ކަރާޗީން ޕިޝާވަރަށް ދަތުރުކުރި 'ރަހްމާން ބާބާ އެކްސްޕްރެސް' ރޭލުގެ 14 ކޯޗު ދަގަނޑުމަތިން ކަހާލައިގެން ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް ބޮޑުވަޒީރު ވަނީ އަންގަވާފައި. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާއިރު، މީގެ ކުރިންވެސް އެ ގައުމުގައި ނުރައްކާތެރި ރޭލު ހާދިސާތައް ހިނގާފައިވޭ


ޕާކިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓުގައި، ދަގަނޑުމަތިން ކަހާލާފައިވާ ރޭލުގެ ކާރުތައް ކައިރީގައި ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުން ހަރަކާތްތެރި ވަނީ | އަނަދޮލު އޭޖެންސީ
ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގައި އަންގާރަ ދުވަހުގެ ކުރީކޮޅު ފަސިންޖަރުން އުފުލާ ރޭލެއް، ރޭލު ދަގަނޑުމަތިން ނެއްޓި ހިނގި ހާދިސާއެއްގައި ފަސް މީހުން މަރުވެ، އިތުރު 30 މީހުން ޒަޚަމުވެއްޖެ އެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ރޭލު ދަގަނޑުން ނެއްޓިފައި ވަނީ ރަހްމާން ބާބާ އެކްސްޕްރެސްގެ ރޭލެއް ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ޝޭރް ޝާހް ބުރިޖު ކައިރިންނެވެ. މި ހާދިސާގައި، އެ ރޭލުގެ 14 ކޯޗު ނުވަތަ ކާރު، ދަގަނޑުމަތިން ބޭރަށް ކަަހައިލި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަންގާރަ ދުވަހުގެ ފަތިހު ޕާކިސްތާން ގަޑިން 5:15 ހާއިރު މި ހާދިސާ ހިނގިއިރު، އެ ރޭލު ދަތުރުކުރަމުން ދިޔައީ ދެކުނުގެ ބަނދަރުމަތީ ރަށް ކަމަށްވާ ކަރާޗީން ފުރައިގެން ހުޅަނގު އުތުރުގެ ޕިޝާވަރަށް ކަމަށް، އެ ރޭލުން ދަތުރުކުރި ފަސިންޖަރަކު ބުންޏެވެ.
ޕާކިސްތާނުގެ ޝޭރް ޝާހް ބުރިޖު ކައިރީގައި ހިނގި ރޭލު އެކްސިޑެންޓުގެ މަންޒަރުތައް | އެކްސް
ރެސްކިއު ޓީމުތަކުން ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް، އަނިޔާވި މީހުން މުލްތާންގެ ނިޝްތާރު ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. ރޭލުގެ 13 ކޯޗެއް މިހާރު ހުސްކުރެވިފައިވާއިރު، ބާކީ އޮތް ކޯޗުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް، އޮފިޝަލުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށާއި، އަނިޔާވި ފަރާތްތަކަށް ވަގުތުން ބޭސްފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށް، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
ރޭލު ދަނގަނޑުތަކުގެ މަތިން ނެއްޓުމުގެ ކުރިން ރޯހްރީ ކައިރިން އެ ރޭލުގެ ނުވަތަ ކޯޗަށް ވަނީ މަރާމާތަތަކެއް ގެނެސްފަ އެވެ. މި ގޮތުން، އެ ކޯޗުގައި ބޭނުންކޮށްފައި ހުރި ނަޓުތަކާއި ބޯލްޓުތައް ބަދަލުކޮށް، މަރާމާތުކޮށްފައިވާ ކަމަށް، މަންޒަރު ފެނުނު ފަސިންޖަރަކު ބުންޏެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް ޕާކިސްތާނުގައި ފުރާނައަށް ނުރައްކާވާ ފަދަ ރޭލު އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. 2023 އޮގަސްޓުގައި ދެކުނުގެ ސިންދު ޕްރޮވިންސްގެ ނަވާބްޝާހް ކައިރިން ހަޒާރާ އެކްސްޕްރެސްގެ ރޭލެއް، ދަގަނޑުމަތިން ނެއްޓި ހިނގި ހާދިސާގައި 30 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











