ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!
9 އޮކްޓޯބަރު 2026 | ހުކުރު 08:23ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި. ލައިސެންސް ނެތި މަސްތުގެ ހާލަތުގައި ހުރެ އޭނާ ދުއްވި ސައިކަލުން ޖެހި ހިނގި މި ހާދިސާގެ ތަހުގީގަށް ބޭނުންވާ ސީސީޓީވީ ފުޓޭޖާއި ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވޭ


މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހަސަން. | ސޯޝަލް މީޑިއާ
މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހަސަން ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 21 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު އެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ށ.ފޯކައިދޫ، މަގުމަތީގެ، 26 އަހަރުގެ އާއިޝަތު މާހިދާ އަށް އޭޑީކޭ ހޮސްޕިޓަކްގައި ފަރުވާ ދެމުންދަނިކޮށް، 25 ސެޕްޓެންބަރު 2026 ގައި ވަނީ ނިޔާވެފަ އެވެ. މި އެކްސިޑެންޓުގައި މާހުގެ އިތުރުން 22 އަހަރުގެ ދެ ފިރިހެނަކަށް އަނިޔާވެފައިވެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހައްޔަރުކުރީ 22 ސެޕްޓެންބަރު 2026 ގަ އެވެ. އަދި އޭނާ ގެ ބަންދަށް ފުރަތަމަ ކޯޓުން ޖެހީ، 15 ދުވަހެވެ. ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން، 8 އޮކްޓޫބަރު 2026 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފަރުވާކުޑަ އަމަލަކުން މީހަކު މަރުވުމުގެ މައްސަލައިގައި މާހު ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްފައިވާއިރު، އޭނާ ގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެގޮތުން އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތުގެ ބަޔާނާއި، މާހިދާގެ މަރު ފޯމާއި، އެކްސިޑެންޓާއި ގުޅިގެން މާހިދާ ހޯދާފައިވާ ފަރުވާގެ މެޑިކަލް ލިޔުންތަކާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓާއި، ހާދިސާ ރިޕޯޓާއި، ޓްރެފިކް ވައިލޭޝަން ރެކޯޑާއި، ކުށުގެ ރެކޯޑު ހުށަހަޅާފައިވެ އެވެ.
ބަންދުގައި ބަހައްޓަންޖެހޭ ހާލަތާ ގުޅޭގޮތުން ކޯޓު އަމުރުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު)ގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
އޭނާ ގެ ބަންދާ ގުޅިގެން ފާހަގަކުރާނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށާއި، އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މާހު، ސައިކަލު ދުއްވާފައިވަނީ މަސްތުހާލުގައި ހުރެ ލައިސެންސް ވެސް ނެތި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މައްސަލައިގައި ތަހުގީގު ނިމުމުން ތުހުމަތު ކުރެވޭ މީހާ ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މިއެކްސިޑެންޓް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ވެސް މަސްތުގެ ހާލަތުގައި އުޅަނދު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. މިފަހުން މާލެސިޓީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި 7 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ ދަންވަރު ހުޅުމާލެ ފޭސް-2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ، ދެމީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.











